Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
72 ކިލޯ ޑްރަގް: ހެކިތަކެއް ބަލައިގަންނަން އަންގައިފި

72 ކިލޯ ޑްރަގް: ގިނަ ހެކިތަކެއް އަލުން ބަލައިގަންނަން ހައި ކޯޓުން އަންގައިފި

13 ޖޫން 2022

ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އެ ހެކިތައް ބަލައިގަތުމަށް ހައި ކޯޓުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އެ ހެކިތައް ބަލައިގަތުމަށް ހައި ކޯޓުން އަންގައިފި އެވެ.

ޑިސެމްބަރު، 2020 ގައި ކަނޑުމަގުން އެތެރެކުރި 72 ކިލޯ ޑްރަގް މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ހުށަހެޅި 44 ހެއްކެއް ބަލައިނުގަތުމަށް އެ ކޯޓުން މިދިޔަ މަހު ނިންމީ އެ މައްސަލާގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅުމުންނެވެ.

ހެކި ސިއްރުކުރުމުގެ ދާއިމީ އަމުރަކަށް ދައުލަތުން އެދިފައިނުވާތީ ބާކީ ތިބި ހުރިހާ ހެކިތަކެއް ހާމަކުރަން ވެސް ކްރިމިނަލް ކޯޓުން ނިންމި އެވެ.

އެ ނިންމުންތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ހެކި ބަލައިނުގަތުމަށް ނިންމާ ނިންމުމަށް ވާސިލްވި ގޮތެއް ފަނޑިޔާރު ބުނެދޭން ޖެހޭއިރު ކްރިމިނަލް ކޯޓުގެ ނިންމުމުން އެކަން އެނގެން ނެތް ކަމަށެވެ.

އެފަދަ ނިންމުންތައް ނިންމުމުގައި ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމާ އެކު، އެ ނިންމުމަށް ވާސިލްވި ގޮތެއް ފަނޑިޔާރުން ބުނެދޭންޖެހޭ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ. އަދި މިފަދަ ރާވައިގެން ކުރާ ކުށްތަކުގައި އެ ކުށަކީ ރާވައިގެން ކުރާ ކަމެއް ކަން އަންގައިދޭ ހެކިތަކަކީ ވެސް މުހިންމު ހެކިތަކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ބާކީ ހުރި ހެކިތަކުގެ ސިއްރުކަން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުން ނިންމުން ވެސް ގޯސް ކަމަށް އެ ހުކުމުގައިވެ އެވެ. ކްރިމިނަލް ކޯޓުން ދެއްކި ސަބަބަކީ ހެކި ސިއްރު ކުރުމުގެ ދާއިމީ އަމުރަކަށް ދައުލަތުން ނޭދި އޮތުމެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރެެއް ކުރިން ނެރެފައިވާތީ ދާއިމީ އިތުރު އަމުރެއް ހޯދުން ކޮންމެހެން ދައުލަތަށް ލާޒިމްނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކުރީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އަޣުލަބިއްޔަތުންނެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ހެކި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސްވި ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އެކަމަކު ހެކިތަކުގެ ސިއްރުކަން ދޫކޮށްލަން ނިންމި ނިންމުން ގޯސް ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަތެވެ.