Roadha Mihaaru
ބޮޑު އަމާޒަކާ އެކު ކްރިކެޓުން 120 ދުވަހުގެ ޕްލޭނެއް

ބޮޑު އަމާޒަކާ އެކު ކްރިކެޓުން 120 ދުވަހުގެ ޕްލޭނެއް

14 ނޮވެމްބަރ 2020

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށާއި ޕްލޭންތައް އެކުލަވާލުމުގެ ގޮތުން 120 ދުވަހުގެ މުހިއްމު މަސައްކަތްތަކެއް ފަށައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށާއި ޕްލޭންތައް އެކުލަވާލުމުގެ ގޮތުން 120 ދުވަހުގެ މުހިއްމު މަސައްކަތްތަކެއް ފަށައިފި އެވެ.

ކްރިކެޓް ބޯޑުން ބުނީ ހަތަރު މަސް ދުވަހަށް އަމާޒުކޮށް ފަށާ މި މަސައްކަތަކީ ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށާއި މިހާރުގެ ހިންގާ ކޮމިޓީން ކުރަން ބޭނުންވާ މަސައްކަތް ވީ އެންމެ ރަނގަޅު ގޮތަކަށް ރޭވިގެންދާނެ ގޮތަކަށް ތައްޔާރުވުމަށް ކުރެވޭ މުހިއްމު ކަމެއް ކަމަށެވެ.

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ ދުރު މުސްތަގުބަަލަކަށް ވިސްނައިގެން މުހިއްމު ކަންތައްތަކެއް ރޭވިފައިވާއިރު އެ މިސްރާބަށް ދިއުމަށް މި ވަގުތަށް ބަލާއިރު ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަންތައްތަކަށް މި ހަތަރު ވަރަކަށް މަސް ދުވަސް ތެރޭގައި މި ކުރު މުއްދަތުގެ ޕްލޭނުން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

"އާ ހިންގާ ކޮމިޓީ މި ހަވާލުވީ މެނިފެސްޓޯއެއްގައި ކަންތައްތަކެއް ހިމަނައިގެން މުހިއްމު މަސައްކަތްތަކެއް ކުރަން. މި 120 ދުވަހުގެ ޕްލޭނުގެ ތެރެއިން ވަރަށް ރަނގަޅު ބިންގަލެއް އެޅިގެން ދާނެ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކްރިކެޓް ބައްޓަންވާނެ ގޮތުގެ. މި ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާނީ ކްލަބްތަކާއި ކުޅުންތެރިން އަދި ހުރިހާ ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން އޮންނަ ގޮތަށް،" ފައިސަލް ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި މި ޕްލޭން އެކުލެވިގެންވަނީ މެނޭޖްމަންޓްގެ ކަންތައްތައް ރަނގަޅުކުރުމާއި ގޭމް ޑިވެލޮޕްމަންޓާއި އިންފްރާސްޓްރަކްޗާ މެއިންޓަނަންސް އެންޑް ޑިވެލޮޕްމަންޓާއި ޓެކްނިކަލް ޑިވެލޮޕްމަންޓުގެ މައްޗަށެވެ. މީގެ އިތުރުން ކްރިކެޓް ބޯޑްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއި އެސޯސިއޭޝަންގެ މަސައްކަތްތަކާއި ގައުމީ ޓީމާ ގުޅުން ހުރި ކަންތައްތަކަށް ވެސް ޒަމާނީ މޮޑެލެއް ގެންނާނެވެ. އެގޮތުން ޔޫތު ޑިވެލޮޕްމަންޓް ކްރިކެޓާއި ކްލަބްތަކާއި ކޯޗުންގެ އިތުރުން ޑާޓާ މެނޭޖްމަންޓް އަދި މާކެޓިންގެ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ސްޓްރެޓީޖިކް ޕްލޭނެއް ހެދިގެންދާނެ އެވެ.

ހަތަރު މަސް ދުވަހަށް ހެދިފައިވާ މި ޕްލޭނުގެ ތެރެއިން ކޮންމެ މަހެއްގައި ފުރިހަމަކުރާނެ ކަންތައްތަކެއް ވެސް ވަނީ ބަހާލައިފަ އެވެ.

ނޮވެމްބަރު: މެނޭޖްމަންޓް ސްޓްރަކްޗާ، މާކެޓިން ޕްލޭން، ނެޝަނަލް ޓީމް ސްޓްރަކްޗާ، އެސްއޯޕީތައް

ޑިސެމްބަރު: ޑޭޓާ މެނޭޖްމަންޓް، ޔޫސާ ޕްލޭން، ކޯޗިން ސްޓްރަކްޗާ، ނިއު ޓޯނަމަންޓް ސްޓްރަކްޗާ، ކްލަބް އިންސެންޓިވް ޕްރޮގްރާމް، ނިއު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް، ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް

ޖެނުއަރީ: އެސްއޭޖީއެމް ޓު އެޕްރޫވް ކޮންސްޓިޓިއުޝަން، ސްޓްރެޓީޖިކް ޕްލޭން، ކްރިކެޓް ކުޅުންތެރިން ރަޖިސްޓްރީކުރުން

ފެބްރުއަރީ: މައިކްރިކެޓް ޑިޖިޓަލް އެޕްލިކޭޝަން، ލ. ކުނަހަންދޫ އިންފްރާސްޓްރަކްޗާ (އިންޑޯ އާއި އައުޓްޑޯ މަރާމާތުތައް)، ފުވައްމުލައް އިންފްރާސްޓްރަކްޗާ

ކްރިކެޓް ބޯޑުން ހަތަރު މަސް ދުވަހުގެ ޕްލޭނަށް 120 ޕްލޭން ގެ ނަމުން ނަން ދީފައިވަނީ ވެސް ކްރިކެޓާ ގުޅުވާލައިގެންނެވެ. އެއީ މަޝްހޫރު ޓީ20 ކްރިކެޓް ގޭމްގެ 120 ބޯލް އިނިންގްސް އަށް ބަަލައިގެންނެވެ.