ޔޯގާ ހެދުމަކީ ހަރާން ކަމެއް ކަމަށް ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ސާފުކޮށް ބުނެފި ނަމަ އެ ހަރަކާތް ދެން ނުބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
28 ޖޫން 2022
ޔޯގާ ހެދުމަކީ ހަރާން ކަމެއް ކަމަށް ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ސާފުކޮށް ބުނެފި ނަމަ އެ ހަރަކާތް ދެން ނުބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޔޯގާއަކީ އިސްލާމްދީނުގެ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ އަދި އެކި މީހުން އެކި ވިސްނުން ގެންގުޅޭ މައްސަލައެއް ކަމަށެވެ.
ވަކި ޝައިހަކު އެއީ ހަރާން ކަމެއް ކަމަށް ވިދާޅުވުމުން ގަބޫލު ނުކުރައްވާނެ ކަމަށާއި އެހެން ޝައިހުން ދައްކަވާ ވާހަކަތައް ވެސް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމަކާއި ދެން އޮތް ކަމެއްގައި ހަރާމްތޯ ހަރާމް ނޫންތޯ ސާފުކޮށް އަޅުގަނޑުމެން ކައިރީ ބުނީމާ އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި، މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން ބަޔަކު މިހާރު ކަންކަން ކުރަނީ ސިޔާސީ ބޭނުމެއްގަ އެވެ. އިދިކޮޅު ޕީޕީއެމާއި އެހެން ހުރިހާ ޕާޓީތަކުން ވެސް ބައިވެރިވެގެން ޔޯގާ ހަރަކާތް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޯގާއާ ދެކޮޅު ހަރަކާތް ހިންގިޔަސް އާހިރުގައި ނެރެން ބޭނުންވާ ނަތީޖާއަކީ ވެރިކަމަށް އައުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"މިއީ ސިޔާސީ ބޭނުމެއްގައި ކަނޑައެޅިގެން ބަޔަކު އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ބަޔަކު ރާވަމުން އަންނަ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިސްރާއި މެލޭޝިއާގެ ފަތުވާ ދޭ މަޖިލީހުގެ ނިންމުމަށް ރިއާޔަތް ކޮށް ޔޯގާ ހެދުމަކީ ހަރާމް ކަމެއް ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވައި ދިނުމަށް އެދި މި މަހުގެ 15ގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ނަމަވެސް އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެއީ އިޖުރާއަތްތަކާ ހިލާފަށް ނެރުނު ސިޓީއެއް ކަމަށް ބުނެ އެ ވާހަކަތައް އަނބުރާ ގެންގޮސްފަ އެވެ.
މި އަހަރުގެ ޔޯގާ ހަރަކާތާ ދެކޮޅަށް ބޭއްވި އެއްވުން ހޫނުވެ، ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލަދީ، ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ. ދަނޑަށް ވަދެގަތް މީހުން ބޭނުންކުރީ ޕީޕީއެމްގެ އޮފީހުން ނެރުނު އާލާތްތަކެއް ކަމަށް ފުލުހުން ބުންޏަސް އެ ޕާޓީން އެ ވާހަކަ ދޮގުކުރެ އެވެ.
ޔޯގާ ހަރާމް ކަމަށް ބުނެ ޝޭހުންތަކެއް ފަތުވާ ނެރެފި
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ގެނައުން، ފިއްތުންތަކާ ގުޅިގެން މަޑުޖައްސާލައިފި
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް
އެމްޑީއެން އުވާލުމަކީ ބޮޑު ހިތްހަމަ ޖެހުމެއް: މައުމޫން
އެންމެފަހުން އެމްޑީއެން އުވާލަން ނިންމައިފި
އެމްޑީއެން ސަސްޕެންޑް ކޮށްފި
މަޝްރޫއުތައް ލަސްވަނީ ކުންފުނިތަކުގެ ގާބިލްކަން ނެތީމާ
ލިވާތުކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ފާހެއް ނުވި