Roadha Mihaaru
ރަޝިޔާ އިން ޔޫކްރޭނަށް މިސައިލްގެ ތޫފާނެއް

ރަޝިޔާ އިން ޔޫކްރޭނަށް މިސައިލްގެ ތޫފާނެއް

09 މާޗް 2023

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިން މިއަދު ހެނދުނުން ފެށިގެން ޔޫކްރޭންގެ ބޮޑެތި ހުރިހާ ސަހަރުތަކަށް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެ އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިން މިއަދު ހެނދުނުން ފެށިގެން ޔޫކްރޭންގެ ބޮޑެތި ހުރިހާ ސަހަރުތަކަށް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެ އެވެ.

މިއަދު ހެނދުނު ކުއްލި ގޮތަށް ދޭން ފެށި މި ހަމަލާތަކުގައި ވެރިރަށް ކިޔޭވްގެ އިތުރުން، ކަޅު ކަނޑުގެ ބަނދަރު ސަހަރެއް ކަމަށްވާ އޮޑެއްސާ އާއި އިރުއުތުރު ސަހަރެއް ކަމަށްވާ ޚަރްކީވް އަށް ވެސް މިހާތަނަށް ގިނަ އަދަދެއްގެ މިސައިލް އަމާޒުވެއްޖެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާގެ މިސައިލްތައް ޔުކްރޭނާ ދިމާލަށް މިސްރާބު ޖެހުމާއެކު، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގެ ޒަރީއާއިން މުޅި ޔޫކްރޭންގައި ވަނީ ވައިގެ ހަމަލާއެއް އަންނަ ކަމުގެ އިންޒާރުގެ ބަރުގޮނު އަޅައިފަ އެވެ.

ރަޝިޔާ އިން ޔޫކްރޭނަށް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދޭން މި ފެށީ، އިރުދެކުނު ސަހަރެއް ކަމަށްވާ ބަޚްމުތު ހިފުމަށް އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު އެވެ. ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިން މިހާރު ކުރަމުން ދާ ހަނގުރާމައިގައި، އެ ސަހަރުގެ މަގުތަކުގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން އަންނަތާ މިހާރު ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ވެރިރަށް ކިޔޭވްގެ މޭޔަރު ވިޓަލީ ކްލިޓްޝިކޯ ވިދާޅުވި ގޮތުގައި އެ ސަހަރުގެ ދެކުނު ސަރަހައްދަށް ރަޝިޔާގެ ގިނަ މިސައިލްތަކެއް އަމާޒުވި އެވެ. އެ ސަރަހައްދުން ބާރު ގަދަ ގޮވުންތަކެއްގެ އަޑު އިވުމާ އެކު، އަލިފާން ނިއްވާ އުޅަނދުތައް އެ ސަރަހައްދަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ މިސައިލްތައް ކިޔޭވްއާ ދިމާލަށް އަންނަ ކަން ޔަގީން ކުރެވުމާ އެކު، އެ ސަހަރުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކަނޑާލައިފަ އެވެ. އެއީ މިސައިލްތައް އަމާޒުވުމުން ކަރަންޓު ވިއުގަ އަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ވުމުގެ ގޮތުންނެވެ.

އެ ގައުމުގެ އިރުމަތީގައި އޮންނަ ޚަރްކީވް އަށާއި އެ ސަހަރުގެ ރަށްބޭރުގައިވާ އަވަށްތަކަށް ވެސް މިއަދު މެންދުރު ކުރިން މަދުވެގެން 15 މިސައިލް އަމާޒުވެއްޖެ ކަމަށް އެ ސަހަރުގެ މޭޔަރު އީހޯރް ޓެރެޚޯވް ވިދާޅުވި އެވެ. ގިނަ މިސައިލްތައް އަމާޒުވީ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮޑެއްސާ ސަރަހައްދުގެ ގަވަރުނަރު މަކްސީމް މަރްޝެންކޯ ވިދާޅުވި ގޮތުގައި ރަޝިޔާ އިން މިއަދު ދިން މިސައިލް ހަމަލާތަކުގެ ގިނަ މިސައިލްތައް އަމާޒުވީ އެ ސަހަރުގައި ހުންނަ އިންޖީނުގެ އަށެވެ. އެހެންކަމުން އެ ސަހަރުގެ ބަނދަރުންނާއި އާންމުން ދިރިއުޅޭ ގިނަ އިމާރާތްތަކުން މިހާރު ވަނީ ކަރަންޓު ކެނޑިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ރަޝިޔާ އިން ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ފޮނުވައިލި ގިނަ އަދަދެއްގެ މިސައިލްތަކުން ބައެއް މިސައިލް ވަނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ދިން ރައްދު ހަމަލާތަކުގައި ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ. އޭގެ އިތުރުން އޮޑެއްސާ ސަރަހައްދުގެ ރޭލު ދަތުރުތަކަށް ވެސް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައި ކަމަށް ޔޫކްރޭނުން ބުންޏެވެ.

ޔޫކްރޭންގައި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިން ބުނި ގޮތުގައި ވެރިރަށް ކިޔޭވް އާއި ޑިނިޕްރޯޕެޓްރޮވޮސްކް އާއި ޑޮނެޓްސްކް އަދި އޮޑެއްސާ ސަރަހައްދުން މިހާރު ވަނީ، ކުއްލި ހާލަތުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައިފަ އެވެ.