Roadha Mihaaru
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް ނުކުމެވަޑައިގެންފި

18 ފެބުރުއަރީ 2020

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެންމެ ފަހުން މިއަދު ނުކުމެވަޑައިގެންފި އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެންމެ ފަހުން މިއަދު ނުކުމެވަޑައިގެންފި އެވެ.

ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދެއްވުމަށް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ބިލާލް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޓުވިޓާގައި މިއަދު އިއުލާން ކުރެއްވުމާ އެކު، އެމްޑީޕީގެ ބައެއް އެހެން އިސްބޭފުޅުން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަން ފައްޓަވައިފި އެވެ.

ބިލާލް، ރާއްޖެ ގެނައުމާ ދެކޮޅަށް އެންމެ ފުރަތަމަ ޓުވީޓާގައި އަޑު އުފުއްލެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި، ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ.

ދީނީ އިލްމުވެރިޔާ ޑރ. ބިލާލްއާ ދެކޮޅަށް ނަޝީދު ކުރެއްވި ޓުވީޓް

"އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ،" މިހާތަނަށް ފަސް ފަހަރު މަތިން ރާއްޖެ ވަޑައިގެން ދިވެހިންނަށް ދީނީކަންކަން އޮޅުން ފިލުއްވައި ދެއްވި، ކެނެޑާ އަށް އުފަން ބިލާލާ ދެކޮޅަށް ނަޝީދު ކުރެއްވި ޓުވީޓުގައި ވެ އެވެ.

އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި މަހްލޫފު މިއަދު މެންދުރެއްހާއިރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޒުވާނުންނަށް ހާއްސަ ކޮށްގެން، ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ޕްރޮމޯޓު ކުރުމަށް އަންނަ މަހުގެ 12-18 އާ ހަމައަށް ބިލާލް ރާއްޖޭގައި ހުންނަވާނެ ކަމަށެވެ. ސަރުކާރުގެ ދައުވަތު ގަބޫލު ކުރެއްވުމުން މަހްލޫފުގެ ޝުކުރު ވެސް ބިލާލަށް ރައްދު ކުރެއްވި އެވެ.

މިނިސްޓަރު މަހްލޫފްގެ ޓުވީޓް

އޭނާގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އީވާ ވިދާޅުވީ، ބިލާލް އަކީ "ޑިމޮކްރަސީއާ މެދު ގެންގުޅޭ ފަނާ ކުރަނިވި ވިސްނުުމުގެ އިތުރުން، ހައްދުފަހަނައަަޅައި ދިއުމުގެ ވިސްނުން ފެތުރުމާއި އަންހެނުންނާ މެދު ހަރުކަށި އަމަލުތައް ހިންގާ މީހެއް" ކަމަށެވެ.

"މި ކަންތައް ހުއްޓާލާ،" އީވާގެ ޓުވީޓުގައި މަހްލޫފްގެ ކިބައިން އެދިވަޑައިގެންފައި ވެ އެވެ.

އީވާ، އަދި ވިދާޅުވީ އަހަރެމެން އެންމެން މިތިބީ ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ވަރަށް ބޭނުންވެފައި ކަމަށެވެ. ނަމަވެސް، ވިދާޅުވީ ގޫގުލް އިން ސާޗް ކުރުމުން ވެސް އެކަމާ ގުޅޭ ނަސޭހަތް ދެއްވަން އެންމެ އެކަށީގެން ވަނީ ބިލާލް ނޫންކަން އެނގޭނެ ކަމަށެވެ. އިންތި ވިދާޅުވި ގޮތުގައި، ބިލާލްގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން މިހާރު ވެސް ގިނަ ގައުމުތަކަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި ވިދާޅުވީ، ބިލާލް އަކީ ރާއްޖެ ގެންނަން އެންމެ އެކަށީގެންވާ ބޭފުޅާ ނޫން ކަމަށެވެ.

ބިލާލް އަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ އިލްމުވެރިއެއް ކަމަށް ބުނެ، އޭނާ ބައެއް ގައުމުތަކަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އިސްލާމީ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.