Roadha Mihaaru
ލިޓަސް އިން ސައިކަލް ނުލިބިގެން އެތައް ބައެއްގެ ޝަކުވާ

ލިޓަސް އިން ސައިކަލް ނުލިބިގެން އެތައް ބައެއްގެ ޝަކުވާ

23 ޖޫން 2022

ލިޓަސް އިން ސައިކަލް ގަންނަން ބައެއް މީހުންނަށް ސައިކަލް ލިބުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ގިނަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލިޓަސް އިން ސައިކަލް ގަންނަން ބައެއް މީހުންނަށް ސައިކަލް ލިބުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ގިނަވެއްޖެ އެވެ.

ލިޓަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކަމުން އަންނަ ފިހާރައެކެވެ. އެކި ސްކީމްތައް މެދުވެރިކޮށް ވެސް އެ ފިހާރައިން ސައިކަލް ނެގެ އެވެ. އަދި އިންސްޓޯލްމަންޓަށް ވެސް ސައިކަލް ދެ އެވެ. އެހެންވެ، ވަރަށް ގިނަ ބަޔަކު ލިޓަސް އިން ސައިކަލް ނަގަ އެވެ.

އެކަމަކު ފަހަކަށް އައިސް، ސައިކަލް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލަ ބޮޑުވެ، ބައެއް މީހުން ފުލުހަށް ދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. ސައިކަލް ގަންނަ އިރު، އެތަނުން ދޭ މުއްދަތު ފަހަނައަޅައި ގޮސް، ބައެއް މީހުންނަށް ސައިކަލް ނުލިބި ހަތަރު މަސްވެފައިވާ ކަމަށް ވެ އެވެ.

ލިޓަސް މެދުވެރިކޮށް އޭޕްރީމް މަހު ސައިކަލްގެ ފުލް ޕޭމެންޓް ދެއްކި މީހަކު ބުނީ، ޕޭމެންޓް ދެއްކީ އެ މަހުގެ ފަހުކޮޅު ސައިކަލް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

"ގުޅާ ކޮންމެ ފަހަރަކު އިތުރު ތާރީހެއް ދެނީ. އިއްޔެ ބުނީ މި މަހު ފަހުކޮޅޭ. މިހާރު ތިން މަސް ވާން މި އުޅެނީ،" އޭނާ ބުންޏެވެ.

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއް

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއް

އޭނާ ބުނީ، ސައިކަލް ނަގާ އިރު ލިބޭނެ މުއްދަތު ސާފުކޮށް ކިޔައިދޭ ނަމަވެސް މިފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށެވެ. އޭނާ ބުނާ ގޮތުން ލިޓަސް އިން މިހާރު ދަނީ އާންމުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންނެވެ.

"އިނގޭ ޝިޕިން ޑިލޭތަކެއް އުޅޭކަން. އެކަމަކު އެހެން ތަންތަނުން މި މައްސަލަ ދިމާ ނުވެ، ހަމައެކަނި ލިޓަސް އަށް މި މައްސަލަ ދިމާވާތަން މި ފެންނަނީ. އަނެއްކޮޅުން އެ މީހުންނަށް ގުޅީމަ އަބަދުވެސް މިދެނީ އާ ތާރީހުތަކެއް. ހީވަނީ ބޮޑު ސްކޭމެއް ހެން،" އޭނާ ބުންޏެވެ.

ސައިކަލް ނުލިބިގެން ސޯޝަލް މީޑިއާގައި ލިޓަސްގެ ޕޭޖަށް ވެސް އެތައް ބަޔަކު އެތައް ސަތޭކަ ކޮމެންޓް ކޮންމެ ދުވަހަކު ވެސް ކުރެ އެވެ. ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނީ، މާޗް މަހު ފުލް ޕޭމެންޓް ދެއްކި އިރު ސައިކަލް އަދިވެސް ނުލިބޭ ކަމަށެވެ.

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއް

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއް

މި މައްސަލާގައި ލިޓަސް އިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، ފޭސްބުކް އަށް ކޮށްފައިވާ ބައެއް ކޮމެންޓްތަކަށް ލިޓަސް އިން ރިޕްލައިކުރަމުން ބުނެފައިވަނީ އެ މައްސަލަތައް ބަލާނެ ކަމަށެވެ. ސައިކަލް ވިޔަފާރީގައި ކުރިން ވަރަށް ބޮޑު އިތުބާރެއް ހޯދި އެ ފިހާރަ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ ކީއްވެ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ގިނަ ބަޔަކަށް މައްސަލަ ދިމާވިޔަސް، ބައެއް މީހުންނަށް ވަރަށް އަވަހަށް ވެސް ސައިކަލް ލިބިފައި އެބަހުއްޓެވެ. "މިހާރު" އާ ވާހަކަ ދެއްކި އެކަކު ބުނީ އޭނާގެ ސައިކަލް ދެ ހަފުތާއެއްގެ ތެރޭގައި ލިބުނު ކަމަށެވެ.

އެކަމަކު ލިޓަސް އިން ސައިކަލެއް ގަތް އެހެން މީހަކު ބުނީ، ޕޭމެންޓް ދެއްކީ 15 ދުވަސް ތެރޭ ލިބޭނެ ކަމަށް ބުނުމުން ކަމަށެވެ. އޭގެ ފަހުން ގުޅުމުން ދެ ފަހަރެއްގެ މަތިން 15 ދުވަސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެކޮޅުން ކޮމިއުނޭޓް ވެސް ނުކުރޭ. އަމިއްލަ އަށް ގުޅީމަ މި ބުނަނީ ކޮންޓެއިނާ ކްލިއާ ނުކުރެވެއޭ. އެހެން ކިޔާތާ އެތައް ދުވަހެއް މިވަނީ. މިހާރު ގުޅީމަ ބުނަނީ ލިބޭނެ ދުވަހެއް ވެސް ނޭންގެއޭ،" އޭނާ ބުންޏެވެ.

މައްސަލަ ބޮޑުވެ، ބައެއް ފަރާތްތަކުން ސައިކަލް ހޯދަން ގުޅުމުން، ރީފަންޑަށް އެދި ހުށަހަޅަން ވެސް ލިޓަސް އިން ވަނީ އެދިފަ އެވެ.

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއް

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއް

ގަނެފައިވާ ސައިކަލް ނުލިބުމުގެ އިތުރަށް ސައިކަލް ރަޖިސްޓްރޭޝަން ބަދަލު ނުކޮށްދޭ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އާންމު ވެފަ އެވެ. "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނީ، މިދިޔަ އަހަރު ޖުލައި މަހު ޕޭމެންޓް ދައްކާ ނިންމާފައިވާ އިރު އަދިވެސް ރަޖިސްޓްރޭޝަން ނުލިބޭ ކަމަށެވެ.

"ޕޭމެންޓް ނިންމާތާ ތިން މަސް ތެރޭ އެކަން ނިމޭނެއޭ ބުނީ، މިދިޔަ މަހު ލިޓަސް ފިހާރަ އަށް ގޮސް ބެލިއިރު ރެޖިސްޓްރޭޝަން ނުވެސް ފޮނުވާ،" އޭނާ ބުންޏެވެ.