Roadha Mihaaru
މިނީ ބަހުގެ ހިދުމަތް ފަށަން 36 ބަސް ގެނެސްފި

މިނީ ބަހުގެ ހިދުމަތް މި މަހު ފަށަން 36 ބަސް އެމްޓީސީސީން ގެނެސްފި

16 ޖުލައި 2022

މާލޭގައި މި މަހުގެ ފަހުކޮޅު މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން 30 އަށް ވުރެ ގިނަ ބަސް މިއަދު ރާއްޖެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި މި މަހުގެ ފަހުކޮޅު މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން 30 އަށް ވުރެ ގިނަ ބަސް މިއަދު ރާއްޖެ ގެނެސްފި އެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ 20-25 އާ ދެމެދުގެ ޖާގައިގެ 36 މިނީ ބަސް ގެނައީ ރާއްޖޭގެ އެންމެ ބޮޑު ރަށްތަކުގެ އެތެރޭގެ ދަތުރުތައް ފެށުމަށް ކަމަށެވެ. އެއީ މާލެ އާއި އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅެވެ.

އިލެކްޓްރިކް އެ ބަސްތައް މާލޭގެ ވިޔަފާރި ބަނދަރުން ކްލިއާ ކުރަމުން އަންނައިރު އެމްޓީސީސީން މަސައްކަތް ކުރަނީ މި މަހުގެ 31 އަށް އެ ހިދުމަތް ފެށުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރު އެވެ.

އެކަމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަމަ އެ އަހަރު ހަވާލުކުރި އެވެ. ނަމަވެސް ކޮވިޑުގެ ދަތިކަމާއި އެހެން ސަބަބުތަކާ ހެދި ލަސްވީ އެވެ.

އާޒިމް ވިދާޅުވިގޮތުގައި، ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުން ޖެހިފައިވާ މާލޭގައި ކޮންމެ 10 މިނިޓަކުން ބަސް ސްޓޮޕަށް ދަތުރުކުރާނެ އެވެ. އަދި އެ ސްޓޮޕްތައް، ހުޅުމާލެ ބަސް ސްޓޮޕްތަކާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަހުގެ ހިދުމަތް ފެށުމުން މާލޭގެ ދަތުރުފަތުރަށް ވަރަށް ފަސޭވަގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމުން ބޮޑެތި ރަށްތަކުގެ ދަތުރުފަތުރުރަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ގެ ނަމުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އެމްޓީސީސީން ދާދި ފަށައި، މާލެ އާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދެމެދު ދަތުރުކުރަން ވަނީ 15 ބަސް ގެނެސްފަ އެވެ. އެ ދަތުރުތައް މިހާރު ފަށާފައިވާއިރު، ބަހުގެ ހިދުމަތުގެ އަވަސްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.