Roadha Mihaaru
"ކޭބަލް ޓީވީ އޮންނަން ޖެހޭނީ ދައުލަތުގެ ދަށުގައި"

ކޭބަލް ޓީވީ ޚިދުމަތުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގެ ދަށުގައި: ޕީއެސްއެމް

29 ޑިސެމްބަރ 2016

ކޭބަލް ޓީވީ އާއި މައުލޫމާތު ފެތުރުމުގެ ޚިދުމަތުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގެ ބާރުގެ ދަށުގައި ކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޭބަލް ޓީވީ އާއި މައުލޫމާތު ފެތުރުމުގެ ޚިދުމަތުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގެ ބާރުގެ ދަށުގައި ކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށަން ޕީއެސްއެމް އިން ތައްޔާރުވަމުން ދާ ދަނޑިވަޅެއްގައި، އިކްރާމް އެގޮތަށް ވިދާޅުވީ ޕީއެސްއެމްގެ ދީނީ ޓީވީ ޗެނަލް "މުންނާރު" ލޯންޗް ކުރަން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅުމަތީގަ އެވެ.

އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ މަގްސަދުތައް ގެއްލޭ ގޮތަށް ބައެއް ބޮޑެތި ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކުންފުނީގެ ނަން ވިދާޅުނުވެ އޭނާ ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ގޮތަކަށް ގާނޫނުތައް ބަދަލުވާން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކޭބަލް ޓީވީ އާއި މައުލޫމާތު ފެތުރުމުގެ ޚިދުމަތް ދެނީ ދައުލަތުގެ ކޮންޓްރޯލް އޮވެގެން ކަމަށާއި ރާއްޖޭގައި ވެސް އެކަން އެގޮތަށް ބަދަލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ޕަބްލިކް ސާވިސް މީޑިއާގެ އަމާޒުތަކަށް ވާސިލްވާއިރު އެކަން ވާނެ ކަމަށް،" އިކްރާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ އެކި ވިޔަފާރިތައް ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކުން މީޑިއާތައް ހިންގުމަކީ އެހެން މީޑިއާތައް ބަލިކަށިވެގެންދާނެ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރެވެނީ މީޑިއާ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅިފައިވާ ގޮތުން ކަމަށާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އެކަމަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"މިކަން ފަށައިގެން އުޅެނީ ގާނޫނުގެ ކޮން މާއްދާއެއްގެ، ކޮން އަކުރަކުން، ކޮން ފިއްޔަކުން ބާރު ދީގެން ކަމެއް ދަންނަވާކަށް ނެތިން،" އުމަރު ވިދާޅުވި އެވެ.