Roadha Mihaaru
ވިނަރެސްފްލެޓްތައް ދޫކުރަން ދެން ގިނަ ދުވަހެއް ނުނަގާނެ

ވިނަރެސް ފްލެޓް ދޫކުރަން ދެން މާގިނަ ދުވަހެއް ނުނަގާނެ: އެޗްޑީސީ

10 އެޕްރީލް 2022

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "ވިނަރެސް" އެޕާޓްމަންޓްތައް ގަންނަ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "ވިނަރެސް" އެޕާޓްމަންޓްތައް ގަންނަ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ފްލެޓްތައް ވިއްކަން ހުޅުވާލާނެ ކަަމަށް ބުނެ މީގެ ކުރިން އެ ކުންފުންޏާއި ހައުސިން މިނިސްޓްރީން އެކި ތާރީހުތައް ދީފައިވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ކުރިން މަސައްކަތްކުރީ އެ ކަމަށްޓަކައި ހައުސިން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޕޯޓަލެއްގެ ތެރެއިން ބައެއް ކަންކަން ކުރަން ކަމަށެވެ.

އެކަމަކު، ދެ ފަރާތަށް ވެސް ފަހުން ވިސްނުނީ އެންމެ ފަސޭހައިން އަދި އަވަސް ކުރެވެން އޮތީ އެޗްޑީސީގެ ސިސްޓަމްގެ ތެރެއިން އެ ޕްރޮސެސް ކުރިއަށް ގެންގޮސްގެން ކަމަށް ވާތީ އެ ގޮތަށް މިހާރު ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އެންމެ މީޓިންއެއް ޕްލޭނިން މިނިސްޓްރީއާއެކު ބާއްވާލީމަ އެ ނިމުނީ. އެއީ ބައެއް ކަންކަން ނިންމާލަން. ސޯޝަލް ކްރައިޓީރިއާގެ ބައެއް ޕްލޭނިން މިނިސްޓްރީގެ ޕޯޓަލްގެ ތެރޭގައި ހުރޭ. އެކަމަކު، ފަހުން މި ނިންމުނީ އެޗްޑީސީގެ ޕޯޓަލްގެ ތެރެއަށް އެ ބައި ބަދަލުކުރީމަ ފަސޭހަވާނެއޭ މިކަން ކުރަން،" ސުހައިލް ވިދާޅުވި އެވެ.

"ޓެކްނިކަލް ބައެއް ކަންކަން ހައްލު ކުރަން ނެގި ވަގުތެއް މި ދިޔައީ."

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސުހައިލް ވިދާޅުވި ގޮތުގައި، ވިނަރެސް ފްލެޓް ދޫކުރުމާ ގުޅިގެން އެކިއެކި ތާރީހުތައް އެޗްޑީސީން ކުރިން ދީފައިވާތީ ދެން އެފަދަ ތާރީހެއް ވިދާޅެއް ނުވާނެ އެވެ.

"ދެން އެހާ ދުވަހެއް ނުނަގާނެ ޔަގީނުން ވެސް،" އޭނާ ވިދާޅުވި އެވެ.

އެ ތަންތަން އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން އެޗްޑީސީން ވަނީ ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި "ވިނަރެސް" ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް "ވިނަރެސް" ގަތުމުގެ ފުރުސަތު ދީފަ އެވެ. އެ ކެޓަގަރީތަކުން 288 މީހުން ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި "ވިނަރެސް" މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ.

ވިނަރެސް ފްލެޓްތައް:

- އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓު - އަގު: 2.5-2.7 މިލިއަން ރުފިޔާ - އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދައްކާ ނަމަ އަގު ދެ ގުނަ ވޭ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ މިއަހަރުގެ ޖުލައި ހިސާބުގަ އެވެ.