Roadha Mihaaru
ދެން ވަކީލު ފީ ދައްކަންޖެހޭނީ ނާކާމިޔާބުވާ މީހާ

މަދަނީ އިޖްރައާތުގެ ގާނޫނު: ވަކީލު ފީ ދައްކަންޖެހޭނީ ނާކާމިޔާބުވާ މީހާ

23 މެއި 2022

އަންނަ މަހު އަމަލުކުރަން ފަށާ މަދަނީ އިޖްރައާތުގެ ގާނޫނަކީ ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް ވޭތުވެދިޔަ ބައި ގަރުނު ތެރޭގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލެވެ. މުދަލާއި ފައިސާ އާއި ވިޔަފާރި ފަދަ އާންމުންނާ ގުޅުންހުރި ނިޒާމަކަށް މިހާ ބޮޑު ބަދަލެއް އަންނައިރު، ކުރިން ހީކުރެވިފައިވާ މިންވަރަށް ވުރެ މިކަން ބޮޑެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ މަހު އަމަލުކުރަން ފަށާ މަދަނީ އިޖްރައާތުގެ ގާނޫނަކީ ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް ވޭތުވެދިޔަ ބައި ގަރުނު ތެރޭގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލެވެ. މުދަލާއި ފައިސާ އާއި ވިޔަފާރި ފަދަ އާންމުންނާ ގުޅުންހުރި ނިޒާމަކަށް މިހާ ބޮޑު ބަދަލެއް އަންނައިރު، ކުރިން ހީކުރެވިފައިވާ މިންވަރަށް ވުރެ މިކަން ބޮޑެވެ.

އަންނަ މަހު 16 ވަނަ ދުވަހު އަމަލުކުރަން ފަށާނެ އެ ގާނޫނުގެ ދަށުން އަންނަ އެންމެ ބޮޑު އެއް ބަދަލަކީ ކޯޓުގައި މައްސަލަ ކާމިޔާބުވި މީހާ ވަކީލުންނަށް ކުރަން ޖެހުނު ގާނޫނީ ހަރަދު މައްސަލަ ނާކާމިޔާބުވި މީހާ ދައްކަން ލާޒިމްވުމެވެ.

މިހާތަނަށް ރާއްޖޭގައި އޮންނަނީ ދެ ފަރާތުގެ ދެމެދުގައި ދުރާލާ އެއްބަސްވެފައި ނެތް ނަމަ، މައްސަލަ ކާމިޔާބު ވިޔަސް ގާނޫނީ ޚަރަދު ކޯޓުތަކުން ނަގައި ނުދިނުމެވެ.

އެކަމަކު މަދަނީ އިޖްރައާތުގެ ގާނޫނާ އެކު ހައްގު ގެއްލިގެން ކޯޓަށް ގޮސް މައްސަލަ ކާމިޔާބުކުރާ މީހާ އަތުން ދާ ބޮޑެތި ގާނޫނީ ޚަރަދުތައް މިކަމުގެ ސަބަބުން ސަލާމަތްވާނެ އެވެ. އަދި އެއްވެސް ބޭނުމެއް ނެތި، ޖެއްސުން ކުރުމުގެ ގޮތުން މީހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ބޮޑު ހުރަހެއް އެޅޭނެ އެވެ.

މުހިންމު ބަދަލުތައް ކުރުކޮށް

• ގާނޫނީ ޚަރަދު މައްސަލަ ނާކާމިޔާބުވި މީހާ ދައްކަންޖެހޭނެ

• ހުކުމް ތަންފީޒުގައި މުދާ އަވަހަށް އަތުލެވޭނެ

• ކޯޓަށް ނައިސް ދެ ހަފުތާވުމުން ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ

