Roadha Mihaaru
ޔޫކޭގެ ބޮޑުވަޒީރު ބޮރިސް މިއަދު އިސްތިއުފާ ދެއްވަނީ

ޔޫކޭގެ ބޮޑުވަޒީރު ބޮރިސް މިއަދު އިސްތިއުފާ ދެއްވަނީ

07 ޖުލައި 2022

އިނގިރޭސި ވިލާތުގެ އެތައް ވަޒީރުންނެއް އިސްތިއުފާ ދެއްވުމާ އެކު ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އިނގިރޭސި ވިލާތުގެ އެތައް ވަޒީރުންނެއް އިސްތިއުފާ ދެއްވުމާ އެކު ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ބޮރިސްގެ ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓުން އެތައް ބޭފުޅުންނެއް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ޗާންސެލާ ރިޝީ ސުނާކް އަދި ހެލްތު ސެކްރެޓަރީ ވެސް ހިމެނެ އެވެ.

ބޮރިސްގެ ޑެޕިއުޓީ ޗީފް ވިޕްގެ މަގާމުގައި ހުރި ކްރިސް ޕިންޗާ މަސްތުގެ ހާލަތުގައި ހުރެގެން ދެ ފިރިހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ބޮޑުވެ އެކަމުގައި ބޮރިސް އަމަލުކުރެއްވި ގޮތަށް އަމާޒުވި ފާޑުކިޔުންތަކާ އެކު މީގެ ކުރިން ޖެހުނު އެކި މައްސަލަތައް ވެސް ވަނީ ބޮޑުވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮރިސް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އާ ސަރުކާރެއް އެކުލަވާލެވެންދެން ބޮޑުވަޒީރުކަމުގައި ހުންނަވާނެ ކަމަށެވެ. އިސްތިއުފާ އިއުލާނުކުރެއްވުމަށް މިއަދު އޭނާ ބަޔާނެއް ދެއްވާނެ ކަމަށް ބީބީސީން ބުންޏެވެ.

ބޮރިސް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތީ ޕާޓީގެ ކަންކަމާ ހިތްހަމަނުޖެހި ބޮރިސްގެ އިސްތިއުފާއަށް ޕާޓީތެރެއިން ގޮވާލުން އިތުރުވެ އިސްތިއުފާ ދެއްވާ މެންބަރުންގެ އަދަދު އިތުރުވުމުންނެވެ.