Roadha Mihaaru
ޕީއެސްއެމުން ހަލީލާއި އިކްރާމު ވަކިކޮށްފި

ޕީއެސްއެމުން ހަލީލާއި އިކްރާމު ވަކިކޮށްފި

22 ނޮވެމްބަރ 2018

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު އިކްރާމް މިއަދު ވަކިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު އިކްރާމް މިއަދު ވަކިކޮށްފި އެވެ.

އެއީ ސަރުކާރުގެ 11 ކުންފުންޏަކުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އޭގެ އިތުރުން ޕީއެސްއެމްގެ ޗެއާޕާސަން މަރިޔަމް އަޒްރާ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން ޕީއެސްއެމް އުފެއްދީ އެތަނުގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބިދެވޭ ގޮތަށެވެ ނަމަވެސް މިދިޔަ ޖުލައި މަހު ޕީއެސްއެމްގެ ގާނޫނަށް ގެނައި އިސްލާހާ އެކު، އެތަނުގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސަށެވެ.

އެ ބާރާ އެކު، އޭރު ރައީސަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީއެސްއެމްގެ އާ ބޯޑު އެކުލަވާލައިފަ އެވެ.

އިކްރާމަކީ މިދިޔަ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން ތަފާތު އެކި ޖަލްސާތަކުގައި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

ޕީއެސްއެމަކީ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފެތުރުމާއި އެ މަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރި މީޑިއާއެކެވެ. އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ގުޅޭ ހަބަރުތައް ގެނެސްދޭން ފެށީ ވެސް އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުންނެވެ.