ސަރުކާރަށް ފީ ނަގައިގެން ސޮވެރިން ގެރެންޓީ ދޭ ގޮތަށް ހަމަޖައްސައި އެކަމާ ބެހޭ އުސޫލު އިއްޔެ ގެޒެޓުކޮށްފި އެވެ.
29 ޑިސެމްބަރ 2016
ސަރުކާރަށް ފީ ނަގައިގެން ސޮވެރިން ގެރެންޓީ ދޭ ގޮތަށް ހަމަޖައްސައި އެކަމާ ބެހޭ އުސޫލު އިއްޔެ ގެޒެޓުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލި "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު"ގައިވާ ގޮތުން ގެރެންޓީ ދެވޭނީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް އެކަންޏެވެ. އެ ކުންފުނިތަކަށް ވެސް ގެރެންޓީ ދެވޭނީ، އުސޫލުގައިވާ ގޮތުން، ޓޫރިޒަމް ސިނާއަތުގެ މަޝްރޫއުތަކަށާއި ސަރުކާރުން ހުށަހަޅާ ޝަރުތުތައް ފުރިހަމަވާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ އިތުރަށް، ސަރުކާރުން ނިންމާ ތަރައްގީގެ މަޝްރޫއުތައް ހިންގާށެވެ.
ދައުލަތުން ގެރެންޓީ ދޭ ލޯނުގެ އިންޓަރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ވުރެ ދަށްވާން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނާ އިރު، ގެރެންޓީ އަށް އެދޭ ކުންފުނީގެ ތަފްސީލީ މައުލޫމާތުތަކާއި ބޯޑު ރެޒޮލިއުޝަނާއި ވޭތުވެދިޔަ ތިން އަހަރުދުވަހުގެ މާލީ ބަޔާންތަަކާއި ދަރަންޏެއް ވާ ނަމަ އޭގެ ތަފްސީލާއި ފިނޭންސުން ކަނޑައަޅާ ފަރާތަކުން ހަދާފައިވާ ކުންފުނީގެ މާލީ ހާލަތާ ބެހޭ ދިރާސާގެ ތަފްސީލުތަކުގެ އިތުރަށް، ލޯނު ނަގާ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ވެސް ހުށަހަޅަން ޖެހެ އެވެ. އަދި ލޯނާ ބެހޭ ތަފްސީލުތައް ވެސް ފިނޭންސަށް ފޮނުވަން ޖެހެ އެވެ.
ގެރެންޓީ އަށް ހުށަހަޅާ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ފީތަކެއް މި އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ. އެއީ އެއްފަހަރު ދައްކަން ޖެހޭ ގެރެންޓީގެ (ލޯނުގެ) ޖުމްލަ އަދަދުގެ އެއް ޕަސެންޓަށްވާ ފީއަކާއި އިދާރީ ފީގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަން ޖެހޭ ލޯނުގެ ޖުމްލަ އަދަދުގެ 0.25 ޕަސެންޓާއި ގެރެންޓީ އަށް އެދި ހުށަހަޅާ ހުށަހެޅުން އިވެލުއޭޓް ކުރަން ހިނގާ ހަރަދެވެ.
ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ސޮވެރިން ގެރެންޓީ އެކި ގައުމުތަކުގެ ކުންފުނިތަކަށް ދީފަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަން ހުށަހަޅާފައިވާ ތުރުކީގެ ކުންފުންޏަކަށް މި ފަހުން ދޫކޮށްފައިވާ 328 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ހިމެނެ އެވެ. އެ ވަރުގެ ލޯނަކަށް އެންމެ މަދުވެެގެން ވެސް ސަރުކާރަށް 4.1 މިލިއަން ޑޮލަރު (63 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އެއީ އަހަރީ ފީ އާއި އިވެލުއޭޝަނަށް ދައްކަންޖެހޭ ފައިސާ ނުހިމަނަ އެވެ.
ގެރެންޓީ ދޫކޮށްފައިވާ ކުންފުންޏަކުން، ފިނޭންސް މިނިސްޓްރީން ލިއުމަކުން ހުއްދަ ހޯދައިގެން ނޫނީ ނުކުރެވޭނެ ކަންކަން ވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި، އިތުރަށް ދަރަންޏަށް ފައިސާއެއް ނުނެގުމާއި އިތުރު ލޯނެއް ނަގަން ކުންފުނީގެ ސެކިއުރިޓީއެއް ރަހުނު ނުކުރުމާއި ކުންފުނީގެ ސެކިއުރިޓީއެއް ނުވަތަ މުދަލެއް ނައްތާ ނުލުމާއި ކުންފުނީގެ ހިއްސާ އެހެން ފަރާތަކަށް ބަދަލު ނުކުރުން ހިމެނެ އެވެ.
