Roadha Mihaaru
ވިނަރެސް ފްލެޓު ގަންނަން ފުރުސަތު ހުޅުވާލައިފި

ވިނަރެސް ފްލެޓް ގަންނަން ފުރުސަތު ހުޅުވާލައިފި

18 ޖުލައި 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ނިންމައި، އެ ތަންތަން ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން އިއްޔެ ހުޅުވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ނިންމައި، އެ ތަންތަން ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން އިއްޔެ ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ވިނަރެސް މަޝްރޫއު އިން އެޕާޓްމަންޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާޅާފައިވާ ކަމަށާއި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ފޯމު ހުށަހަޅާ އޮންލައިން ޕޯޓަލަށް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެ އެވެ. އެ ޕޯޓަލަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށެވެ.

ވިނަރެސް ގަންނަ މީހުންނަށް ޕޮއިންޓު ދޭ އުސޫލު:

● މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވެހިކަމެއް ނެތް ނަމަ 25 ޕޮއިންޓު.

● 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީ ގޮތުން ހަވާލުވެގެން ބަލަމުންދާ ދަރިންގެ އަދަދު.

● ދިރިއުޅޭ އެޕާޓްމަންޓުގައި އުޅޭ މީހުންގެ އަދަދު.

● ބަދިގެ އާއި ލިވިން އޭރިއާގެ ބޮޑުމިން.

● ފާހާނާގެ އަދަދާއި އެއް ފާހާނައެއް ބޭނުން ކުރާ މީހުންގެ އަދަދު.

● ހާއްސަ އެހީއަށް ބޭނުންވާ މީހެއް ހުރި ނަމަ އިތުރު 10 ޕޮއިންޓް.

ވިނަރެސް ފްލެޓުގެ 100 ޔުނިޓު ހާއްސަ ކޮށްފައި ވަނީ މާލޭގައި ރަޖިސްޓަރީ ނުވެ އެކަމަކު މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ.

އޭގެ އިތުރުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެން ނުވެ އެވެ.

"ވިނަރެސް" އަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އާއި ފިހާރަތަކާއި ޖިމް ފަދަ ތަންތަން ވެސް ހަދާނެ އެވެ. އަދި ކުނި އުކާލަން ގާބޭޖް ޝޫޓް ވެސް ހުންނާނެ އެވެ.

ފްލެޓާ ގުޅޭ އިތުރު މައުލޫމާތު:

● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު.

● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ.

● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ.

● އެޗްޑީސީ އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ.

● ފްލެޓުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގައި.