Roadha Mihaaru
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި

މިނީ ބަސް ފަށަން ޕާކިން ޒޯނު ހަދަން ބޭނުންވާ ބިންތައް ހަމަޖައްސައިދީފި

25 ޖުލައި 2022

މާލޭގެ އެތެރޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ މަގުތައް ހުސްކުރުމަށް ޕާކިން ޒޯން ހެދުމަށް ސަރުކާރުން ބިންތަކެއް ހަމަޖައްސައިދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ އެތެރޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ މަގުތައް ހުސްކުރުމަށް ޕާކިން ޒޯން ހެދުމަށް ސަރުކާރުން ބިންތަކެއް ހަމަޖައްސައިދީފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "މިހާރު" އަށް މިއަދު ވިދާޅުވީ، އެކި މިނިސްޓްރީތަކުގެ ބޭނުމަށް ކަނޑައަޅާފައިވާ ހުސްބިންތަކެއްގައި ޕާކިން ޒޯނު ހަދަން ބޭނުންވާތީ، އެ ބިންތައް ޕްލޭނިން މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެ ބިންތަކާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ޕްލޭނިން މިނިސްޓްރީން އެ ކައުންސިލަށް މިއަދު ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް މި މަހު ފެށުމަށް މާލޭގެ ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭ ގޮތް ހަދައިދިނުމަށް އެމްޓީސީސީން ވަނީ ކައުންސިލްގައި އެދިފަ އެވެ. ނަމަވެސް، އެ މަސައްކަތަށް ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

އެކަމަކު ނަރީޝް ވިދާޅުވިގޮތުގައި، އެ މަގުތަކުގައި އާއްމުންގެ އުޅަނދުތައް ޕާކްކުރަމުން އަންނައިރު، އެކަން މަނާކުރުމުގެ ކުރިން ކައުންސިލުން އެހެން ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ސަރުކާރުގައި އެދުނު ކަމަށެވެ. އެ ޕާކިން ޒޯންތައް އެހެން ސަރަހައްދަކަށް ބަދަލުކުރެވޭނީ ވެސް ޕާކް ކުރާނެ ތަނެއް ދެއްކުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހަމަޖައްސައިދިން ބިންތަކުގައި ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރަން އާ ޒޯނުތައް ހަދާނެ އެވެ. ނަމަވެސް އާ ޒޯންތައް ކުރަހައި ބޭނުންކުރަން ފެށުމަށް ވަގުތު ނަގާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު މުއިއްޒާއި ޑެޕިއުޓީ މޭޔަރު ނަރީޝް.--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގެ މޭޔަރު މުއިއްޒާއި ޑެޕިއުޓީ މޭޔަރު ނަރީޝް.--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެ ބިންތަކުގައި އެބަހުރި ބައެއް ތަންތަން ހަދާފައި. އެހެންވީމާ، އެ ތަންތަން ހުސްކޮށް، ޕާކިން ސްލޮޓް ޒޯން ކުރެހުމަށް ވަގުތުކޮޅެއް ނަގާނެ،" އޭނާ ވިދާޅުވި އެވެ.

މިނީ ބަސް މަޑުކުރަން މަޖީދީ މަގުގައި އަށް ސްޓޮޕެއް ހަދަން މިއަދު ފަށާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގު އަދި ފަރީދީ މަގުގައި ވެސް ބަސް ސްޓޮޕްތައް ހަދާނެ އެވެ. އެ ތަންތަނުން، ރިންގް ރޯޑުގައި ހަދާފައި ހުރި ސްޓޮޕްތަކަށް ލިންކްވާނެ އެވެ.

"ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތް [ޕާކިން ޒޯނު ހެދުން] ނިންމާނަން،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ބިންތަކުގައި ޕާކިން ޒޯންތައް ހެދުމުން، ބަސް ސްޓޮޕްތައް ހަދާ މަގުތަކުގައި ޕާކްކުރުން އެއްކޮށް މަނާވާނެ އެވެ. ބޭނުމަކީ ވީހާ ވެސް ރަނގަޅަށް އެ ދަތުރުތައް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ޗެލެންޖިން ކަމެއް. ނަމަވެސް ކައުންސިލްގެ އަމާޒަކީ ވީހާ ވެސް ސްމޫތުކޮށް މި ކަން ގެންދިއުން،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފަ އެވެ. މާލޭގައި ހިދުމަތް ދޭން ބޭނުންކުރާނީ 20-22 ސީޓް ހުންނަ 12 ބަހެވެ.