Roadha Mihaaru
ސިފައިން ލީޑުގައި އެކަމަކު ޕޮލިހުން ދުލެއް ނުދޭނެ

ސިފައިން ލީޑުގައި އެކަމަކު ޕޮލިހުން ދުލެއް ނުދޭނެ

06 ޖެނުއަރީ 2020

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ފަހު މެޗާ މިރޭ ކުރިމަތިލާއިރު ލީގުގެ ރޭހުގައި ކުރީގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ޓީމާ ދެކޮޅަށް މިރޭ ޕޮލިސް ކްލަބް ނުކުންނައިރު ނަތީޖާއެއް ނެރެން މަޖުބާރުވެފައިވުމުން އެ ޓީމު އޮތީ އެއްވެސް ގޮތަކަށް ދުލެއް ދޭ ގޮތަކަށް ނޫނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ފަހު މެޗާ މިރޭ ކުރިމަތިލާއިރު ލީގުގެ ރޭހުގައި ކުރީގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ޓީމާ ދެކޮޅަށް މިރޭ ޕޮލިސް ކްލަބް ނުކުންނައިރު ނަތީޖާއެއް ނެރެން މަޖުބާރުވެފައިވުމުން އެ ޓީމު އޮތީ އެއްވެސް ގޮތަކަށް ދުލެއް ދޭ ގޮތަކަށް ނޫނެވެ.

ސިފައިން މި ވަގުތު އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޮލިސް ކްލަބަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ގުޑީސް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ސިޓީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޕޮލިހަށް ލީގުގެ ޗެމްޕިއަންކަން ލިބޭނީ ފަސް ސެޓަށް ނުގޮސް މިރޭ ސިފައިން ބަލިކޮށްގެންނެވެ. ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ސިފައިންނަށް ތަށި ލިބޭނެ އެވެ.

ލީގުގައި އެންމެ ފަހުން ގުޑީސް އަތުން ސީދާ ތިން ސެޓުން މޮޅުވި މެޗަށް ފަހު ސިފައިންގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނީ ޓީމުގެ ރޫހު މިހާރު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ފުރަތަމަ ކަމަކަށް ބެލީ ސާވިސް ރަނގަޅު ކުރެވޭތޯ. އެއީ ފުރަތަމަ ޓާގެޓަކީ. އެއީ ސާވިސް ރަނގަޅުވެއްޖިއްޔާ އެކޮޅުގެ ރިސީވް އުނދަގޫވާނެ. ބްލޮކް ވެސް ވަރުގަދަކޮށް މި ފެނުނީ ސިފައިންގެ ޓީމުގައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި އިތުރަށް ރަނގަޅުވާނެ،" މުންތޭ ބުންޏެވެ.

މި ފަހަރުގެ ލީގުގައި މިހާތަނަށް ސިފައިން ބަލިވި ހަމައެކަނި މެޗަކީ ލީގުގެ ފުރަތަމަ ބުރުގައި ޕޮލިސް އަތުން 3-1 އިން ބަލިވި މެޗެވެ. މުންތޭ ބުނީ އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ލީގަށް ވާދަކުރަން އޮތް ތިން ޓީމުގެ ތެރެއިން އެންމެ ވަރުގަދަކޮށް އޮތް ޓީމަކީ ޕޮލިސް ކަމަށެވެ.

"ޖުމްލަކޮށް ވޮލީގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެން ނޫނީ ޕޮލިސް އަތުން މޮޅެއް ނުވެވޭނެ. އެއީ ތިން ޓީމަށް ބަލާއިރު ޕޮލިސް އެންމެ ވަރުގަދަކޮށް އޮތީ. ހުރިހާ ޑިޕާޓްމެންޓެއް ވަރުގަަދަކޮށް އޮތީ. ވަރަށް އުނދަގޫ މެޗަކަށް ވާނެ. އެ މެޗަށް ސިފައިންގެ ޓީމު އޮތީ ރަނގަޅު ރޫހެއްގައި 100 ޕަސެންޓް ފިޓްކޮށް،" މުންތޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ ސްކޮޑަކާ އެކު ކުރިމަތިލި އެއް ޓީމަކީ ޕޮލިހެވެ. ގައުމީ ޓީމުގެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ އިތުރުން ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ވެސް އެ ޓީމުގައި ހިމެނެ އެވެ. ޕޮލިހަށް މި ފަހަރުގެ މުބާރާތުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ދެ މެޗުން ވެސް ގުޑީސް އަތުން ބަލިވުމެވެ. ގުޑީސް އަކީ ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ ޓީމެކެވެ.

ޕޮލިހުގެ ކޯޗު އަޝްރަފު އަލީ (އަސްރާ) ބުނީ ގުޑީސްގައި އެއްކޮށް ޕްރެކްޓިސްކޮށްފައިވާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބުމުގެ ފައިދާ އެ ޓީމުން ޕޮލިހާ ދެކޮޅަށް ނަގާ ކަމަށެވެ.

"ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ގުޑީސް ޓީމުގައި އެ ތިބީ. އެކުގައި މުޅި އަހަރު ކަހަލަ ގޮތަކަށް ޕްރެކްޓިސްކޮށްފައި ސެޓަރާއި ޔުނިވާސަލްއާ ދެން ތިބި ޕްލޭޔަރުން ވެސް ތިބީ. މި ކޮޅުގައި (ގައުމީ ޓީމުގެ ކުޅުންތެރިންނަކަށް) ތިބީ ޝާހު އާއި ހުޒާމް. އެ ދެ ކުޅުންތެރިންގެ ކުޅުން ދަނެގެން ގުޑީސް އެ މެޗުތައް ނެގީ،" އަސްރާ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ސިފައިން އަތުން ޕޮލިސް މޮޅުވެފައި އޮތް ނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު އޮންނާނީ ތަފާތު ހާލަތެއް ކަމަށް އަސްރާ ގަބޫލުކުރެ އެވެ. އޭނާ ދެކޭގޮތުގައި މި ވަގުތުގެ ހާލަތަށް ބަލާއިރު ފަސޭހަތަކެއް އޮތީ ސިފައިންނަށެވެ.

"ސިފައިންނަކީ ޓީމެއްގެ ގޮތުގައި އަބަދުވެސް ވޯކްރޭޓް ހައިކޮށް އެންމެ ރަގަޅަށް ކުޅޭ އެއް ޓީމު. ރަނގަޅު ޓީމްވޯކެއްގައި އޮވެގެން ސިފައިންނާ ކުޅެން ޖެހޭނީ. މި ވަގުތަށް ބަލާއިރު އެޑްވާންޓޭޖް އޮތީ ސިފައިންނަށް. ޕްރެޝަރު އޮތީ ޕޮލިހަށް. އެއީ ފަސް ސެޓަށް ގޮސްގެން ބަލިވެގެން ވެސް ސިފައިންނަށް ލީގު ލިބެނީ. ޕޮލިހަށް މި އޮތީ ތިން ޕޮއިންޓާ އެކު މޮޅުވުން،" އަސްރާ ބުންޏެވެ.

އޭނާ ބުނީ މި ވަގުތުގެ ހާލަތަށް ތައްޔާރުވެގެން ޕޮލިހުން މިރޭގެ މެޗަށް ނުކުންނާނީ މޮޅުވުމަށް ކަމަށެވެ. ޒުވާނުންގެ މަރުކަޒުގައި ކުޅޭ މިރޭގެ މެޗު ފަށާނީ 20:30 ގަ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ގުޑީސް ބައްދަލުކުރާނީ ސިޓީއާ އެވެ.