Roadha Mihaaru

އީގަލަސްގެ ކީޕަރު އަޝްވާނާއި ވެލެންސިއާގެ ކެޕްޓަން އީތަން ގައުމީ ޓީމަށް!

ދިވެހި ޕްރިމިއާ ލީގުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ގައުމީ ސްކޮޑްގައި ހިމަނައިފި އެވެ.

ކީޕަރު އަޝްވާނާއި ވެލެންސިއާގެ އީތަން ގައުމީ ޓީމަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 ނޮވެމްބަރ 2025

ދިވެހި ޕްރިމިއާ ލީގުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ގައުމީ ސްކޮޑްގައި ހިމަނައިފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 18 ގައި ފިލިޕީންސާ ދެކޮޅަށް ކުޅެން 25 ކުޅުންތެރިންގެ ސްކޮޑެއް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ވަނީ އެކުލަވާލާފަ އެވެ.

މިދިޔަ މަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗަށް އޭނާ އެކުލަވާލި ސްކޮޑުން، މިފަހަރު އުނިކުރީ ބުރުގެ ވިންގާ މުހައްމަދު ނާއިމް އާއި ވިކްޓަރީގެ ދެވަނަ ކީޕަރު މުހައްމަދު ޔާމީނެވެ.

އުމުރުން 28 އަހަރުގެ ކީޕަރު އަޝްވާން މިހާރު ދަނީ މޮޅު ކުޅުމެއް އީގަލްސްގެ ޓީމުގައި ދައްކަމުންނެވެ. އޭނާގެ އިތުރުން ކުރިން ވެސް ޓީމުގައި ހިމެނުނު ދެ ކީޕަރުންކަމަށްވާ ބުރު ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ފައިސަލް އާއި މާޒިޔާގެ ހުސައިން ޝަރީފް ހިމެނެ އެވެ.

ވެލެންސިއާގެ ކެޕްޓަން އީތަން: އޭނާގެ އިތުރުން ވެލެންސިއާގެ ހައިޝަމް ހާމިދު ވެސް ވަނީ ސްކޮޑްގައި ހިމަނާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލެންސިއާގެ ކެޕްޓަން އީތަން: އޭނާގެ އިތުރުން ވެލެންސިއާގެ ހައިޝަމް ހާމިދު ވެސް ވަނީ ސްކޮޑްގައި ހިމަނާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިންގް ފޯވާޑަކަށް ކުޅޭ ނާއިމްގެ ބަދަލުގައި މޯހަން ސްކޮޑްގައި ޖެހީ ވެލެންސިއާގައި އެ މަގާމަށް ކުޅޭ އެ ޓީމުގެ ޒުވާން ކެޕްޓަން އީތަން އިބްރާހިމް ޒަކީ އެވެ. ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ސްކޮޑްގައި އީތަން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމު މޮޅުވި ދެ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އީތަން އެވެ.

ސްކޮޑަށް ދެން އިތުރު ކުރި ކުޅުންތެރިޔަކީ ބުރު ސްޕޯޓްސްގެ ގާސިމް ތޯއިފެވެ.

މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ހަވީރު ފެށުމަށް އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ.

ގައުމީ ސްކޮޑް

މާޒިޔާ:-

ސަމޫހް އަލީ

އިބްރާހިމް އައިސަމް

ނާއިޒު ހަސަން

ހަމްޒާ މުހައްމަދު

ހައިޝަމް ހަސަން

ހުސައިން ޝަރީފް

ހަސަން ނަޒީމު

ހަސަން ޝިފާޒު

އަހްމަދު އައިހަމް

މުހައްމަދު އިލާން އިމްރާން

އީގަލްސް:-

އިބްރާހިމް މަހްދީ ހުސައިން

އަހްމަދު ރިޒުވާން

ހިޝާމް ސަލީމް

މުހައްމަދު އަޝްވާން

އޮޑި ސްޕޯޓްސް

ހުސައިން ނިހާން

އަހްމަދު އައިހަމް

އަހްޒަމް ރަޝީދު

ބުރު ސްޕޯޓްސް

މުހައްމަދު ފައިސަލް

އިބްރާހިމް އުސާމާ ހަސަން މަޖީދު

ގާސިމް ތޯއިފް

ނިއު ރޭޑިއަންޓް

މުހައްމަދު އިރުފާން

އަލީ ފާސިރު

ހަސަން ރާއިފް އަހްމަދު

ކްލަބް ވެލެންސިއާ

އީތަން އިބްރާހިމް ޒަކީ

ހަސަން ހައިޝަމް ހާމިދު