Roadha Mihaaru
މަދަނީ އިޖްރައާތު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް!

މަދަނީ އިޖްރައާތު ގާނޫނު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް، ވަކީލުންގެ ކަންބޮޑުވުން

07 ޖޫން 2022

މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ކޮންމެ ކޯޓަކުން އަމިއްލައަށް ހެދުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ. މިގޮތަށް ހެދުމުން ކޮންމެ ރަށެއްގެ ކޯޓުން ވަކި ގަވާއިދެއް ގެންގުޅޭތީ ބައެއް ވަކީލުންގެ ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ކޮންމެ ކޯޓަކުން އަމިއްލައަށް ހެދުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ. މިގޮތަށް ހެދުމުން ކޮންމެ ރަށެއްގެ ކޯޓުން ވަކި ގަވާއިދެއް ގެންގުޅޭތީ ބައެއް ވަކީލުންގެ ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އާންމުކޮށް ޝަރީއަތް ކުރުމާ ބެހޭ މިފަދަ ގަވާއިދުތައް ހަދަން ގާނޫނުތަކުން ލާޒިމްކުރަނީ ސުޕްރީމް ކޯޓަށެވެ. އެކަމަކު މިމަހު އަމަލުކުރަން ފަށާ މަދަނީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޝަރީއަތް ކުރުމާބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭ ކަމާބެހޭ ކޯޓުތަކުންނެވެ. ސުޕްރީމް ކޯޓުގެ ދައުރެއް ނެތެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ އެ ގާނޫނުގެ ދަށުން ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް އެ ކޯޓެއްގެ އިޖްރައާތާ އެއްގޮތަށް ހެދުމަށް އަންގާ ކަމަށެވެ. އަދި އެކަމަށް ބޭނުން ކުރެވިދާނެ 374 ސޮފްހާގެ ނަމޫނާ ގަވާއިދެއް ސުޕްރީމް ކޯޓުން އިއްޔެ އާންމުކުރި އެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި މިގޮތަށް ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 425 ވަނަ މާއްދާގެ ހ. ގައި އެހެން އޮންނާތީ އެވެ. އެ މާއްދާގައި އޮންނަނީ؛

⬤ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޝަރީއަތްކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް ހަދާނީ ކަމާބެހޭ ކޯޓަކުންނެވެ.

ރަށްރަށުގައި 200 އަށް ވުރެ ގިނަ މެޖިސްޓްރޭޓް ކޯޓު ހުންނާތީ ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން ޖެހުމުން އެކި ރަށްރަށުގައި އޮންނާނީ އެކި ގަވާއިދެވެ. މިކަމާ ގުޅިގެން ބައެއް ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮންމެ ރަށެއްގެ ކޯޓަށް ވަކި ގަވާއިދެއް އޮތުމުން ބޮޑެތި މައްސަލަތަކެއް ނިކުންނާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން ހަދާ ނަމޫނާ ގަވާއިދާ އެއްގޮތަށް ހުރިހާ ކޯޓުތަކުން ގަވާއިދު ހަދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ.

މި ގަވާއިދުތައް މި މަހުގެ 16 ވަނަ ދުވަހު އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދަންޖެހެ އެވެ.