Roadha Mihaaru
އެންމެ ބޮޑު ޓެރަރިސްޓަށް ރަޝިޔާ ވެއްޖެ: ޒެލެންސްކީ

އެންމެ ބޮޑު ޓެރަރިސްޓް ގުރޫޕަށް ރަޝިޔާ ވެއްޖެ: ޒެލެންސްކީ

28 ޖޫން 2022

ދުނިޔޭގައި މިހާރު ހިންގާ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކަށް ވުރެ ވެސް، ނުރައްކާތެރިކަން ބޮޑު ޓެރަރިސްޓް ޖަމާއަތަކަށް ރަޝިޔާ މިހާރު ވެއްޖެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި މިހާރު ހިންގާ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކަށް ވުރެ ވެސް، ނުރައްކާތެރިކަން ބޮޑު ޓެރަރިސްޓް ޖަމާއަތަކަށް ރަޝިޔާ މިހާރު ވެއްޖެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ވިދާޅުވެއްޖެ އެވެ.

ގައުމާ މުޚާތަބު ކުރައްވައި ރޭ ދެއްވި ވީޑިއޯ މެސެޖްގައި، ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ގައުމުގެ މެދުތެރޭގައި އޮންނަ ކްރެމެންޗުކް ކިޔާ ސަހަރުގައި ހުރި ޝޮޕިން މޯލް އަށް ރަޝިޔާ ސިފައިން އިއްޔެ ދިން މިސައިލް ހަމަލާތަކުން، ރަޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތްކަން ސާބިތުވެ އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އެ ޝޮޕިން މޯލް އަށް ރަޝިޔާގެ މިސައިލް ހަމަލާ އަމާޒުވި ވަގުތަކީ، ހާހެއްހާ މީހުން ވިޔަފާރި ކުރުމަށް ވަދެ އެ މޯލްގެ ތެރޭގައި އުޅެމުން ދިޔަ ވަގުތެކެވެ. މިހާދިސާގައި މަދުވެގެން 18 މީހަކު މަރުވިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އަދި އިތުރު 36 މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް، ކުއްލި އެހީދޭ ޓީމުތަކުން ބުނެ އެވެ.

ޖޫން 27، 2022 ގައި ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކެއްގައި، ޔޫކްރޭންގެ މެދުތެރޭ ސަހަރެއް ކަމަށްވާ ކްރެމެންޗުކްގައި ހުރި ޝޮޕިން މޯލް ބިމާ ހަމަވެފައި. --އޭއެފްޕީ

ޖޫން 27، 2022 ގައި ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކެއްގައި، ޔޫކްރޭންގެ މެދުތެރޭ ސަހަރެއް ކަމަށްވާ ކްރެމެންޗުކްގައި ހުރި ޝޮޕިން މޯލް ބިމާ ހަމަވެފައި. --އޭއެފްޕީ

ރަޝިޔާގެ މިސައިލްތައް އެރުމާއެކު އެ ޝޮޕިން މޯލްގައި ރޯވެ އަނދަން ފެށި އެވެ. އަދި މާ ގިނަ އިރުތަކެއް ނުވަނީސް މޯލްގެ ބޮޑު ބައެއް ވަނީ ބިމާ ހަމަވެފަ އެވެ. މި ހަމަލާ ދިނުމަށް ރަޝިޔާ އިން ބޭނުންކުރީ ކޭއެޗް-22 މަރުކާގެ މިސައިލެވެ. މިއީ އެއްޓަނުގެ ގޮވާތަކެތި އުފުލުމުގެ ގާބިލުކަން ލިބިގެންވާ، ދުރު ރާސްތާ މިސައިލެކެވެ.

އާންމުންގެ ވިޔަފާރި މަރުކަޒަކަށް ރަޝިޔާ އިން ގަސްދުގައި މިސައިލް ހަމަލާތަކެއް ދިނުމުން، ހުޅަނގުގެ ގައުމުތަކުން ދަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރަޝިޔާގެ އެ ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ.

ރަޝިޔާ އިން ޔޫކްރޭންގެ އާންމުންނަށް ހަމަލާތައް ދެމުންދާތީ އެކަމާ ބެހޭ ގޮތުން ބަހުސް ކުރުމަށް، ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެމެރިކާ އިން ބުނި ގޮތުގައި އާންމުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަކަށް ރަޝިޔާ ޒިންމާދާރުކުރުވަންޖެހޭނެ އެވެ.

ނަމަވެސް، އދ.ގައި ހުންނަވާ ރަޝިޔާ ސަފީރުގެ ނައިބު ޑިމިޓްރީ ޕޮލްޔަންސްކީ ރޭ ވިދާޅުވި ގޮތުގައި ކްރެމެންޗުކްގައި ހިންގި ކަންތަކާ ބެހޭ ގޮތުން ޔޫކްރޭނުން މިހާރު ފަތުރަމުން ދަނީ ތެދު ވާހަކަތަކެއް ނޫނެވެ. މީގެ ކުރިން ބުޗާގައި އާންމުންނާ ދެކޮޅަށް ރަޝިޔާ ސިފައިން ގަތުލުއާންމެން ހިންގިކަން ދެއްކުމަށް މަސައްކަތްކުރި ފަދައިން، މިހާރު ކުރަމުންދާ މަސައްކަތަކީ ނޭޓޯގެ ވެރިންގެ މަހާސިންތާގެ ސަމާލުކަން ހޯދުމަށް ކުރަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާގެ ދިފާއީ ވުޒާރާއިން ކަމުގެ ހަގީގަތް ވަރަށް އަވަހަށް އޮޅުންފިލުވައިދޭނެ ކަމަށެވެ. އަދި ކްރެމެންޗުކްގައި އާންމުންގެ ގިނަ ބަޔަކު މަރުވިކަމަށް ޔޫކްރޭނުން ތުހުމަތުކޮށް، ފަތުރަމުން ދަނީ މާ ކުރީގެ މަންޒަރުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.