Roadha Mihaaru
ސިފައިން އަލުން ވޮލީގެ ރަސްކަމަށް

ސިފައިން އަލުން ވޮލީގެ ރަސްކަމަށް

06 ޖެނުއަރީ 2024

ދިވެހި ސިފައިންގެ ޓީމުން ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ލީގު އައްޑަނަ އުފުލާލައިފި އެވެ.

ދިވެހި ސިފައިންގެ ޓީމުން ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ލީގު އައްޑަނަ އުފުލާލައިފި އެވެ.

މިއާ އެކު އެންމެ ފަހުން ގައުމީ ލީގު ބޭއްވި ފަސް ފަހަރުގެ ތެރެއިން ސިފައިން ވަނީ ތިން ފަހަރު ކާމިޔާބު ހޯދައިފަ އެވެ. ސްޕޯޓްސް ކްލަބް ސިޓީން 2022 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދުމުގެ ކުރިން 2020 ވަނަ އަހަރު ލީގު ކާމިޔާބު ކުރީ ސިފައިންނެވެ. އޭގެ ކުރިން 2017 ވަނަ އަހަރު މޯލްޑިވިއަން އިން ލީގު އައްޑަނަ އުފުލާލުމުގެ ކުރިން 2016 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައި ވަނީ ސިފައިންނެވެ.

ގައުމީ ވޮލީބޯޅަ ލީގު 2023ގެ އައްޑަނަ ސިފައިން އުފުލާލީ ރޭ ޕޮލިސް ކްލަބާ ވާދަކޮށް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އެޓީމުން ގެންދިޔައީ 25-10، 25-19 އަދި 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަމަދު މުހައްމަދެވެ.

އިއްޔެ ހަވީރު ސިޓީ ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން ކްލަބް ވެމްކޯ ބަލިވުމާ އެކު ސިފައިންނަށް ވަނީ އިތުރު ޕްރެޝަރަކާ ނުލައި ޗެމްޕިއަންކަން ޔަގީން ވެފަ އެވެ.

ސިޓީން މެޗު ކާމިޔާބު ކުރީ 25-21، 24-26، 22-25، 25-21 އަދި 15-13 އިން ސެޓްތައް ގެންގޮސްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ އުމަރުބެކް ޒުނުސޯވް އެވެ.

ސިފައިން ލީގު ޗެމްޕިއަންކަޕް ހޯދީފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނިންމީ 10 ޕޮއިންޓް ލިބުނު އާބަންކޯ އެވެ. ސިޓީ ސްޕޯޓްސް ކްލަބާއި ވެމްކޯ އަށް ވެސް ނުވަ ޕޮއިންޓް ހޯދައި ގަދަ ހަތަރެއްގައި ހިމެނިގެން ގައުމީ މުބާރާތުން ވަނީ ފުރުސަތު ހޯދައިފަ އެވެ.

އެންމެ ފަހުން ނިމުނު ވޮލީބޯޅަ ސީޒަންގެ ހުރިހާ ތައްޓެއް ނެގި ސްޕޯޓްސް ކްލަބް ސިޓީގެ އިތުރުން، ވޮލީގައި ކާމިޔާބު ޕޮލިސް ކްލަބަށް ގަދަ ހަތަރަކުން ޖާގައެއް ނުލިބެ އެވެ.

ގައުމީ ލީގުގެ ޑްރީމް ޓީމުގައި ހިމެނެނީ ސިފައިންގެ ކްލަބްގެ ހުސެއިން ޝާހިދު، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ވެމްކޯގެ ހުސެއިން ޔޫސުފް (ޓޯއީ)، އަލީ ހުޒާމް (ހުޒާންޓޭ)، ލިބަރޯ އަހުމަދު ނަބީލް (ނައްބަ)، ސިޓީ ސްޕޯޓްސް ކްލަބްގެ އަހުމަދު ފާޒިލް އަދި އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ލީގުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ސިޓީގެ އަހުމަދު އިސާމް އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ޖުނެއިދު އަބްދުﷲ (މާމަ) އެވެ.

ގައުމީ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އެވެ. ސިފައިން އެންމެ ފަހުން ލީގު ކާމިޔާބު ކުރި ތިން ފަހަރު ވެސް އެޑަމް ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ކުރިއަށް އޮތީ މާދަމާ ފަށާ ގައުމީ މުބާރާތެވެ. ލީގުގެ ގަދަ ހަތަރެއް ޔަގީން ކުރި ސިފައިންނާއި ވެމްކޯ އަދި އާބަންކޯގެ އިތުރުން ސިޓީ ސްޕޯޓްސް ކްލަބް ގައުމީ މުބާރާތުގައި ވާދަކުރާނެ އެވެ.

ގައުމީ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާބަންކޯ އާއި ވެމްކޯ އެވެ. މޮޅުވާ ޓީމެއް ޖެހޭނީ މާދަމާ ރޭ ސިފައިންނާއި ސިޓީ ސްޕޯޓްސް ބައްދަލުކޮށް ބަލިވާ ޓީމަކާ ދެކޮޅަށް ތިންވަނަ ސެމީގައި ކުޅޭށެވެ. ސިފައިންނާއި ސިޓީ ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ.

ތިންވަނަ ސެމީ ކުޅޭނީ ހޯމަ ދުވަހުގެ ރެއެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރެއެވެ.