Roadha Mihaaru
މީހަކު މަރާލި ހާންޖީ ރެސްޓޯރަންޓުގެ ޝެފަށް ދައުވާކޮށްފި

ބަންގްލަދޭޝްގެ މީހާ މަރާލި ހާންޖީ ރެސްޓޯރަންޓުގެ ކައްކާމީހާ އަށް ދައުވާކޮށްފި

16 ޖޫން 2022

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝް މީހެއްގެ ގަޔަށް ވަޅި ހަރައި މަރައިލި މައްސަލައިގައި ޕާކިސްތާނުގެ މީހެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝް މީހެއްގެ ގަޔަށް ވަޅި ހަރައި މަރައިލި މައްސަލައިގައި ޕާކިސްތާނުގެ މީހެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ނިރޮޅު މަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހާ މަރައިލީ މިދިޔަ އޭޕްރިލް 16 ވަނަ ދުވަހު އެވެ. އެ ޖަރީމާ ހިންގީ ރޯދަ ވީއްލަން އެއްޗެހި ތައްޔާރުކުރި ވަގުތު ބަންގްލަދޭޝްގެ މީހާ އާއި އެ ރެސްޓޯރަންޓުގެ ޝެފް އަބީދާ ދެމެދު ހިނގި ނުތަނަވަސްކަމެއްގެ ތެރެއިންނެވެ.

ބަންގްލަދޭޝް މީހާގެ ގަޔަށް ވަޅި ހެރުމަށް ފަހު، އަބީދު ވަނީ އެ ތަނުން ފިލައިފަ އެވެ. ފުލުހުން އޭނާ ހޯދީ އެ ރޭ މެންދަމު 2:00 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ބަންގްލަދޭޝްގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލި ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ބަންގްލަދޭޝް މީހާ ގަޔަށް ވަޅި ހަރައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހުގެ ހަވީރު 5:30 ވާން އުޅެނިކޮށެވެ. ނަމަވެސް އެ މާރަމާރީ ހިންގާފައި ވަނީ އޭގެ ދޮޅު ގަޑިއެއްހާ އިރު ކުރިން ކަމަށް ބެލެވެ އެވެ.

އެ ގަޑީގައި ފިލަން އެތައް ވަގުތެއް އަބީދަށް ލިބުނެވެ. ފުލުހުން ހާންޖީ ރެސްޓޯރަންޓަށް ދިޔައިރު އޮތީ ސީން ނައްތާލައިފަ އެވެ. އަދި މަރުވި މީހާގެ ގައިން އޮހޮރުނު ލޭތައް ވަނީ ރެސްޓޯރަންޓުގެ ހުރިހާ ތަނަކުން ސާފު ވެސް ކޮށްފަ އެވެ. އޭނާގެ ހަށިގަނޑު ވެސް އޮތީ ފެން އަޅައި ދޮވެފަ އެވެ.