• ޣައިރު ހާޒިރުގައި ކުރާ ހުކުމް ރިވިއުކުރަން އެދެވޭނެ

• ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމިދާނެ

• އެއްބަސްވާ މައްސަލަތައް އަޑުއެހުމެއް ނެތި ހުކުމްކުރާނެ

ގާނޫނާ އެކު ދެވަނަ އަށް އެންމެ ބޮޑު އެއް ބަދަލަކީ ފައިސާ ދައްކަންޖެހޭ މީހާގެ މުދަލާއި ފައިސާ ހުކުމް ތަންފީޒު ވަންދެން ކޯޓުތަކުން މޮނީޓާ ކުރަމުން ދިއުމެވެ. އަދި ހުކުމުގެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، އޭނާގެ މުދަލާއި ފައިސާތައް ހިފެހެއްޓުމަށް ކޯޓުގައި އެދެވިދާނެ އެެވެ. ދަރަނި އަދާކުރެވެންދެން މުދާ ހިފެހެއްޓުމުގެ ބާރު ވެސް ކޯޓަށް އޮވެ އެވެ.

މިހާރު އޮންނަ ގޮތުން ދަރަންޏެއް އަދާނުކުރެވިގެން މުދާ ހިފެހެއްޓެނީ ހުކުމަށް އަމަލު ނުކުރިޔަސް، ފައިސާ ދައްކަން އެތައް ފުރުސަތެއް ކޯޓުން ދިނުމަށްފަހު އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، މަދަނީ މައްސަލަތަކުގައި ކޯޓަށް ދެން ފިލައިގެން ނޫޅެވޭނެ އެވެ. ގާނޫނު ބުނާގޮތުން 14 ދުވަސް ތެރޭގައި ދައުވާއަށް ޖަވާބު ނުދީފި ނަމަ ނުވަތަ ނުފެނުނު ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމޭނެ އެވެ.

ނަމަވެސް ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން އެ މައްސަލަ ނިންމި ކޯޓަށް އަލުން ހުށަހެޅިދާނެ އެވެ. މިއީ ވެސް ރާއްޖޭގައި އަލަށް ކުރާ ކަމެކެވެ.

މީގެ އިތުރުން މައްސަލަތަކުގެ ކުޑަ ބޮޑުމިނަށް ބަލައިގެން ތިން ކެޓަގަރީއަކަށް މައްސަލަތައް ބެހިގެންދާއިރު، ކޮންމެ މައްސަލައެއް ނިންމާނެ ތާރީޚު އެ މައްސަލައެއްގެ އެންމެ ފުރަތަމަ އަޑުއެހުމުގައި އިއުލާން ކުރަން ޖެހުމަކީ ވެސް މަދަނީ މައްސަލަތަކުގައި އަލަށް ކުރާ ކަމެކެވެ.

ކުދި މައްސަލަތައް އެންމެ އަޑުއެހުމަކުން ނިންމުމާއި އެއްބަސްވާ މައްސަލަތަކުގައި އަޑުއެހުމެއް ބޭއްވުމެއް ނެތި މައްސަލަ ނިންމުމަކީ ވެސް އެ ގާނޫނާ އެކު އަންނަ ބަދަލެކެވެ. އަދި ވަކީލުން ނޫން މީހުންނަށް ބަދަލުގައި ކޯޓަށް ނުދެވޭ ގޮތް ހެދުމުގެ އިތުރުން ހެކި ހުށަހަޅާ ގޮތް ވެސް މި ގާނޫނާ އެކު ބަދަލުވާނެ އެވެ.

މި ބަދަލުތަކަކީ އާންމުންގެ މުދަލާއި ފައިސާއާ ވަރަށް ގުޅުންހުރި ބަދަލުތަކެއް ކަމަށްވާތީ އާންމުން ވެސް މިއަށް ހޭލުންތެރިވުން މުހިންމެވެ.

"މަދަނީ އިޖުރާއަތުގެ ގާނޫނު ދެނެގަތުން" ފޮތް ޑައުންލޯޑްކުރާ ލިންކް

މި ބަދަލުތައް އެންމެ ފަސޭހައިން ބެލޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ނެރުއްވާފައިވާ ފޮތުންނެވެ. އެ ފޮތް ޖަސްޓިސް ސުއޫދު.ކޮމް އިން ހިލޭ ލިބެން ހުންނާނެ އެވެ.