Roadha Mihaaru
މެލޭޝިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ

މެލޭޝިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ

10 ޖުލައި 2022

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ކްރިކެޓް ސިރީޒްގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މެލޭޝިއާ އަތުން 97 ލަނޑުން ބަލިވެ، މުބާރާތް ނިންމާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ކްރިކެޓް ސިރީޒްގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މެލޭޝިއާ އަތުން 97 ލަނޑުން ބަލިވެ، މުބާރާތް ނިންމާލައިފި އެވެ.

މިއާ އެކު މިއަދު ކުޅޭ ފައިނަލުގައި، ހުރިހާ މެޗެއް ކާމިޔާބު ކުރި މެލޭޝިއާ ބައްދަލުކުރާނީ، ބޫޜާނާ ދެކޮޅަށެވެ. ބޫޓާން ވަނީ އިއްޔެ ކުޅުނު ފަހު މެޗުގައި ތައިލެންޑް ބަލި ކޮށްފަ އެވެ. ބޫޓާން ބަލިވީ މެލޭޝިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އަދި ރާއްޖެ އަށް މޮޅު ވެވުނީ ތައިލެންޑާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ތަައިލެންޑު ނިންމާލީ އެންމެ މެޗެއް ވެސް ކާމިޔާބު ނުކުރެވި އެވެ.

މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި، މޫސުން ގޯސް ވެގެން ކުޅުނީ 10 އޯވަރަށެވެ. އެ މެޗް މެލޭޝިއާ ކާމިޔާބު ކުރީ ފަސޭހަ ކަމާ އެކު އަށް ވިކެޓުންނެވެ.

މެލޭޝިއާ އާއި ރާއްޖެ، ކުއަޑްރަންގިއުލާ ސީރީޒްގައި ކުޅުނު ފަހު މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މެލޭޝިއާ އާއި ރާއްޖެ، ކުއަޑްރަންގިއުލާ ސީރީޒްގައި ކުޅުނު ފަހު މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ އުކާށެވެ. މެލޭޝިއާ އިން ކުޅެން އަރައި ވަނީ 20 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައި ވެގެން 230 ލަނޑު ހަދައިފަ އެވެ. މެލޭޝިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 72 ލަނޑު ހަމަކުރި ވިރަންދީޕް ސިންގް އެވެ. އަދި ކެޕްޓަން އަހުމަދު ފާއިޒް ވަނީ 30 ބޯޅައިން 57 ލަނޑު ހަދައިފަ އެވެ. ރާއްޖޭގެ އިބްރާހިމް ހަސަން މި އިނިންސްގައި ދެ ވިކެޓު ނެގި އިރު، އިބްރާހިމް ނަޝާތާއި އަމީލް މައުރޫފް ވެސް ވިކެޓެއް ނެގި އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައި ވެގެން ހަމަކުރެވުނީ 136 ލަނޑެވެ. ރާއްޖޭގެ ވައިސް ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) ވަނީ 29 ބޯޅައިން 50 ލަނޑު (ހާފް ޗެންޗަރީ) ހަމަ ކޮށްފަ އެވެ. އޭނާ ވަނީ ދެ ބޯޅަ ހަތަރަކަށް ޖަހައި، ހަތަރު ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.

މީގެ އިތުރުން، މެޗަށް ފަހު ވަނީ ގައުމީ ޓީމުގައި ހިމެނޭ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އަހުމަދު ހަސަން (އައްމަޑޭ)، ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ކޮށްފަ އެވެ.

ގައުމީ ޓީމަށް 15 އަހަރަށް ވުރެން ގިނަ ދުވަހު ކުޅެދިން އައްމަޑޭ ވަނީ އިއްޔެގެ މެޗުގައި ނުބައި ނުވެ، 19 ބޯޅައިން 17 ލަނޑު ހަދައިފަ އެވެ. އަދި މެޗަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އައްމަޑޭގެ ގައުމީ ހިދުމަތުގެ އަގުވަޒަންކޮށް ގާޑް އޮފް އޮނާއެއް އަރުވައިފަ އެވެ.

މެޗަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރި އަހުމަދު ހަސަން (އައްމަޑޭ) އަށް ގާޑް އޮފް އޮނާއެއް ދެނީ.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މެޗަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރި އަހުމަދު ހަސަން (އައްމަޑޭ) އަށް ގާޑް އޮފް އޮނާއެއް ދެނީ.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އުމުރުން 33 އަހަރުގެ އައްމަޑޭ އަކީ ބެޓްސްމަނެއްގެ އިތުރުން ކުޅަދާނަ އޮފްސްޕިނަރެކެވެ. އަންމަޑޭ ވަނީ ކްރިކެޓް ބޯޑުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ. އަދި 2015 ގެ ފަހުން ގައުމީ ޓީމަށް ކުޅެދިން 31 މެޗުގައި ވަނީ ޖުލްމަ 408 ލަނޑު ހަދައި، 18 ވިކެޓު ނަގައިފަ އެވެ.

މެޗަށް ފަހު މީޑިއާއާ ވާހަަކަ ދައްކަމުން އައްމަޑޭ ބުނީ ހަޔާތުގައި ހުސްކޮށް ލިބުނު ގިނަ ވަގުތުތަކެއް ހޭދަކުރީ ކްރިކެޓް ކުޅުމުގައި ކަމަށެވެ. އަދި ގައުމީ ޖޯޒީގައި އެންމެ ފަހު މެޗުގައި އެންމެ ހިތްހަމަޖެހޭ ނަތީޖާ ނުނެރެވުނަސް، ގައުމީ ކުޅުންތެރިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އައްމަޑޭ ބުނެފައި ވެއެވެ.

އައްމަޑޭ އަކީ 2000 ގެ ކުރީކޮޅުގައި ކްރިކެޓްގެ ސްކޫލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން ފާހަނގަވި ކުޅުންތެރިއެކެވެ. އޭނާ އަށް އެންމެ ފުރަތަމަ ދުވަހު ކޯޗުކޮށްދިން، އިމާދު އިސްމާއިލް ބުނީ، ކްރިކެޓުގެ އާއިލާއަކަށް ނިސްބަތް ނުވެ، އެކި އުމުރުފުރާޓަކާއި ސީނިއާ ޓީމާއެކު ހޯދާފައިވާ ކާޟިޔާބީތައް ފާހަނގަކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކިޔެވުމާއި ވަޒީފާގެ ކަންކަން ކުރަމުން ވެސް އައްމަޑޭ ކްރިކެޓަށް ބެހެއްޓި ހާއްސަ ޝައުގުވެރިކަމާއި ފަރުވާތެރިކަން އެއީ އަންނަން އޮތް ޖީލުތަކުން ފިލާވަޅު ނަގަން ޖެހޭ ކަމެއް ކަމަށް ވެސް އިމާދު ބުނެފައި ވެއެވެ.