Roadha Mihaaru
ސްޕޯޓްސް ކޯޕަރޭޝަނާ ހެދި މަހްލޫފަށް އުނދަގޫވޭ

ސްޕޯޓްސް ކޯޕަރޭޝަނާ ހެދި މަހްލޫފަށް ވަރަށް އުނދަގޫވޭ

17 ނޮވެމްބަރ 2021

ސްޕޯޓްސް ކޯޕަރޭޝަނުން ޔޫތު މިނިސްޓްރީގެ އިމާރާތެއް ބޭނުންކުރާތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްޕޯޓްސް ކޯޕަރޭޝަނުން ޔޫތު މިނިސްޓްރީގެ އިމާރާތެއް ބޭނުންކުރާތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުން ޔޫތު މިނިސްޓްރީގެ އިމާރާތެއް ބޭނުންކުރަމުން ގެންދަނީ ގަދަކަމުން ކަމަށެވެ.

އެ ކޯޕަރޭޝަނުން ޔޫތު މިނިސްޓްރީގެ އިމާރާތް ބޭނުންކުރުުމަކީ ދައުލަތުގެ އެހެން ކުންފުންޏަކުން ވެސް ހަމަ އެ އިމާރާތް ބޭޭނުންކުރުން ކަހަލަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް ޔޫތު މިނިސްޓްރީގެ އިމާރާތެއްގެ ތެރޭގައި ގަދަކަމުން ސްޕޯޓްސް ކޯޕަރޭޝަން އެ ތިބެނީ. އެއީ އެމްޓީސީސީ އާއި އާރްޑީސީ ވަދެ، ޔޫތުު މިނިސްޓްރީގައި ނުނިކުމެ ތިބުން ކަހަލަ ކަމެއް ނޫންތޯ؟ އަޅުގަނޑަކާ އެއްވެސް ގުޅުމެއް ނެތް ތަނެކޭ،" މަހްލޫފް ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަން ހިންގަނީ ގަލޮޅު ދަނޑުގެ ބައެއްގަ އެވެ.

މަހްލޫފު ވިދާޅުވިގޮތުގައި، ސްޕޯޓްސް ކޯޕަރޭޝަނުން އެ ގޮތަށް އިމާރާތް ބޭނުންކުރާތީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ސްޕޯޓްސް ކޮމިޝަނަރު މަސައްކަތް ކުރައްވާނެ ޖާގައެއް ނެތުމެވެ. އަދި އަނެއް ކަމަކީ ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީސް ހިންގާނެ ތަނެއް ނެތުމެވެ.

ސްޕޯޓްސް ކޯޕަރޭޝަނާ އެކު ޔޫތު މިނިސްޓްރީން ބޭއްވި ބައްދަލުވެއްގައި މިނިސްޓަރު މަހުލޫފާއި އެ ކޯޕަރޭޝަންގެ އެމްޑީ މައުރޫފް އަހުމަދު.---ފައިލް ފޮޓޯ: މިހާރު

ސްޕޯޓްސް ކޯޕަރޭޝަނާ އެކު ޔޫތު މިނިސްޓްރީން ބޭއްވި ބައްދަލުވެއްގައި މިނިސްޓަރު މަހުލޫފާއި އެ ކޯޕަރޭޝަންގެ އެމްޑީ މައުރޫފް އަހުމަދު.---ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑުމެންގެ ސްޕޯޓްސް ކޮމިޝަނަރު އިށީންނާނެ ގޮނޑިއެއް ނެތް. އަޅުގަނޑުމެންގެ ބޮޑީ ބޯޑިން އަށް ދޭނެ އޮފީހެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޭޝަނަކީ ބައެއް ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ޓްވީޓްކުރުން ފިޔަވައި އެހެން ކަމެއް ކުރާ ކުންފުންޏެއް ނޫން ކަމަށާއި އެއީ ވަގުުތުން އުވައިލަން ޖެހޭ ކުންފުންޏެއް ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. އެއީ އެއްވެސް ފައިދާއެއް ވާ ކުންފުންޏެއް ނޫން ކަމަށާއި ކޮންމެ އަހަރަކު ދައުލަތުން އެތައް ފައިސާއެއް އިސްރާފުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޔޫތު މިނިސްޓްރީން ސްޕޯޓްސް ކޯޕަރޭޝަނާ މިހާތަނަށް ހަވާލުކުރި ހަމަ އެކަނި ކަމަކީ އައުޓްޑޯ ޖިމްތަކެއް ހެދުމެވެ. އެކަމަކު، ތިން މަސް ދުވަހުގެ ތެރޭގައި ގެންނަން ހަވާލުކުރި އެ ތަކެތި ގެނެވުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ކަމަށް މަހްލޫފު ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ އޮންނަން ޖެހޭ ކުންފުންޏެއް ކަމަށް ނުވާތީ އެކަމަށް އަވަހަށް ހައްލެއް ހޯދައިދޭން އޭނާ މަޖިލީހަށް ގޮވައިލެއްވި އެވެ. ނަމަވެސް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ފަދަ ބޭފުންނަކީ ގާބިލު ބައެއް ކަމަށާއި އެ ބޭފުޅުންގެ ބޭނުން ޔޫތު މިނިސްޓްރީ އަށް މާބޮޑު ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.