Roadha Mihaaru
ދެވަނަ ފިޔަވަހިން ކޮންމެ 15 މިނިޓަކުން ބަސް ދަތުރެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލެ އަށް ކޮންމެ 15 މިނިޓަކުން ބަސް ދަތުރެއް

16 ޖޫން 2022

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ގެ ނަމުގައި ފެށި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތަކުގެ ސަބަބުން ކޮންމެ 15 މިނިޓަކުން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ރޭ ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ގެ ނަމުގައި ފެށި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތަކުގެ ސަބަބުން ކޮންމެ 15 މިނިޓަކުން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ރޭ ބުނެފި އެވެ.

އެ ކުންފުނިން އިތުރު 15 ބަސް ގެނެސް ހިދުމަތްތައް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބަހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގެ ބަހުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަދި އަންނަ މަހު އެ އަތޮޅުތަކަށް އާ ބަސްތައް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ އާރްޓީއެލް ބަހެއްގެ އެތެރެ. މިބަސްތަކާ އެކު ދެވަނަ ފިޔަވަހީގައި ސީދާ މާލެއަށް ކުރާ ދަތުރުތައް އިތުރުވާނެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެމްޓީސީސީގެ އާރްޓީއެލް ބަހެއްގެ އެތެރެ. މިބަސްތަކާ އެކު ދެވަނަ ފިޔަވަހީގައި ސީދާ މާލެއަށް ކުރާ ދަތުރުތައް އިތުރުވާނެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"މާލޭގެ ރައްޔިތުން އެތައް ޒަމާނަކު އިންތިޒާރު ކުރަމުން އައި މިނީ ބަހުގެ ހިދުމަތް ވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނަން. ހާއްސަކޮށް މިނީ ބަހުގެ ހިދުމަތް އަންނަ ޖުލައި މަހު މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ޒަމާނީ ކުރަމުން އަންނަ އިރު ކޭޝް ކާޑު ނުވަތަ މޮބައިލް ފޯނު ބޭނުންކޮށްގެން ބަހުގެ ޓިކެޓް ކެނޑޭނެ އިންތިޒާމުތައް މި އަހަރު ނިމުމުގެ ކުރިން ހަމަޖައްސާނެ އެވެ.

އެމްޓީސީސީން ގެނައި އާ ބަސްތަކުން ތިން މަންޒިލަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް ކުރާނެ އެވެ. އެއީ މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ ބަސް ޓާމިނަލަށާއި ކާނިވާ ސަރަހައްދު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއާއެކު ކޮންމެ 10 މިނިޓަކާއި 15 މިނިޓެއްގެ ތެރޭގައި އެއިން ކޮންމެ ރޫޓަކަށް ވެސް ބަސް ދަތުރެއް ކުރެވޭނެ އެވެ.

މާލެ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދޭ ހަ ރޫޓުގެ ބަދަލުގައި އަށް ރޫޓަށް ހިދުމަތް ފުޅާ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އާ 15 ބަހާއެކު މާލެ ސަރަހައްދުގައި އެ ކުންފުނިން ދުއްވާ ބަހުގެ އަދަދު 46 އަށް އިތުރުވީ އެވެ.

އެމްޓީސީސީން ބުނީ ބަސްތައް އިތުރުވުމުގެ ނަތީޖާއަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ބަހުގެ ހިދުމަތް އިތުރަށް އަވަސްވުން ކަމަށެވެ.