Roadha Mihaaru

އިމާރާތެއްގެ ރަޖިސްޓްރީގެ މައްސަލާގައި ހަސަން ސައީދާއި ޖަމީލް ކޯޓަށް

ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެއްގެ މިލްކުވެރިކަން ދެ ބޭފުޅުންގެ މައްޗަށް ބަދަލުކުރަން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ގެއެއްގެ ރަޖިސްޓްރީ މައްސަލާގައި ހަސަނާއި ޖަމީލް ކޯޓަށް

ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެއްގެ މިލްކުވެރިކަން ދެ ބޭފުޅުންގެ މައްޗަށް ބަދަލުކުރަން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ކޯޓަށް ހުށަހަޅުއްވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި އޮންނަ އެ ގޯތި އެންމެ ފުރަތަމަ ބައްލަވައިގަތީ ޖަމީލުގެ އާއިލީ ބޭފުޅެއްގެ ނަމުގަ އެވެ. އޭގެ ފަހުން، ހަސަންގެ ނަމަށް އެ ގޯތީގެ މިލްކުވެރިކަން ބަދަލުކޮށް، އޭނާ އާއި ޖަމީލް ބައިވެރިވެވަޑައިގެން އެ ތަނުގައި ވަނީ ގެއެއް އިމާރާތްކޮށްފަ އެވެ.

އެއީ، ކުރިއްސުރެން ފެށިގެން ވެސް ގާތް ދެ ރަށްޓެހިން ކަމަށްވާ ޖަމީލާއި ހަސަން އެކުގައި މަސައްކަތް ކުރެއްވިއިރު ހިންގަވާފައިވާ މުއާމަލާތެކެވެ. އެކަަމަކު، ސިޔާސީ ގޮތުންނާއި ވިޔަފާރީގައި ވެސް ދެ ބޭފުޅުން މިހާރު ހަރަކާތްތެރިވެވަޑައިގަންނަވަނީ ވަކިންނެވެ.

އެހެންވެ އެ ގެ، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖަމީލާއި ހަސަން ވަނީ، އެނގިފައިވާ ގޮތުގައި، ކޯޓުން ބޭރުގައި އެއްބަސްވެވަޑައިގެންފަ އެވެ. އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލް ކޯޓަށް ހުށަހެޅުއްވީ ގޭގެ މަތީ ދެ ބުރި އެ މަނިކުފާނަށް އަދި ތިރީ ދެ ބުރި ހަސަނަށް ލިބޭ ގޮތަށް ވީ އެ އެއްބަސްވުން ތަންފީޒު ކުރުމަށް ކަމަށް ވަނީ އެނގިފަ އެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.

އުސޫލެއްގެ ގޮތުން، އިމާރާތާއި ގޯތީގެ މިލްކުވެރިކަމާ މެދު ގޮތް ނިންމަނީ ކޯޓުންނެވެ.

ޖަމީލާއި ހަސަން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކެބިނެޓުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި 2008ގެ އިންތިހާބުގައި ހަސަނަށް ރައީސްކަން ހޯދައިދެއްވަން ވެސް ޖަމީލް މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން، ގައުމީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް އެ ދެ ބޭފުޅުން މަސައްކަތް ކުރެއްވި އެވެ.

ޖަމީލާއި ހަސަން ރާއްޖެ ޗެމްބާޒްގެ ނަމުގައި ލޯފާމެއް ވެސް ހިންގެވި އެވެ. އެކަމަކު، އެ ތަން މިހާރު ވަނީ އުވާލައިފަ އެވެ.