Roadha Mihaaru
ފުއްގިރި ޝަރީއަތް ވަކީލުންގެ ރުހުމާއެކު މާދަމާ ވެސް

ފުއްގިރި މައްސަލަ ވަކީލުންގެ ވެސް ރުހުމާ އެކު މާދަމާ ވެސް ބާއްވަނީ

13 ޖޫން 2023

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ އާއި މިއަދު ބޭއްވުމަށް ފަހު ވަކީލުންގެ އެދުމުގެ މަތިން މާދަމާ އަށް ވެސް ތާވަލްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ އާއި މިއަދު ބޭއްވުމަށް ފަހު ވަކީލުންގެ އެދުމުގެ މަތިން މާދަމާ އަށް ވެސް ތާވަލްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި މިއަދު އޮތީ ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ލެޕްޓޮޕާއި އެ މައްސަލާގައި ހިމެނޭ މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓް ހެދި ފުލުހުންގެ ހެކިބަސް ނެގުމެވެ.

މިއަދު ހެނދުނު 9:00 އަށް ތާވަލްކޮށް ބައި ގަޑިއެއްހާއިރު ފަހުން ފެށި ޝަރީއަތުގައި ދެ ފުލުހުންގެ ހެކިބަސް ނަގައި ދައުލަތުންނާއި ދިފާއުން އެތައް ސުވާލުތަކެއް ކުރި އެވެ. ފުރަތަމަ ހެކިބަސް ދިން މީހާގެ ހެކިބަސް ނަގައި ހުރިހާ މަރުހަލާއެއް ނިންމި ނަމަވެސް ދެވަނަ ހެކިވެރިޔާއާ ދައުލަތުން ކުރި ސުވާލުތަކަށް ފަހުން ދިފާއުން ސުވާލުކުރުމަށް ފުރުސަތު ލިބޭ ހިސާބަށް ދިޔައިރު ވަނީ މެންދުރު ފަހު 3 ޖަހައިފަ އެވެ.

އެ ހިސާބުން ގާޒީ އަލީ ނަދީމް ވަނީ މިއަދަށް ކަނޑައެޅި ވަގުތު ހަމަވެފައިވާ ކަމަށާއި ދިފާއީ ވަކީލުންގެ އިއުތިރާޒެއް ނެތް ނަމަ ކްރޮސް އެގްޒެމިނޭޝަން ނުވަތަ ދިފާއުން ހެކިންނާ ސުވާލުކުރުން މާދަމާ އަށް ތާވަލްކުރަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ވަކީލުންނާ ވަކިވަކިން ސުވާލުކުރެއްވުމުން މިއަދު ކްރޮސް އެގްޒަމިނޭޝަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވިދާޅުވީ ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ލިބޭ ކްރިކް އަހްމަދު ރިޒާގެ ވަކީލް އަހުމަދު ޔާމީން އެކަންޏެވެ. ނަމަވެސް ސުވާލުކުރުން މާދަމާ އަށް ފަސްކުރުމަށް ޔާމީނާއި ސަން ކުންފުނީގެ ވަކީލުން ވެސް އެދިވަޑައިގަތުމުން ކްރިކް ވެސް ފަހުން ވިދާޅުވީ އެގޮތަށް ފަސްކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ.

އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް ތިބިކަން ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުމެވެ. މި ޝަރީއަތް އިއްޔެގެ ހެދުނު 9:00 ގައި ފަށައި އެކި ފަހަރު މެދުކަނޑާލަމުން ކުރިއަށް ގެންގޮސް ނިންމާލީ ރޭ 10 ޖަހާ އެހާ އިރު އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކުރި ކަމުގެ ކުށުގައި މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ޔާމީންގެ އެ ހުކުމްގެ އިސްތިއުނާފް ވެސް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. އެކަމަކު މިހާތަނަށް އަދި ބޭއްވުނީ އެ މައްސަލައިގެ އެންމެ އަޑުއެހުމެކެވެ.