Roadha Mihaaru
މެލޭޝިއާ އަތުން ރާއްޖެ ބަލިވީ އަށް ވިކެޓުން

މެލޭޝިއާ އަތުން ރާއްޖެ ބަލިވީ އަށް ވިކެޓުން

07 ޖުލައި 2022

މެލޭޝީއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ސީރީޒްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ތިންވަނަ މެޗުގައި މެލޭޝިއާއާ ވާދަކޮށް އަށް ވިކެޓުން ބަލިވެއްޖެ އެވެ،

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލޭޝީއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ސީރީޒްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ތިންވަނަ މެޗުގައި މެލޭޝިއާއާ ވާދަކޮށް އަށް ވިކެޓުން ބަލިވެއްޖެ އެވެ،

މެޗުގެ ޓޮސް ދިމާވުމުން މެލޭޝިއާ އިން ގަސްދުކުރީ އުކާށެވެ. ފުރަތަމަ އިނިންސްގެ ފުރަތަމަ އޯވަރުގައި ރާއްޖޭން ހަތް ލަނޑު ހަދާފައި ވަނިކޮށް، ވިއްސާރަ ބޯކޮށްލުމުން މެޗު މެދުކަނޑާލި އެވެ. އަދި މެޗު ކުޅެވޭވަރަށް މޫސުން ރަނގަޅު ވުމުން މެޗު ކުރިއަށް ގެންދިޔައީ 10 އޯވަރަށެވެ.

ރާއްޖޭގެ ޓީމުން ރަނގަޅު ރަންތަކެއް ނެގި ނަމަވެސް ޓީމަށް ދިމާވީ، މާ ފަސޭހައިން ވިކެޓުތައް ގެއްލޭ މައްސަލަ އެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 20 ލަނޑު ހެދި ހަސަން ރަޝީދެވެ.

ރާއްޖޭގެ ޓީމުން ދެވަނައަށް އެންމެ ގިނަ ލަނޑު ހެދީ، މުޅިން އަލަށް ޓީ20 ބައިނަލްއަގުވާމީ މެޗަކަށް ނުކުތް އަބްދުﷲ ޝާހިދެވެ. ޝާހިދު ވަނީ 13 ބޯޅައިން 10 ލަނޑު ހަދައިފަ އެވެ. އޭނާ ކުޅެން ނުކުތީ ކެޕްޓަން އަޒްޔާން ފަރުހަތާ އެކު އޯޕަނިން ބެޓްސްމަނެއް ގޮތުގަ އެވެ.

ޖަވާބުގައި ކުޅެން އަރައި މެލޭޝިއާ ވަނީ 4.2 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 59 ލަނޑު ހަމަކޮށް މެޗު ކާމިޔާބު ކޮށްފަ އެވެ. މެލޭޝިއާގެ ދެ ވިކެޓު ވެސް ދިޔައީ އަޒްޔާން އުކި ދެ ބޯޅައިންނެވެ.

މުބާރާތުގައި އިއްޔެ ތައިލެންޑާއި ބޫޓާން ބައްދަލުކުރި މެޗު، ހަ ވިކެޓުން ކާމިޔާބު ކުރީ ބޫޓާނެވެ.

މި ނަތީޖާއާއެކު މެލޭޝިއާ ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ބޫޓާން ވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗް ކާމިޔާބު ކޮށްފައި ވާއިރު، ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ކާމިޔާބުވީ އެންމެ މެޗެކެވެ. އަދި ތައިލެންޑް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލި ވެފަ އެވެ.

ސީރީޒް ގައި ރާއްޖެ ކުޅޭ ހަތަރު ވަނަ މެޗުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ހަ ލަނޑުންނެވެ.