Roadha Mihaaru
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު

ޔޯގާ އިވެންޓުގެ ސެކިއުރިޓީ އަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދިނިން: މަހްލޫފު

28 ޖޫން 2022

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރަން މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓަން ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރަން މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓަން ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިއްބަވާ ހަ ސަފީރަކާއި އެހެން ބައެއް ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތާ ދެކޮޅަށް ބޭއްވި އެއްވުން ހޫނުވެ ފުލުހުންގެ ސަފުތައް ފޫއަޅުވާލައިން ޖާގަ ލިބުނީ ފުލުހުންގެ ފެއިލިއާއަކާ ހެދި ކަމަށް އެ އިދާރާ އިން އިއްޔެ ވަނީ ރަސްމީކޮށް އެއްބަސްވެފަ އެވެ.

ނަމަވެސް އެ ހަރަކާތް އިންތިޒާމުކުރި ފަރާތުން ވެސް ބައިވެރިވަނީ ކޮން ފެންވަރެއްގެ ކޮން ބައެއްކަން އަންގާފައި ނުވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި އެވެ.

ޔޯގާގެ ދުވަހުގެ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގުޅިގެންނެވެ.

އެ ހަރަކާތުގައި ސަފީރުން ތިއްބެވިކަން ޔޫތު މިނިސްޓްރީން ފުލުހުންނަށް ކުރިން ނޭންގީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން، މަަހުލޫފް ވިދާޅުވީ އެ މިނިސްޓްރީން އެއްވެސް ހަރަކާތެއް ރާވާ ނަމަ ސެކިއުރިޓީ ބްރީފިން ދިނުމަށް ހާއްސަ ބައްދަލުވުމެއް އަބަދުވެސް ބާއްވާ ކަމަށެވެ.

އެ އުސޫލުން މި ފަހަރުގެ ޔޯގާ ހަރަކާތާ ގުޅޭ ގޮތުން، އެ ބައްދަލުވުމުގައި ފުލުހުންނަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ސެކިއުރިޓީ ބްރީފް ކުރުމަށް ބާއްވާ] މީޓިންގައި ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ހުންނާނީ ދައްކާފައި،" މައްސަލަ ބޮޑުވި ޔޯގާ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި މަހުލޫފް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެ ދުވަހު ފުލުހުންގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުންނެވެ. އޭގެ ރިޕޯޓެއް ތައްޔާރުކޮށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އިއްޔެގެ ބްރީފިންގައި އޭސީޕީ ޝުޖާއު ވިދާޅުވި އެވެ.

ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް ހަމަލަދިން މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ.