Roadha Mihaaru
ހަތަރު ރަށް ވިއްކައިގެން ދައުލަތަށް 154 މިލިއަން

ހަތަރު ރަށް ވިއްކައިގެން ދައުލަތަށް 154 މިލިއަން ރުފިޔާ ލިބިއްޖެ

29 ޖޫން 2022

ހަތަރު ރަށެއް ވިއްކައިގެން ދައުލަތުން 154 މިލިއަން ރުފިޔާ (10 މިލިއަން ޑޮލަރު) ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަތަރު ރަށެއް ވިއްކައިގެން ދައުލަތުން 154 މިލިއަން ރުފިޔާ (10 މިލިއަން ޑޮލަރު) ހޯދައިފި އެވެ.

"މިހާރު" އަށް ލިބުނު މައުލޫމާތުގައިވާ ގޮތުން، ރިސޯޓު ހަދަން ދޫކުރި ހަތަރު ރަށުގެ އިކުއިޒިޝަން ކޮސްޓް މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ހަތަރު ރަށުން ވަނީ މީރާއަށް ދައްކާފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށްގެން 148 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެހެންވެ، މިއީ އަންދާޒަކުރި އާމްދަނީއަށް ވުރެ ހަ މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެންމެ ބޮޑު އަދަދެއް ދެއްކީ ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ރިސޯޓު ހަދަން 1 ހެކްޓަރުގެ ފ. އެނބުލުފުށި ގަނެފައިވަނީ 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ) އެވެ.

ނައިޑް ޓްރޭޑިންގެ ހިއްސާދާރުންނަކީ އަހުމަދު އިބްރާހިމް ދީދީ އާއި ފާތިމަތު ނީނާ އެވެ. އެކުންފުނި 2017 ވަނަ އަހަރު ރަޖިސްޓާ ކޮށްފައިވާ އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު އިބްރާހިމް ދީދީ އެވެ.

ރިސޯޓު ހެދުމަށް ބިޑް ކާމިޔާބުކުރި ކުންފުނިތަކުގެ ތަފްސީލު

ރިސޯޓު ހެދުމަށް ބިޑް ކާމިޔާބުކުރި ކުންފުނިތަކުގެ ތަފްސީލު

ފ. އެނބުލުފުއްޓަށް ހަކިރި ހޯލްޑިން އާއި ސަބްސޯލާ އިންވެސްޓްމެންޓުން ވެސް ބިޑް ހުށަހެޅި އެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ދެއްކީ ގދ.ކަނޑަހަލަގަލަ ތަރައްގީކުރަން ބިޑް ކާމިޔާބުކުރި ޕަޔަނިއަ މޯލްޑިވްސް އެވެ. އެކުންފުނިން ބިޑް ކާމިޔާބު ކުރީ 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) އަށެވެ.

އެކުންފުނީގެ ހިއްސާދާރުންނަކީ އިކުލީލް ޝަރީފާއި އިބްރާހިމް ސައީދު މުހައްމަދެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓްގެ ވިޔަފާރި ކުރާ އާރްއެމްއެލްއެސްގެ ހިއްސާދާރުންނެވެ. ފައިނިއާ މޯލްޑިވްސް އިން ވިޑް ކާމިޔާބުކުރި އިރު އެރަށް ގަތުމަށް ބިޑް ހުށަހެޅި އަނެއް ކުންފުންޏަކީ ކްރޭމާ ސާލްޒްބަގް ޖީއެމްބީއެޗް އެވެ. އެކުންފުނީ ގދ.ކަނޑަހަލަގަލަ އަށް ހުށަހެޅީ 2.2 މިލިއަން ޑޮލަރު (33 މިލިއަން ރުފިޔާ) އެވެ.

ރިސޯޓު ތަރައްގީކުރަން 0.86 ހެކްޓަރުގެ ފ.ޖިންނަތުއަގު ގަނެެފައިވަނީ އަކިރި ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އިން ބިޑް ކާމިޔާބު ކުރީ ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހުށަހަޅައިގެންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ފާތިމަތު ޝިއުރާ ރަޝީދާއި ބްރޫނޯ އިމެނުއަލް ވަނީނީ އެވެ. މ.ސީދީހުރާ އާއި ސީދީހުރާ ވެލިގަނޑު ކާމިޔާބުކުރި މަަކެޓެކް މޯލްޑިވްސް އިން ދެއްކީ 1.6 މިލިއަން ރުފިޔާ (24.6 މިލިއަން ރުފިޔާ) އެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ އަބްދުﷲ ވަސީމާއި އަހުމަދު ނަސީރެވެ.

މިދިޔަ އޭޕްރީލް މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓު ހެދުމަށް ފަސް ކުންފުންޏަކަށް ރަށްތައް އެވޯޑްކޮށްފަ އެވެ. ނަމަވެސް ހއ.އަލިދުފަރުފިނޮޅު އެވޯޑުކުރި ޔޫއެމްއައި ކުންފުނިން ކަނޑައެޅި މުއްދަތުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ދައްކާފައިނުވާތީ އެ ބިޑް ވަނީ ބާތިލްކޮށްފަ އެވެ.

އިކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ބިޑް އެވޯޑުކުރާތާ 60 ދުވަހުގެ ތެރޭގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރު އޮކްޓޫބަރުގައި 10 އަތޮޅަކުން 21 ރަށެއް ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފަ އެވެ. ރިސޯޓުތައް ހެދުމަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ނުވަ ރަށަކަށް 13 ފަރާތަކުން ބީލަން ހުށަހެޅި އެވެ.