Roadha Mihaaru
އިޔާޒް ވަކިކުރީ ގޯސްކޮށް، އަލުން ވަޒީފާދޭން އަންގައިފި

އެމްއެންޔޫއިން އިޔާޒް ވަކިކުރީ ގޯސްކޮށް، އަލުން ވަޒީފާ ދޭން އަންގައިފި

20 ޖޫން 2022

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުން ޑރ. އިޔާޒް އަބްދުއްލަތީފް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، އޭނާއަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުން ޑރ. އިޔާޒް އަބްދުއްލަތީފް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، އޭނާއަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އިޔާޒް މިދިޔަ އަހަރު ވަޒީފާއިން ވަކިކުރީ އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކޮށެވެ. އޭގެކުރިން އިޔާޒަށް ޔުނިވާސިޓީން އިންޒާރު ދީ އަދި ވަޒީފާއިން ސަސްޕެންޑް ވެސް ކުރި އެވެ. ސަސްޕެންޑްކުރި މައްސަލަ ވެސް ކުރިން ނިމިފައި އޮތީ އިޔާޒާ އެއްކޮޅަށެވެ.

އިޔާޒް ވަކިކުރި މައްސަލަ ބެލުމަށް ފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ނިންމީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ހަތް ދުވަސް ތެރޭގައި ދޭންޖެހޭނެ ކަމަށެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ވެސް ޓްރައިބިއުނަލުން އެންގި އެވެ.

އިޔާޒް ވަކިކުރީ އަންހެން ކުދިން ހިތާނު ކުރުމާބެހޭގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރި ޚިޔާލެއްގެ މައްސަލަ ހޫނުވެފައި އޮއްވަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ވާހަކަ ދެއްކެވީ އެއީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ބަޔަކު ބުނާތީ އެކަމުގެ ހަގީގަތް ހާމަ ކުރުމަށް ކަމަށެވެ.