Roadha Mihaaru
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ދެ ބޭފުޅުން

ހައި ކޯޓުގެ ފަނޑިޔާރުކަމަށް މިފަހަރު ކުރިމަތިލެއްވީ ދެ ބޭފުޅުން

09 ޖޫން 2022

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ އެއް މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ އެއް މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ޖޭއެސްސީން މިއަދު އާންމުކުރީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ސަމީރު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމުން ހުޅުވާލި މަގާމަށް ކުރިމަތިލެއްވީ ބޭފުޅުންގެ މައުލޫމާތެވެ. ހައި ކޯޓުގެ ބެންޗުން އިތުރު ދެ މަގާމެއް ހުސްކޮށް އޮތަސް، ކުރިމަތިލާކަށް އަދި ހުޅުވައެއް ނުލަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަކީ ވާދަވެރިކަން ބޮޑު މަގާމަކަށް ވިޔަސް، މިފަހަރު އެ މަގާމަށް ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ އިސްގާޒީ ހުޒައިފާ މުހައްމަދު އިތުރުން އއ. ފެރިދޫ ސިޔާމާ މަންޒިލް، ޝުކުރުﷲ ޝަކީލް އެކަންޏެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ހުޒައިފާ އަކީ 2007 ވަނަ އަހަރު ރާއްޖޭގައި ފަނޑިޔާރުކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުންނެވީ ފެމިލީ ކޯޓުގަ އެވެ. ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް ހުޒައިފާ އައްޔަން ކުރެއްވީ މިދިޔަ މާޗް މަހު އެވެ.

ހައި ކޯޓުގެ ބެންޗުން ހުސްވި އިތުރު ދެ މަގާމެއް އަދިވެސް އެބައޮތެވެ. އެއީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ހުސްވި މަގާމެވެ. ކުރީގެ ސަރުކާރުގައި ސަރުކާރުން ދިން ފްލެޓްތަކެއް ގަބޫލުކުރެއްވި ކަމަށް ބުނެ އެ ބޭފުޅުން މަގާމުން ވަކިކުރަން ފޮނުވީ ޖޭއެސްސީންނެވެ.