Roadha Mihaaru
ދެން ދަސްކުރަންވީ ކޮވިޑާ އެކު އުޅެން: ބޮރިސް

ދެން ދަސްކުރަންވީ ކޮވިޑާ އެކު އުޅެން: ބޮރިސް

05 ޖުލައި 2021

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާ އިން ސަލާމަތް ނުވެވުނަސް، ހުރިހާ އެންމެން ވެސް ދެން ދަސްކުރަންވީ މި ބައްޔާ އެކުގައި ދިރިއުޅުމާއިގެން ކުރިއަށް ދާން ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާ އިން ސަލާމަތް ނުވެވުނަސް، ހުރިހާ އެންމެން ވެސް ދެން ދަސްކުރަންވީ މި ބައްޔާ އެކުގައި ދިރިއުޅުމާއިގެން ކުރިއަށް ދާން ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އިނގިރޭސި ވިލާތުގައި އިއުލާންކޮށްފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިއަދު އިތުރު ލުއިތަކެއް ދޭން ނިންމާފައިވާ އިރު، ބޮޑުވަޒީރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބޮރިސް ވިދާޅުވީ ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ދާ ކަމަށެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ މިނިވަންކަން އަލުން އަނބުރާ އިއާދަކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު ވެސް ފާހަގަކޮށްލަން ބޭނުންވަނީ މި ވަބާ އަދިވެސް ނުނިމޭކަން. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ވެސް މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ ވެސް ވެދާނެ ކަމެއް. މިވައިރަހާ އެކު ދިރިއުޅެން އަހަރެމެން ދަސްކުރާ އިރު، ކޮވިޑްގެ ނުރައްކާތަކާ މެދު އަހަރެމެން ފިޔަވަޅުތައް އަޅަންވާނީ ވަރަށް ފަރުވާތެރިކަމާއެކު،" ބޮރިސް ޖޯންސަން ވިދާޅުވި އެވެ.

ޔޫރަޕްގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖަހާފައިވަނީ އިނގިރޭސި ވިލާތުގަ އެވެ. އެހެންވުމުން، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށް، ކޮވިޑް ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަސް އަލުން ފެތުރެން ފެށުމާ އެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިނގިރޭސި ވިލާތް ފުރަބަންދުކުރުމަށް ފަހު، ފުރަބަންދު އުވައިލުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން އަޅާ ފިޔަވަޅުތަކުންނެވެ. އެ ގޮތުން އަޅާ އެންމެ ފަހުގެ ފިޔަވަޅުތައް މިއަދު އިއުލާންކުރަން ވަނީ ނިންމައިފަ އެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ހަމަޖެހިފައިވާ އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އާންމު ތަންތާނގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ނުކުރުމާއި، އާންމު ތަންތާނގައި އުޅޭ އިރު ގައިދުރުކަން ބަހައްޓަން ނުޖެހުމާއި، ގިނަ މީހުން އެއްތަންވެ އުޅުން ހުއްދަކުރުން ހިމެނެ އެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވައިލާށެވެ. ހުސްވި ޖެނުއަރީ މަހަށް ފަހު، އެވްރެޖްކޮށް ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މިހާރު ވަނީ ވަރަށް މަތިވެފަ އެވެ.

އިއްޔެ އެކަނި ވެސް، 24248 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ކޮވިޑް ބަލީގައި އިއްޔެ 15 މީހަކު މަރުވި އެވެ.

އިއްޔެގެ ނިޔަލަށް އިނގިރޭސި ވިލާތުގައި، ކޮވިޑް ވެކްސިންގެ 78 މިލިއަން ޑޯޒް ޖަހާފައިވެ އެވެ. އަދި އެ ގައުމުގެ ވެކްސިން ޖަހާ އާބާދީގެ 63.4 ޕަސެންޓް މީހުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ދަނޑިވަޅެއްގައި، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލާތީ، އެ ގައުމުގެ މެޑިކަލް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.