Roadha Mihaaru
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"

ދައުލަތުގެ ރިޒާވް ރަނގަަޅު ކުރަން އަޅާ އެންމެ ރަނގަޅު ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން: ސަރުކާރު

24 ނޮވެމްބަރ 2022

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދެ ބާވަތެއްގެ ޓެކްސް ބޮޑުކުރުމުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އެއީ ދައުލަތުގެ ރިވާޒު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދެ ބާވަތެއްގެ ޓެކްސް ބޮޑުކުރުމުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އެއީ ދައުލަތުގެ ރިވާޒު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކުރުމުން ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުވާނެ އެވެ. ޖީއެސްޓީ ވެސް ހަ ޕަސެންޓުން އަށް ޕަސެންޓަށް އެ ތާރީހުން ފެށިގެން ބޮޑުވާނެ އެވެ.

ނަމަވެސް ޓޫރިޒަމް ދާއިރާގަައި ހަރަކާތެރިވާ ގިނަ ފަރާތްތަކުން ދަނީ ސަރުކާރުގެ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. ބޮޑުކުރި ޓެކްސްއާއެކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ވެސް ބުންޏެވެ.

ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ޓެކްސްް ބިލާއެކު ކަންބޮޑުވުން ފާޅުކޮށްފައި ވާތީ، އޭގެ ސަބަބުން އިގްތިސާދަށް ގެއްލުން ވާނެތޯ އާއި އެ ބިލު ފާސްކުރުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރިންތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ސުވަލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ދައުލަތުގެ ކަމަ ގުޅޭ އިދާރާތަކާއި އަމިއްލަ ވިޔަފާތިތަކާއި ޓޫރިޒަމް ސިނާއަތުގެ އެކިއެކި ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެ ފިޔަވަޅު އެޅީ ބައިނަލްއަގުވާމީ އެކި އިދާރާތަކުގެ ލަފައާ އެއްްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން އިގްތިސާދަށް އަސަރު ނުކުރާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

"މި އިންޑަސްޓްރީގެ ބޭފުޅުންނާ ވެސް ވާހަކަ ދައްކާލީމާ ފާހަގަ ކުރައްވާނެ މި އިންޑަސްޓްރީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރުމަށް އެޅިގެންދާ ފިޔަވަޅުތަކެއް ކަން މިއީ. ޖީއެސްޓީ އަދި ޓީ ޖީއެސްޓީގެ ސަބަބުން އިގްތިސާދަކަށް އަސަރެއް ނުކުރާނެ،" ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެއީ މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއެކު، ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

"ދައުލަތުގެ ރިޒާވް ރަނގަޅު ކުރުމަށް މި ވަގުތަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިތުރުވެ ބޭރު ފައިސާ އިތުރުވެގެެން ދިއުން. މި ދަނޑިވަޅުގައި ޓީޖީއެސްޓީ ބޮޑުކުރުމަކީ ރިޒާވަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް،" ތަރުޖަމާނު ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރު އޭގެ ނަތީޖާ ފެންނާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ޖީއެސްޓީ އަށް ގެންނަ ބަދަލާ އެއްކޮށް އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 5.5 ޕަސެންޓުގައި ކަމަށާއި އެއީ ކައިރި ގައުމުތަކާއި އެހެން ގައުމުތަކުގެ އިންފްލޭޝަން ރޭޓާ އަޅާ ބަލާއިރު ދަށް ރޭޓެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.