ގެރެންޓީ ދޫކޮށްފައިވާ ލޯނުގެ ކަންކަން މޮނިޓަ ކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ފިނޭންސް މިނިސްޓަރާ އެވެ. އެ ގޮތުން، ލޯނުގެ ނުދައްކާ އޮތް މިންވަރާއި ލޯނު ސާވިސްކުރަމުން ދާ ގޮތް، ގެރެންޓީ ދޫކޮށްފައިވާ ކުންފުނިންނާއި ލޯނު ދޫކުރި ބޭންކަކުން ކޮންމެ ހަތަރު މަހަކުން ފިނޭންސަށް ފޮނުވަން ޖެހެ އެވެ. މީގެ އިތުރުން، އެ ލޯނުން ހަރަދު ކުރާ މަޝްރޫއު ކުރިއަށް ދާ ގޮތުގެ މައުލޫމާތު ކޮންމެ ހަތަރު މަހަކުން ފޮނުވަން ޖެހޭ އިރު، މަދުވެގެން އަހަރަކު ދެ ފަހަރު ފިނޭންސުން ކަނޑައަޅާ ފަރާތަކުން މަޝްރޫއު ހިނގާ ސަރަހައްދަށް ގޮސް މަސައްކަތް ދާ ގޮތް ބަލަން ޖެހެ އެވެ.
އުސޫލުގައި ބުނާ ގޮތުން، ލޯނު ނުދެއްކިއްޖެ ނަމަ ގެރެންޓީ ބޭނުން ކުރެވޭނީ އެ ނޫން ގޮތެއް ނެތް ނަމަ އެވެ. އެ ހާލަތުގައި ވެސް ގެރެންޓީގެ ދަށުން ލޯނު ކަވަރު ކުރެވޭނީ، ރަހުނުގެ ގޮތުގައި ބޭންކުގައި ބަހައްޓާފައިވާ ކުންފުނީގެ މުދާ ލޯނު އަދާކުރަން ބޭނުން ކުރުމަށް ފަހު އެވެ. ލޯނަށް ސަރުކާރުން ދައްކައިދޭ އެ ފައިސާ ބަދަލުވާނީ، އުސޫލުގައިވާ ގޮތުން، ސަރުކާރާއި އެ ކުންފުންޏަކާ ދެމެދު އޮންނަ ލޯނަކަށެވެ. އަދި އެ ލޯނަށް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އަނބުރާ ފައިސާ ދައްކަން ޖެހޭނެ އެވެ.
އަލަށް ހެދި މި އުސޫލުގެ ދަށުން، އެ އަހަރެއްގެ ތެރޭގައި ދައުލަތުން ގެރެންޓީ ދޭނެ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ޝާއިއުކުރާނެ އެވެ. އަދި ދޭ ގެރެންޓީއާ ބެހޭ މައުލޫމާތު ވެސް ފިނޭންސުން ކަނޑައަޅާ ގޮތެއްގެ މަތިން އާއްމުކުރަން ވާނެ ކަމަށް މި އުސޫލުގައި ބުނެ އެވެ.
"މި އުސޫލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނަމުގައި ދޫކުރެވޭ ގެރެންޓީ އަކީ ހަމަހަމަކަމާއި ދެ ފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދޫކުރެވޭ ގެރެންޓީއެއް ކަމުގައި ހެދުމެވެ،" އުސޫލުގައިވެ އެވެ.
މާލިއްޔާތު ގާނޫނު މިހާރު އޮތް ގޮތުން ސޮވެރިން ގެރެންޓީ ދޫކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރާކަށް ނުޖެހެ އެވެ. އެކަމަކު، މެމްބަރުންގެ މައުލޫމާތަށް، ގެރެންޓީގެ ލިޔެކިއުންތައް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
މިއަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނަގައިފި
ސިޔާމުގެ ލޯނަށް ގެރެންޓީ ނުދޭން ސަރުކާރުން ނިންމައިފި
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު ދައްކައިފި
ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް
މިދިޔަ އަހަރު 334 މިލިއަން ޑޮލަރުގެ ލޯނު ނެގި!
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
50 މިލިއަންގެ ލޯނު ނެގީ އެސްބީއައިއަށް ދެއްކުމަށް
ނެގި ލޯނުތަކަށް 450 މިލިއަން އަނބުރާ ދައްކައިފި
އިންޑިއާ އިން ނެގި ލޯނުގެ އަދަދު 22 ބިލިއަނަށް!