Roadha Mihaaru
ލީގު ހޯދަން ސިފައިންނަށް ކުޑަ އިންތިޒާރެއް

ލީގު ހޯދަން ސިފައިންނަށް ކުޑަ އިންތިޒާރެއް

05 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަން އިއްޔެ ހަވީރު ނުކުތް ދިވެހި ސިފައިންގެ ކްލަބް، ސިޓީ ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން ބަލިވުމުން، ލީގު އައްޑަނަ އުފުލާލަން ކުޑަ އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ގައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަން އިއްޔެ ހަވީރު ނުކުތް ދިވެހި ސިފައިންގެ ކްލަބް، ސިޓީ ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން ބަލިވުމުން، ލީގު އައްޑަނަ އުފުލާލަން ކުޑަ އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް ސިޓީ ސްޕޯޓްސް ކްލަބުން 25-22، 25-20 އިން ގެންގޮސްފައި ވަނިކޮށް ސިފައިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓްގައި މޮޅަށް ކުޅެ 25-19، 25-13 އިން ސިޓީ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައި އެއްވަރު ކޮށްފަ އެވެ.

ނަމަވެސް ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓްގައި ސިޓީން ވަނީ 16-14 އިން ސިފައިންގެ މައްޗަށް ކުރި ހޯދައި މެޗު ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ ނުރުމުހައްމަދު ޓޮކްޓޮއޭވް އެވެ.

މި މެޗުގެ ކުރިން ސިފައިން ވަނީ ހަ ޓީމު ވާދަކުރާ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. މިއަދުގެ މެޗުގައި ލިބުނު އެއް ޕޮއިންޓާ އެކު ސިފައިންނަށް ވަނީ ހަތަރު މެޗުން ޖުމްލަ 10 ޕޮއިންޓް ލިބިފަ އެވެ.

ސިފައިންގެ މައްޗަށް ކުރި ހޯދައިގެން ސިޓީ ސްޕޯޓްސް ކްލަބް ވަނީ ލީގުގެ ގަދަ ހަތަރެއް ޔަގީން ކޮށް، ގައުމީ މުބާރާތުން ފުރުސަތު ހޯދައިފަ އެވެ. ސިޓީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރުވަނައިގައި އޮތީ ބާކީ އެއް މެޗު އޮއްވައި ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ވެމްކޯ އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ.

ޕޮލިހާއި ޗެމްޕިއަން ސިޓީ އަށް ވެސް ގައުމީ މުބާރާތުން ފުރުސަތެއް ނެތް

ލީގުގެ ދެވަނައިގައި އޮތީ ރޭ ކުޅުނު މެޗުގައި ސީދާ ތިން ސެޓުން، އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ ބަލިކުރި ކްލަން އާބަންކޯ އެވެ.

އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ މޮޅު ކުޅުމާ އެކު އާބަންކޯ އިން މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ 25-17، 25-16 އަދި 25-11 އިންނެވެ.

މި ނަތީޖާއާ އެކު އާބަންކޯ ވަނީ ފަސް މެޗު ކުޅެގެން 10 ޕޮއިންޓް ހަމަކޮށްފަ އެވެ. ޗެމްޕިއަން ސިޓީ އަށް ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެޓީމަށް ނިންމާލަން ޖެހިފައި ވަނީ ފަސްވަނައިގަ އެވެ. އަދި ޕޮލިސް ކްލަބް ކުޅުނު ހަތަރު މެޗުން އެޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބަކީ ވެސް ނިމިދިޔަ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށިގެން ކުޅެމުން އަންނަ ދެ ޓީމެވެ.

ލީގުގައި ބާކީ އޮތީ ދެ މެޗެވެ. މިއަދު ހަވީރު ވެމްކޯ އާއި ސިޓީ ސްޕޯޓްސް ކްލަބް ބައްދަލު ކުރާނެ އެވެ. އަދި މިރޭ ސިފައިން ނުކުންނާނީ މިހާރު ކުރިއަށްދާ ވޮލީބޯޅަ ސީޒަންގައި އެންމެ ސެޓެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ޕޮލިހާ ދެކޮޅަށެވެ.