Roadha Mihaaru
ވިސްނުން ބަދަލުކުރަނިކޮށް ވަރުގަދަ ޖީލެއްލިބޭނެ: ސައީދު

ވިސްނުން ބަދަލުކުރަނިކޮށް ވަރުގަދަ ޖީލެއް ބިނާކުރެވޭނެ، އެކަމަކު ފެންނަނީ ފަރުވާ ކުޑަކަން: ސައީދު

14 ޖޫން 2022

ވިސްނުން ބަދަލުކުރަނިކޮށް ކިޔަވައިގެން ތިބި ވަރުގަދަ ޖީލެއް ބިނާކުރެވުނަސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަނީ ފަރުވާ ކުޑަކަން ކަމަށް ވިދާޅުވެ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިސްނުން ބަދަލުކުރަނިކޮށް ކިޔަވައިގެން ތިބި ވަރުގަދަ ޖީލެއް ބިނާކުރެވުނަސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަނީ ފަރުވާ ކުޑަކަން ކަމަށް ވިދާޅުވެ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބޭރު ގައުމުތަކުގައި ހިނގާ މޮޅެތި ކަންތައްތަކުގެ ވާހަކަ ދިވެހިން އަބަދު ވެސް ދައްކާ ކަމަށެވެ. ހާއްސަކޮށް، ޖަޕާންގެ ތައުލީމީ ނިޒާމްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ހިއްސާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޖަޕާންގެ ސްކޫލްގައި މަސައްކަތްކުރާ މީހުން ނުތިބޭ ކަމަށާއި ކްލާސްރޫމާއި ސްކޫލް ގޯތި ތެރެ އަދި ފާހަނާތައް ސާފުކުރަނީ ޓީޗަރުންނާއި ދަރިވަރުން ކަމަށެވެ. އެ މީހުން ސްކޫލަށް ދަނީ މޮޅެތި ކާރުގައި ކަމަށް ވިޔަސް ތަންތަން ސާފުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުން ކުއްޖާގެ ކަރާމާތަށް އުނިކަމެއް އާދޭތޯ. ނާދެ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.

"ބައެއް ފަހަރު މިހެން އުޅޭއިރު ހިތަށް އަރަ އަޅުގަނޑުމެން މި އުޅެނީ ޕްރިންޓްކޮށްފައި އޮތް ކަރުދާސްކޮޅެއް ބިނާކުރަން ހެއްޔޭ. މައުލޫމާތު ހުރި ޕްރިންޓްކުރީމަ އެއީތޯ އަޅުގަނޑުމެން އަސްލު ބޭނުންވާ ކަމަކީ. އަޅުގަނޑު ދަންނަވާލަން ބޭނުން، ލޮބުވެތި ބެލެނިވެރިންނޭ، ތި ބޭފުޅުން އެބަ ޖެހިވަޑައިގަންނަވާ ތި ބޭފުޅުންގެ ކުދިން މާދަމާއަށްޓަކައި ތައްޔާރުވާން، ތައްޔާރުކުރުވަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އަދި އެޑިއުކޭޝަންގެ އިސްވެރިންނާއި ސްކޫލްގެ ޕްރިންސިޕަލް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އަދި އެޑިއުކޭޝަންގެ އިސްވެރިންނާއި ސްކޫލްގެ ޕްރިންސިޕަލް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރުން ހިލޭ ކިޔަވައިދޭ ސްކޫލެއްގައި މަސައްކަތްކޮށްގެން ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ދަރިވަރުންނަށް ލިބޭނީ ފައިދާ ކަމަށް ސައީދު ވިދާޅުވި އެވެ.

