Roadha Mihaaru
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް

ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް

10 ޖުލައި 2023

ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗިޗީ ހަމަޖައްސައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗިޗީ ހަމަޖައްސައިފި އެވެ.

ޕަސިންދު ވަނީ ފާއިތުވި ދެ އަހަރު، ލިމިޓެޑް އޯވަރު މުބާރާތްތަކާއި ތުރީ ޑޭ ލީގު މުބާރާތްތަކުގައި ވާދަކުރާ ލަންކަން ކްރިކެޓް ކްލަބުގެ ހެޑް ކޯޗުގެ މަގާމު އަދާ ކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ލަންކާގެ ވެސްޓާޏް ޕްރޮވިންސް ކްރިކެތް އެސޯސިއޭޝަންގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެ އެސޯސިއޭޝަނުގައި އޭނާ މަސައްކަތް ކުރީ ކޮލަމްބޯ ސައުތު ޒޯން 1 ކްލަސްޓާގެ ޑިސްތްރިކްޓް ޑެވެލޮޕްމަންޓް ކޯޗެއްގެ ގޮތުގަ އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރީ، ތަޖުރިބާކާރު ޑިވެލޮޕްމަންޓް ކޯޗު އިމާދު އިސްމާއިލް އާއި އަހުމަދު ނީޝާމް ނާސިރެވެ. އޭގެ ކުރިން ހުރީ ދެކުނު އެފްރިކާގެ މުހައްމަދު އާސިފް އަމީން ޚާން އެވެ. ނަމަވެސް މަގާމުގައި ހުރެ ރާއްޖޭގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވެސް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭނާ އަށް ވަނީ 53 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ރާއްޖޭގެ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.

ކްރިކެޓް ބޯޑުން މިދިޔަ ހުކުރު ދުވަހު އާ ކޯޗު އިއުލާން ކުރި އިރު، އެ ދުވަހު ފެށި ރާއްޖޭގެ ޓީ20 ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިންނަށް އިނާމު ދިނީ ވެސް ކޯޗު ޕަސިންދު އެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބާއި އޮއްފު އެފްސީ ބައްދަލުކުރި އިރު، 113 ލަނޑުން މެޗު ކާމިޔާބު ކުރީ މާލޭ ސްޕޯޓްސް ކްލަބެވެ. މާލޭ ސްޕޯޓްސް ކްލަބުގެ މުހައްމަދު ރިޝްވާން ވަނީ އެ މެޗުގައި ނުބައި ނުވެ 109 ލަނޑު ހަމަކޮށްފަ އެވެ. ދެވަނަ މެޗުގައި ކްލަބް ވިޔަންސާއާ ވާދަކޮށް 31 ލަނޑުން މެޗު ކާމިޔާބު ކުރީ ޗެމްޕިއަން މިލާން ކްރިކެޓް އެކަޑަމީ އެވެ.

ހޮނިހިރު ދުވަހު ކުޅުނު ލީގުގެ ތިންވަނަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބް ވަނީ ހަ ވިކެޓުން މާލޭ ވެޓެރަންސް އަތުން ބަލިވެފަ އެވެ.

ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. އެދުވަހު ހެނދުނު އޮއްފު އެފްސީ އާއި ވިޔަންސާ ބައްދަލުކުރާ އިރު މެންދުރު ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި މާލޭ ވެޓެރަންސް އެވެ. އަދި ހިނިހިރު ދުވަހު މާލޭ ސްޕޯޓްސް ކްލަބާއި ވިޔަންސާ ބައްދަލުކުރާނެ އެވެ.

ޕްރިމިއާ ލީގުގެ ކުޅުމަށް ފަހު މިމަހުގެ 29 އިން އަންނަ މަހުގެ 11 އަށް، ލީގުގައި ވާދަކުރި ފަސް ޓީމުގެ މެދުގައި ޓީ20 ޕްރެޒިޑެންޓްސް ކަޕް ވެސް ކުރިއަށް ދާނެ އެވެ.