Roadha Mihaaru
ބަންގުލަދޭޝްގެ މަސައްކަތްތެރިން ގަވާއިދަށް ފެތެން ދެކޮޅު

ގަވައިދަށް ފެތެން ބަންގްލަދޭޝްގެ މަސައްކަތްތެރިން ދެކޮޅު ހަދަނީ

09 ޖޫން 2022

މިދިޔަ ތިން އަހަރު ރާއްޖެ އަށް ބަންގުލަދޭޝް އިން މަސައްކަތްތެރިން ގެނައުން ހުއްޓާލާފައި އޮތުމުން އެ މީހުންނަށް އޮތް ޑިމާންޑް ވަރަށް ބޮޑުވެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެތެން މިހާރު ދެކޮޅު ހަދަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ތިން އަހަރު ރާއްޖެ އަށް ބަންގުލަދޭޝް އިން މަސައްކަތްތެރިން ގެނައުން ހުއްޓާލާފައި އޮތުމުން އެ މީހުންނަށް އޮތް ޑިމާންޑް ވަރަށް ބޮޑުވެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެތެން މިހާރު ދެކޮޅު ހަދަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން މިހާރު ހުރި ކަންބޮޑުވުން ހިއްސާކުރައްވައިފަ އެވެ.

"ބަންގުލަދޭޝް އިން މިދިޔަ ތިން އަހަރު ރާއްޖެ އަށް މީހުން [މަސައްކަތްތެރިން] އެތެރެއެއް ނުވެ. އެކަމަކު، ބަންގުލަދޭޝްގެ ޑިމާންޑް ވަރަށް ބޮޑު. އެހެންވީމަ ވާގޮތަކީ އަންޑޮކިއުމެންޓްވެފައި ތިބި ބައެއް މީހުން ޑޮކިއުމެންޓްވާކަށް ބޭނުންމެއް ނުވޭ. އެ މީހުން މުސާރައަކަށް ދާކަށް ބޭނުމެއް ނުވޭ. އެ މީހުންނަށް އަވަލީ ވޭޖަސް ބޮޑުއަގުގައި ދިވެހިން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، އެ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް އަދި އެޅިފައި ނުވަނީ، އެ މީހުން ހައްޔަރުކޮށްގެން ވިޔަސް ގެންގޮސް ބަހައްޓާނެ، ކެޕޭސިޓީ ބޮޑު ޑިޓެންޝަން ފެސިލިޓީއެއް ވެސް ނެތުމުން ކަމަށެވެ. އެފަދަ ފެސިލިޓީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށާއި، 300-500 އާ ދެމެދުގެ އަދަދަކަށް މީހުން ގެންގުޅެވޭނެ އެތަން ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ މަސައްކަތު މީހަކު ގަލޮޅު ދަނޑިކައިރީގައި ރަޖިސްޓްރީވާން ގޮސް:: ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ-- ފައިލް ފޮޓޯ: މިހާރު

ބަންގްލަދޭޝްގެ މަސައްކަތު މީހަކު ގަލޮޅު ދަނޑިކައިރީގައި ރަޖިސްޓްރީވާން ގޮސް:: ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ-- ފައިލް ފޮޓޯ: މިހާރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަހައްޓަން އިމިގްރޭޝަނުން މިހާރު ހަދާފައި ހުންނަ ޑިޓެންޝަން ފެސިލިޓީއަކީ އެންމެ 48 މީހުންގެ ޖާގައިގެ ތަނެކެވެ. އަދި ގާނޫނު އޮންނަ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ މީހުން ބަންދުކުރެވެނީ ވެސް އިމިގްރޭޝަނަށް އެކަންޏެވެ. ފުލުހުންނަށް، އެ މީހުން 24 ގަޑިއިރަށް ބަންދުކޮށްފައި ބެހެއްޓުން ފިޔަވާ އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެ އެވެ.

"ކަމާބެހޭ އިދާރާތަކުގެ މެދުގައި ކޮޑިނޭޝަންގެ އެއްވެސް މައްސަލައެއް މިހާރަކު ނެތް. ވަރަށް ރަނގަޅަށް އެބައި ކުރިއަށް އެބަދޭ. ދިމާވެގެން އުޅެނީ ރިސޯސްގެ މައްސަލަތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މަސައްކަތްތެރިންގެ ތަފާސްހިސާބު

- ގަވާއިދާ އެއްގޮތަށް އުޅޭ 91،000 މީހުން އެބަތިބި.

- 2019 ގައި ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން 43،000 މީހަކު ރަޖިސްޓްރީކުރި.

- ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީވި މީހުންގެ ތެރެއިން 13،000 މީހަކު ގަވާއިދަށް ފެއްތި.

- ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީވި މީހުންގެ ތެރެއިން 9،000 މީހުން އަނބުރާ ގައުމަށް ފޮނުވާލެވުނު.

- އެ ޕްރޮގްރާމްގެ ބާކީ ތިބި މީހުންގެ ރެގިއުލަރައިޒޭޝަންގެ މަސައްކަތް ހުއްޓުނީ ކޮވިޑާ ގުޅިގެން.

"އަޅުގަނޑުމެންނަށް ނޭނގި ވެސް އަދި ގިނަ ބަޔަކު އުޅޭނެތީ، ހީވަނީ އެ މީހުން ހައްޔަރުކޮށްގެންހެން ދެން މިކަން ހައްލު ވާނީ. ވޮލަންޓެރަލީ މިކަން ކުރަން ޝައުގުވެރިވާ މީހުންނަށް ހުޅުވާލީމަ ވާނެވަރު މިހާރު ވެފައި ކަންނޭނގެ މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި 280،000 އެއްހާ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އޭގެ ތެރޭގައި ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ.