Roadha Mihaaru
ވެމްކޯ އަތުން ބަދަލުހިފައި ސިފައިންގެ ފެށުން ކާމިޔާބު

ވެމްކޯ އަތުން ބަދަލުހިފައި ސިފައިން ގައުމީ ލީގުގެ ފެށުން ކާމިޔާބުކޮށްފި

26 ޖޫން 2022

އެސޯސިއޭޝަން ކަޕް ޕްލޭއޯފްގައި ވެމްކޯ އަތުން ބަލިވެ ފައިނަލުގެ ޖާގަ ގެއްލުނު ދިވެހި ސިފަައިންގެ ކުލަބް (ޑީއެސްސީ) މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-1 ސެޓުން ވެމްކޯ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެސޯސިއޭޝަން ކަޕް ޕްލޭއޯފްގައި ވެމްކޯ އަތުން ބަލިވެ ފައިނަލުގެ ޖާގަ ގެއްލުނު ދިވެހި ސިފަައިންގެ ކުލަބް (ޑީއެސްސީ) މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-1 ސެޓުން ވެމްކޯ ބަލިކޮށްފި އެވެ.

މިއީ މިއަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސިފައިން އަތުން ވެމްކޯ ބަލިވި ދެވަނަ މެޗެވެ. މިދިޔަ ހަފްތާ އެސޯސިއޭޝަން ކަޕުގެ ޕްލޭއޯފްގައި ސީދާ ތިން ސެޓުން ވެމްކޯ ވަނީ ސިފައިން ބަލިކޮށްފަ އެވެ. ނަމަވެސް އެ މުބާރާތުގެ ލީގު ބުރުގައި ސިފައިން ވަނީ ސީދާ ތިން ސެޓުން ވެމްކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވި ގައުމީ ލީގުގެ ޗެމްޕިއަން ސިފައިން، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު 18-25 އިން ގެންދިޔައީ ވެމްކޯ އެވެ. ނަމަވެސް ސިފައިން ވަނީ ފަހަތުން އަރައި 25-19، 25-23 އަދި 25-19 އިން ފަހު ތިން ސެޓި ކާމިޔާބުކޮށްފަ އެވެ.

ވެމްކޯއިން ފުރަތަމަ ސެޓުގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގުމުން ސިފައިން ވަނީ ޓައިމްއައުޓެއް ނަގައިފަ އެވެ. ޓައިމްއައުޓަށް ފަހު ސިފައިންގެ އެޓޭކްތައް ވަރުގަދަކޮށް، 12-12 އިން އެއްވަރު ވެސް ކުރި އެވެ. ނަތީޖާ އެއްވަރުކުރުމާ އެކު ވެމްކޯގެ އެޓޭކްތައް ނުރައްކާވި އެވެ. ވެމްކޯ އިން މި ސެޓް ހޯދީ ސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އިންޑިއާގެ އަޝްވަލް ރާއީގެ އެޓޭކްތަކާ އެކު އެވެ.

ފުރަތަމަ ސެޓަށް ފަހު ދެވަނަ ސެޓުން ފެށިގެން ސިފައިން ވަނީ އިތުބާރު ހޯދައި ސެޓަކަށް ފަހު ސެޓެއް ކާމިޔާބު ކޮށްފަ އެވެ. ސިފައިންގެ ޓީމުގެ ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް) ވެސް އަދި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މަނޫ ޖޯސެފް ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަނޫ ޖޯސެފް އެވެ.

ވެމްކޯ ވަނީ އިއްޔެ ހަވީރު މުބާރާތް ހުޅުވަން ކުޅުނު ފުރަތަމަ މެޗުގައި އޮއްފު އެފްސީ ބަލި ކޮށްފަ އެވެ.

ގައުމީ ލީގުގެ ހަތަރުވަނަ މެޗުގައި މިރޭ 8:30 ގައި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލު ކުރާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. ސިޓީ ވަނީ ރޭ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ. މިރޭގެ މެޗަކީ ޕޮލިސް ކުލަބު ލީގުގައި ކުޅޭ ފުރަތަމަ މެޗެވެ.