ދަރިން ތަރުބިއްޔަތުކުރުމުގެ މިސާލަކަށް ނެންގެވީ ކޮވިޑު-19ގެ ހާލަތެވެ. ކޮންމެ ހާލަތެއްގައި ކުދިން ކުރަންޖެހޭ މަސައްކަތް އެ ކުދިން ލައްވައި ކުރުވައި އަދި ކުރުވަން ދަސްކުރާ ބަޔަކަށް ނުވެއްޖެނަމަ ސެޓްފިކެޓެއްގެ ބޭނުމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. ޕީއެޗްޑީ ހާސިލްކޮށްގެން ނުވަތަ ޕައިލެޓަކަށް ވެގެން ކުރާނެ ކަންކަމާ މެދު ސުވާލު އުފެއްދެވި އެވެ.

"ކަންނެތް ޕައިލެޓް އަބަދު ނިދާފައި. އިސްތިރިކުރަން ނޭނގޭ އިންޖީނިއަރު އަބަދު ވެސް މީހެއްގެ ފަހަތުން އިސްތިރިކުރުވަން އުޅެނީ،"

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ލޮބުވެތި ބެލެނިވެރިންނޭ، ހިނގާށޭ މި ކުދިން މީހުންނަށް ހަދަން މަސައްކަތްކުރަން. މިއީ އެއްވެސް ކަމެއް ނޫން. ވިސްނުން ބަދަލުކޮށްލަނިކޮށް އަޅުގަނޑުމެންނަށް ކިޔަވައިގެން ތިބި ވަރުގަދަ ޖީލެއް ބިނާކުރެވިދާނެ...އަޅުގަނޑަކީ ރިޓަޔާކުރާ އުމުރުގައި ހުރި މީހެއް. މި ދާއިރާއިން މިހާރު މި ފެންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ފަރުވާ ކުޑަކަން. މުޅި ހުރިހާ ހިސާބަކުން ވެސް ފެނިގެންދާތަން،"

ސައީދު ވިދާޅުވީ ބެލެނިވެރިން ކުރާ ހޭދައާ ވަގުތުގެ ނަތީޖާ ފެންނާނީ ދަރިވަރުން ހީވާގި ބަޔަކަށް ވެގެން ކަމަށެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކޮށްދޭ ޓީޗަރުން ފެނުމުން ދަރިވަރުން އަޅާނުލައި ދާ ދިއުމެވެ. ސައީދު ވިދާޅުވީ 10-12 އަހަރު ވަންދެން ކިޔަވައިދިން ޓީޗަރުން ފެނުމުން އަޅާނުލާ ދިއުމަކީ ރާއްޖެއާ ދުރު ސަގާފަތެއް ކަމަށާއި އެކަމެއް ފެށުނީ ފަހުން ކަމަށެވެ. ނަމަވެސް، އެގޮތަށް ކުރިއަށްދާނަމަ ރާއްޖެ ދާނީ އިހުތިރާމްކުރުން މަދު ގައުމެއް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެކަމަކު، ވަކި ބަޔަކު އިސްތިސްނާ ކޮށް އިހުތިރާމްކުރުމަކީ ދުނިޔެ ދަންނަ އުސޫލެއް ނޫންކަން ސައީދު ފާހަގަކުރެއްވި އެވެ.

"ކިޔަވައިދޭ ޓީޗަރުން ފެނުނީމަ ހިނިތުންތަނެއް ވުމަކީ މިލިއަން ޑޮލަރުން ގުނާލެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އައިސްގެން އުޅޭ އެ ބީރައްޓެހި ސަގާފަތް ނައްތާލައި، އުފާވެރި ގައުމަކަށް ހަދައިދިނުމަށް ސައީދު ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޓިއުޝަން ނެގުމުގެ ސަގާފަތަކީ ވެސް ބޭރުގެ އެހެން ގައުމުތަކުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެއީ، ސައީދު ވިދާޅުވި ގޮތުގައި ބެލެނިވެރިން ގެނެސްގެން އުޅޭ ސަގާފަތެކެވެ. އެކަން ކުރަނީ 24 ގަޑިއިރުން ކުދިން މޮޅުކުރަން ކަމަށް ވިދާޅުވެ، އިތުރު މަސައްކަތްކޮށްގެން ވެސް ޓިއުޝަން ނެގުން ހުއްޓާލުމަށް އޭނާ އެދިވަޑައިގަތެވެ.