Roadha Mihaaru
ލިވާތުކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ފާހެއް ނުވި

ލިވާތު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ފާހެއް ނުވި!

11 އޮކްޓޯބަރ 2022

ލިވާތު ކުރުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގެ އަދަބު ބޮޑު ކުރަން ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލިވާތު ކުރުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގެ އަދަބު ބޮޑު ކުރަން ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.

ލިވާތު ކުރުމާއި ސިހާގު ކުރުމުގެ ކުށް އަދި އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ބޮޑު ކުރަން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރަން ގާނޫނުލްއަގޫބާތަށް ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ 42 މެމްބަރުންގެ ހާޒިރުގަ އެވެ. ނަމަވެސް އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރެކެވެ. އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު އިންނެވި އެވެ.

ލިވާތާއި ސިހާގުގެ ކުށަކީ ރާއްޖޭގައި ޖިނާއީ ބޮޑު ކުށެއް ކަމުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައި ގަންނަން ފެންނަ ކަމަށް ވެސް ވޯޓު ދެއްވީ 13 މެމްބަރެކެވެ. ނުފެންނަ ކަމަށް 23 މެމްބަރުން ވޯޓު ދެއްވި އެވެ.

ގާނޫނުލްއަގޫބާތުގެ 114 ވަނަ މާއްދާގައި މިހާރު އޮތް ގޮތުން ކައިވެނި ކޮށްގެން ހުރި މީހަކު އެއްޖިންސުން ގުޅުން ހިންގައިފި ނަމަ ދެވޭނީ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޖަލު ހުކުމެކެވެ.

ގާސިމް، އެ އިސްލާހު ހުށަހެޅުއްވީ ބަންގްލަދޭޝްގެ އަލަމްގީރާއެކު ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން އެއްޖިންސުން ގުޅުން ހިންގި ބޮޑު މައްސަލައެއް ފެންމަތިވެ، އިސް މަގާމުތަކުގައި ތިބި އެތައް ބަޔަކަށް އެ މައްސަލައިގައި ތުހުމަތުކޮށް، ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނިކޮށެވެ.

އެ މައްސަލައިގައި ދޭ އަދަބު ކުޑަވެގެން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އެތައް މައްސަލައެއް ފުލުހުން ވެސް ތަހުގީގު ކުރަމުން އެބަދެ އެވެ.