Roadha Mihaaru
ސިފައިން ބަލިކޮށް ޕޮލިހުން ރޭހުގައި ކުރިއަށް

ސިފައިން ބަލިކޮށް ޕޮލިހުން ރޭހުގައި ކުރިއަށް

02 ޖެނުއަރީ 2020

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބް އަތުން މޮޅުވެ ޕޮލިސް ކްލަބުން ލީގުގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބް އަތުން މޮޅުވެ ޕޮލިސް ކްލަބުން ލީގުގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗަކީ މި ފަހަރުގެ މުބާރާތުގައި ސިފައިން ބަލިވި ފުރަތަމަ ފަހަރެވެ. ބަލިވި ނަމަވެސް ސިފައިން އޮތީ އެއް ވަނައިގައި އެވެ. ރޭގެ މެޗުތަކަށް ފަހު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައިވާއިރު، އެއް ވަނައިގައި އޮތް ސިފައިންނާއި ދެ ވަނައިިގައި އޮތް ޕޮލިހާއި ތިން ވަނައިގައި އޮތް ގުޑީސް ސްޕޯޓްސް ކްލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމު ރޭންކުކުރީ ސެޓުގެ ތަފާތަށް ބަލައިގެންނެވެ. ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އޮތް ސްޕޯޓްސް ކްލަބް ސިޓީ އެވެ.

ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ސްޕޯޓްސް ކްލަބް ހޯކްސް ވަނީ މުބާރާތުން ކަޓައިފަ އެވެ. ލީގުގެ ދެ ވަނަ ބުރު ފަށާނީ މާދަމާ އެވެ. މާދަމާ ދެ މެޗެއް ކުޅޭނެ އެވެ.

ޕޮލިހުން ރޭ ސިފައިންގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ 25-22، 20-25، 18-25 އަދި 21-25 އިންނެވެ.

ޕޮލިހުގެ ދެ ކުޅުންތެރިން ކައިރިން ސިފައިންގެ ލޯންގޭ (މ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕޮލިހުގެ ދެ ކުޅުންތެރިން ކައިރިން ސިފައިންގެ ލޯންގޭ (މ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ގިނަ ވަގުތު ލީޑުގައި އޮތީ ޕޮލިހުންނެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ޕޮލިހުން ބޮޑު ލީޑެއް ނެގިޔަ ނުދީ ފަހަތުގައި ސިފައިން ވިއްދާފައި އޮތެވެ. އަދި ސެޓުގެ ފަހުކޮޅުގައި އޭގެ ފައިދާނެގި އެވެ. ޕާކިސްތާން ކުޅުންތެރިޔާ މުބާޝަރު ރާޒާގެ މޮޅު ކުޅުން ފެނިގެންދިޔައިރު ސިފައިން ވަނީ 21-20 އިން ލީޑުނަގައިފަ އެވެ. އަދި ފަހުން ޕޮލިހަށް ފުރުސަތެއް ނުދީ ސިފައިން ފުރަތަމަ ސެޓު 25-22 އިން ގެންދިޔަ އެވެ.

ފުރަތަމަ ސެޓުގެ ފަހުކޮޅުގައި ޕޮލިހުގެ ސެޓަރު އިޝާން އިބްރާހިމް (ބަޓިސް) ވަނީ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެކަން ދެ ވަނަ ސެޓުގެ ކުރީކޮޅުގައި ތަކުރާރުކުރުމުން އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. ދެ ވަނަ ސެޓު ފެށިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. ޕޮލިހަށް ކުޅޭ ލަންކާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ދިޕްތީ ރޮމޭޝްގެ މޮޅު އެޓޭކްތައް ފެނިގެންދިޔަ މި ސެޓު މެދަކާ ހަމައިން ސިފައިންނަށް ގިނަ ގޯސްތަކެއް ހެދުނެވެ. ސިފައިން އިން ޖެހިޖެހިގެން ތިން ސާވިސް ނުބައިވުމުގެ ފައިދާ ރަނގަޅަށް ނަގައި ޕޮލިހުން 20-25 އިން ސެޓު ގެންގޮސް އެއްވަރުކުރި އެވެ.

ކޮންމެ ޓީމަކަށް ވެސް އެއް ސެޓު ލިބިފައި އޮތުމުން ދެ ޓީމުން ވެސް ނުކުތީ ތިން ވަނަ ސެޓު ހޯދައި ލީޑުނެގުމުގެ އަޒުމުގަ އެވެ. އެކަން ކާމިޔާބުކުރީ ދެ ވަނަ ސެޓު ކާމިޔާބުކޮށް ލިބުނު އިތުބާރާ އެކީ ޕޮލިހުންނެވެ. މި ސެޓުގައި ވެސް ސިފައިންގެ ފަރާތުން ގިނަ ސާވިސްތަކެއްގައި މައްސަލަ ދިމާވި އެވެ. ހުޒަންޓެ އާއި ދިޕްތީގެ ބާރު ބޯޅަތަކެއް ފެނުނު މި ސެޓުގައި ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮލިހުންގެ ފަރާތުން މޮޅު ބްލޮކްތަކެއް ފެނުނު މި ސެޓު އެ ޓީމުުން ގެންދިޔައީ 18-25 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދިޕްތީ (މ) ސިފައިންގެ ދެ ކުޅުންތެރިންގެ ތެރެއިން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދިޕްތީ (މ) ސިފައިންގެ ދެ ކުޅުންތެރިންގެ ތެރެއިން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަތަރު ވަނަ ސެޓު ފަށައިގެން ސިފައިންގެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށި އެވެ. އެ ޓީމުން މުޅި މެޗަށް ބަލާއިރު އެއް ވަރެއްގައި މުޅި މެޗު ކުޅުނީ އާދަމް ނަސީމް (އެޑަމް) އެވެ. އެޑަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ލިބިފައި އޮތުމުން ޕޮލިހަށް ހަތަރު ވަނަ ސެޓުގައި ކޮންފިޑެންސާ އެކު ކުޅެލަން ލިބިފައި އޮތުމުގެ ފައިދާ އެ ޓީމުން ނެގި އެވެ. އަދި ރަނގަޅު ލީޑެއްގައި ހަތަރު ވަނަ ސެޓުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި މި ސެޓު 21-25 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

ރޭގެ މެޗަކީ އަޝްރަފް އަލީ (އަޝްރާ)ގެ ކޯޗުކަމުގައި ކުޅޭ ޕޮލިހަށް ލީގު ހޯދުމަށްޓަކައި މޮޅުވުން މަޖުބޫރުވެފައި އޮތް މެޗެކެވެ. އެ ޓީމަށް މި މެޗުން ލިބުނު މި މޮޅާ އެކު ލީގުގެ ދެ ވަނަ ބުރަށް ނުކުންނާނީ އިތުބާރާ އެކު އެވެ. އެހެން ނަމަވެސް މުމްތާޒް އަލީ (މުންތޭ)ގެ ކޯޗުކަމުގައި ކުޅޭ ސިފައިންގެ ޓީމު ލީގު ބުރުގައި މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު ދެ ވަނަ ބުރުގައި ވެސް އެ ޓީމުން ރަނގަޅު ވާދައެއް ކުރާނެ ކަމަށް ބެލެވެ އެވެ.