Roadha Mihaaru
ވިނަރެސް ފްލެޓް ބަލަން އާ ސްލޮޓްތަކެއް ހުޅުވާލައިފި

ވިނަރެސް ފްލެޓްތައް ބަލަން ބޭނުންވާ މީހުންގެ ކިއޫ ދިގުވެ، އާ ވަގުތުތަކެއް!

19 ޖޫން 2022

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް ބެލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން އާ ސްލޮޓްތަކެއް ހުޅުވާލައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް ބެލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން އާ ސްލޮޓްތަކެއް ހުޅުވާލައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ވިނަރެސް ފްލެޓްތައް ބެލުމަށް ގާތްގަނޑަކަށް 11،000 މީހުން ނަން ނޯޓުކޮށްފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފްލެޓްތައް ބެލުމަަށް ރަޖިސްޓަރީކުރުމަށް ހުޅުވައިލުމުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އަންނަ އޮގަސްޓް މަހާ ހިސާބަށް ސްލޮޓްތައް މިހާރު ފުލްވެފައިވާ ކަމަށެވެ. އެހެންވެ، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އާ ވަގުތަކެއް ކަނޑައަޅައި ރަޖިސްޓަރީވުމުގެ ފުރުސަތު ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އެޗްޑީސީން ހުޅުވާލި ހުރިހާ ސްލޮޓެއް ފުލްވީ. އޮގަސްޓް މަހާ ހިސާބަށް އެއްކޮށް ފުލްވީމާ އަނެއްކާ ވެސް އާ ވަގުތުތަކެއް ކަނޑައަޅާފައި ވަނީ ވީހާ ވެސް ގިނަ ބަޔަކަށް ވިނަރެސް ފްލެޓް ބެލުމުގެ ފުރުސަތު ދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީން ކުރިން ދިޔައީ ކޮންމެ ދުވަހަކު 500 މީހުންނަށް ފްލެޓް ދައްކާލަމުންނެވެ. މިހާރު ހުޅުވާލާފައިވާ އާ ފުރުސަތުތަކާ އެކު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެ ކުންފުނިން ކަނޑައަޅާ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:30 އަށް ފްލެޓްތައް އާންމުންނަށް ދައްކާށެވެ. މިހާރު އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޖޫން މަހާ ހަމައަށް ވަނީ ގިނަ ސްލޮޓްތައް ފުލްވެފަ އެވެ.

ވިނަރެސް ފްލެޓް ގަންނަން ކުރިމަތިލުމުގެ ފަހު ތާރީހާ ހަމަައަށް އެ ފްލެޓްތައް ދައްކާނެ އެވެ. އެ ފްލެޓްތައް ވިއްކަން ހުޅުވާލައި ތާރީހު މި މަހު އިއުލާނުކުރާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރަން ފެށި ވިނަރެސްއަކީ 13 ބުރީގެ 10 ޓަވަރުގައި 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއު އެކެވެ. އެ މަޝްރޫއުން ބޮޑު އަދަދެއް މާލޭގެ މީހުންނަށް ހާއްސަކޮށްފައިވާއިރު މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް 100 ޔުނިޓް ވަނީ ކަނޑައަޅައިފަ އެވެ.

އެތަނުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.