Roadha Mihaaru
މާކުރިން ފިލްމު ފެނިއްޖެ، ނިމޭ ގޮތް އެނގޭ: އުމަރު

މާ ކުރިން ފިލްމު ފެނިއްޖެ، ނިމޭ ގޮތް އެނގޭ: އުމަރު

01 ޖޫން 2016

މާކުރިން ފިލްމު ފެނިއްޖެ ކަމަށާއި އެ ފިލްމު ނިމޭ ގޮތް ވެސް އެނގޭ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާކުރިން ފިލްމު ފެނިއްޖެ ކަމަށާއި އެ ފިލްމު ނިމޭ ގޮތް ވެސް އެނގޭ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިސްވެ ހުންނަވައިގެން މިއަދު އިއުލާނު ކުރެއްވި "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އަށް ހޯމް މިނިސްޓަރު ފާޑު ވިދާޅުވި އިރު އެ ކޯލިޝަނުން ވަނީ ރައީސްކަމުން އަބްދުﷲ ޔާމީން ދުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މި އިއްތިހާދުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމްގެ ފަރާތްޕުޅުން ވެސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. މި އިއްތިހާދުން ފެންނަ ގިނަ ބޭފުޅުންނަކީ މި ސަރުކާރާއެކު ކޯލިޝަން ހަދައި އަދި ސިޔާސީ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅުންކަން ވެސް ފާހަގަކުރެވެ އެވެ.

އިދިކޮޅު އިއްތިހާދުން ހިޔަނި ކެބިނެޓެއް ވެސް ވަނީ މިއަދު އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި ބޭފުޅުން ހިމެނެ އެވެ. ޖަލު ހުކުމް ތަންފީޒުކުރައްވަމުން އަންނަ ތިން ބޭފުޅުން ކަމަށްވާ، ނަޝީދާއި އިމްރާން އަދި ނާޒިމް ހިމެނިވަޑައިގަންނަވަނީ ކެބިނެޓަށް ލަފާދެއްވާ ބޭފުޅުންގެ ތެރޭގަ އެވެ.

އިއްތިހާދު ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި، ޓެރަރިޒަމްގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދިއުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައވާ ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެސް ކޯލިޝަނެއް އުފެއްދި ކަމަށާއި ނަމަވެސް މިފަހަރު އިދިކޮޅު އެކުވެރި އިއްތިހާދު ނިކުންނަނީ ގައުމަށްޓަކައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިއްތިހާދެއް އުފެއްދިޔަސް ސަރުކާރުން ބުނަނީ އެކަމުގެ ސަބަބުން އަންނާނެ ގޮންޖެހުމެއް ނެތް ކަމަށެވެ. ޑިމޮކްރަސީއެއްގައި ސިޔާސީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި ވެރިކަންކުރާ ޕާޓީގެ ވަރުގަދަ ސަރުކާރެއް ގާއިމްވެފައި އޮތްއިރު އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އެރުމަކީ ޑިމޮކްރަސީގައި ފެންނަ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި އެވެ.