Roadha Mihaaru
ގެރި ބަކަރި ބޭރުކުރާ ވަޔަށް ޓެކްސް ނަގަނީ

ގެރި ބަކަރި ބޭރުކުރާ ވަޔަށް ނިއުޒީލެންޑްގްްއި ޓެކްސް ނަގަނީ

10 ޖޫން 2022

ނިއުޒީލެންޑުގައި ގެރި ބަކަރި ބޭރުކުރާ ވަޔަށް ޓެކްސް ނަގަން ރާވަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ނިއުޒީލެންޑުގައި ގެރި ބަކަރި ބޭރުކުރާ ވަޔަށް ޓެކްސް ނަގަން ރާވަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ގެރި ބަކައްޓަކީ ނިއުޒީލެންޑުގައި އެންމެ ގިނައިން ޖައްވަށް ގްރީންހައުސް ގޭސް ނުވަތަ ވިހަ ގޭސްތައް ބޭރުކުރާ ޖަނަވާރުންނެވެ. އެ އުސޫލު ތަންފީޒުކޮށްފި ނަމަ، ނިއުޒީލޭންޑް ވާނީ ދަނޑުވެރިންގެ އަތުން، އެ މީހުން ގެންގުޅޭ ޖަނަވާރުތަކުން ބޭރުކުރާ ވަޔަށް ޓެކްސް ނަގާ ފުރަތަމަ ގައުމަށެވެ.

ނިއުޒީލެންޑްގެ އާބާދީގައި ފަސް މިލިއަން މީހުން އުޅޭއިރު، އެ ގައުމުގައި 10 މިލިއަނަށް ވުރެ ގިނަ ގެރި ބަކައްޓާއި 26 މިލިއަނަށް ވުރެ ގިނަ ކަންބަޅި ބަކަރި ވެސް ދިރިއުޅެ އެވެ.

އެ ގައުމުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި އުފެދެނީ ދަނޑުވެރިކަމުންނެވެ.

ނިއުޒީލެންޑްގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު ޖޭމްސް ޝޯ ވިދާޅުވި ގޮތުގައި، އެ ގައުމުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ވަރު މަދުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޓެކްސް ނަގައިގެން އެކަން ހައްލުކުރެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ރާވާ ހިންގާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ އުސޫލަށް އަމަލުކުރަން ފެށުމުން، 2025 ވަނަ އަހަރުން ފެށިގެން ޓެކްސް ދައްކަން ޖެހޭނެ އެވެ.

އެ ޓެކްސް ނަގައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ތަރައްގީކުރުމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމަށާއި އަދި ހިދުމަތްތައް ދިނުމަށް ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.