Roadha Mihaaru
ގައުމީ ޓީމުން އަލުން ޖާގަ ލިބުމަކީ ޝަރަފެއް: ޒަޔާން

ގައުމީ ޓީމުން އަލުން ފުރުސަތު ލިބުމަކީ ޝަރަފެއް: ޒަޔާން

21 ޖޫން 2022

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ބެޑްމިންޓަން ޓީމުން ޖާގަ ލިބުމަކީ ޝަރަފެއް ކަމަށް، ޒަޔާން ޒަކީ ބުނެފި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ބެޑްމިންޓަން ޓީމުން ޖާގަ ލިބުމަކީ ޝަރަފެއް ކަމަށް، ޒަޔާން ޒަކީ ބުނެފި އެވެ.

ގައުމީ ޓީމުން ޒަޔާން އެކަހެރި ކުރީ 2018 ގަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނާ ޖެހުނު މައްސަލައެއްގައި ޓީމުން ބާކީވި ގޮތަށް ޒަޔާން އަށް އޭގެ ފަހުން ގައުމީ ޓީމުން ފުރުސަތެއް ނުދެ އެވެ. އޭގެ ފަހުން ޒަޔާން ވަނީ "ރިވައިވަލް" ގެ ނަމުގައި ކްލަބެއް ހަދައިގެން ހިންގަން ފަށައިފަ އެވެ. އަދި އެ ކްލަބްގެ ފަރާތުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބުތައް ވެސް ހޯދި އެވެ.

"ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ޖާގަ މި ލިބުނީ. މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް،" ޒަޔާން ބުންޏެވެ.

"މިހިސާބަށް މިދެވުނީ ފަރުދީ ގޮތުން އަދި ރިވައިވަލް ސްޕޯޓްސްގައި ވެސް ގިނަ ކަންކަމެއް ހާސީލު ކުރުމަށް ފަހު. އިންޝާ ﷲ ގައުމީ ޓީމަށް ވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިދޭން މަސައްކަތް ކުރާނަން."

ޒަޔާން ކުރިން ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ބުނީ ރިވައިވަލް އާއެކު ކުރެވުނު މަސައްކަތަށް ފަހު ގައުމީ ޓީމުން ޖާގަ ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް --- ފައިލް ފޮޓޯ

ޒަޔާން ކުރިން ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ބުނީ ރިވައިވަލް އާއެކު ކުރެވުނު މަސައްކަތަށް ފަހު ގައުމީ ޓީމުން ޖާގަ ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް --- ފައިލް ފޮޓޯ

ގައުމީ ޓީމު މިހާރު ތައްޔާރު ވަމުން ދަނީ، އަންނަ މަހު އިނގިރޭސި ވިލާތުގައި ފަށާ، ކޮމަން ވެލްތު ގޭމްސް އަށެވެ. ގައުމީ ޓީމުން ޖާގަ ދީފައިވާ ކުޅުންތެރިންނަކީ، އާމިނަތު ނަބީހާ އަބްދު ރައްޒާގް، ފާތިމަތު ނަބާހާ އަބްދު ރައްޒާގް، ނިބާލް އަހުމަދު، މުހައްމަދު އަޖުްފާން ރަޝީދު، ރިޝްވާން ޝިޔާމް އަދި ޒަޔާން އެވެ.

ޒަޔާން ބުނީ، ރިވައިވަލް ސްޕޯޓްސް އުފެއްދި ސަބަބަކީ ފަރުދީ ގޮތުން ވެސް ވަކިވަކި ކުޅުންތެރިންނަށް އެންމެ މަތީ ލެވަލްގައި ކުޅުން ނެރެދިނުމަށް ކަމަށެވެ. އެ ކްލަބްގެ ތެރެއިން ކުޅުމުގެ ފެންވަރު ސާބިތު ކޮށްދީގެން ރިޝްވާން އަށް ގައުމީ ޓީމުން ޖާގަ ލިބުމަކީ ވެސް ކުރެވުނު މަސައްކަތާ މެދު ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ޒަޔާން ބުންޏެވެ.

"ކޮމަން ވެލްތު ގޭމްސް ކަހަލަ ބޮޑު ގޭމްސް އަކުން މިގޮތަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކްލަބްގައި އެފެންވަރު ދައްކައި ރިޝްވާން ވެސް މިވަރުގެ ބޮޑު ގޭމްސް އަކަށް ގައުމީ ޓީމުން ޖާގަ ލިބުމަކީ އަަޅުގަނޑަށް ވެސް ލިބުނު އުފަލެއް،" ޒަޔާން ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމުގައި ނެތް ނަމަވެސް މިދިޔަ ހަތަރު އަހަރު ވެސް އޭނާ މަސައްކަތް ކުރީ ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކަމަށެވެ.