Roadha Mihaaru
ބޮރިސް އިސްތިއުފާ އިއުލާނުކުރައްވައިފި

ބޮރިސް އިސްތިއުފާ ދެއްވަނީ؛ އިދިކޮޅުން ބުނަނީ ވަގުތުން ބޭރުކުރަންޖެހޭ ކަމަށް

07 ޖުލައި 2022

މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި، ގާނޫނުހަދާ މަޖިލީހުގެ އެތައް މެންބަރުންނަކާއި ވަޒީރުންނެއް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަނާ ދެކޮޅަށް ތެދުވެ މަގާމުތަކުން އިސްތިއުފާ ދިނުމާ އެކު ބޮރިސް ވެސް މަގާމުން އިސްތިއުފާ ދެއްވާނެކަން މިއަދު އިއުލާނުކުރައްވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި، ގާނޫނުހަދާ މަޖިލީހުގެ އެތައް މެންބަރުންނަކާއި ވަޒީރުންނެއް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަނާ ދެކޮޅަށް ތެދުވެ މަގާމުތަކުން އިސްތިއުފާ ދިނުމާ އެކު ބޮރިސް ވެސް މަގާމުން އިސްތިއުފާ ދެއްވާނެކަން މިއަދު އިއުލާނުކުރައްވައިފި އެވެ.

މިހާތަނަށް 50 އަށް ވުރެ ގިނަ ވަޒީރުން އިސްތިއުފާ ދެއްވައި ބޮރިސް ވެސް މަގާމުގައި ހުންނަވައިގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. ޕާޓީތެރޭގައި އެކަހެރިވެ ބާރު ކެނޑުމާ އެކު ބޮރިސް އޭނާގެ އިސްތިއުފާ ދެއްވާނެކަން ހާމަކުރެއްވީ ދިފާއުގައި އެތައް ވާހަކައެއް ދެއްކެވި ބަޔާނެއްގަ އެވެ.

"އާ ލީޑަރެއް އިހްތިޔާރު ކުރުމުގެ މަސައްކަތް މިހާރު ފަށަންވެއްޖެ. އާ ލީޑަރަކު ކަނޑައެޅެންދެން ކަންކަން ބަލަހައްޓާނެ ކެބިނެޓެއް މިއަދު ވަނީ އެކުލަވާލާފައި،" ބޮރިސް ވިދާޅުވި އެވެ.

މަގާމު ދިފާއުކުރެއްވުމުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ބޮރިސް އިސްތިއުފާ އިއުލާނުކުރެއްވީ އަރިސް ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު އިސްތިއުފާ ދެއްވައި ބޮރިސްއާ ދެކޮޅަށް ތެދުވި ފަހުން އެންމެ ފަހުން ތިއްބެވި ބޭފުޅުން ވެސް ބޮރިސްގެ ދިފާއުގައި މަސައްކަތް ނުކުރެއްވުމަށް ނިންމެވުމާ އެކުގަ އެވެ.

ބޮރިސްގެ ކޮންޒަވެޓިވް ޕާޓީން ދެން ޖެހޭނީ އާ ލީޑަރަކު އިންތިހާބުކުރާށެވެ މިކަމަށް އަދި ގިނަ ދުވަސްތަކެއް ހޭދަވެދާނެ އެވެ.

ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާފައިވާ ގޮތުގައި ދެން ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެެލެވޭ ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު ބެން ވޭލެސް ހިމެނެ އެވެ. އަދި ޖޫނިއާ ޓްރޭޑް މިނިސްޓަރު ޕެނީ މޯޑޯންޑް އާއި ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް ވެސް މި ލިސްޓުގައި ހިމެނެ އެވެ.

ގިނަ ބަޔަކު ބުނަމުން އަންނަނީ ބޮރިސް އަވަހަށް ވަކިވެވަޑައިގެން އޭނާގެ ނައިބު ޑޮމިނިކް ރާބް އަށް ޕާޓީ ހަވާލުކުރައްވަންޖެހޭ ކަމަށާއި އެއީ މިހާރު އެއްވެސް އިތުބާރެއް ބޮރިސް އަށް ނެތުމުން ކަމަށެވެ.

އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކީއާ ސްޓާމާ ވަނީ ކޮންޒަވެޓިވް ޕާޓީން އިސްވެ ބޮރިސް ދުރު ނުކޮށްފި ނަމަ އިތުބާރު ނެތް ކަމުގެ ވޯޓަކަށް މަޖިލީހުގައި މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"އެ މީހުން ބޮރިސްގެ ކިބައިން ސަލާމަތް ނުވެއްޖެ ނަމަ ލޭބާ އިން ގައުމީ މަސްލަހަތުގައި ތެދުވެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނަން. އެއީ މި ބޮޑުވަޒީރާ އެކު އެތައް މަހެއް ވަންދެން މިހެން ނުތިބެވޭނެތީ،" އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި ސިޔާސީ ހައިޖާނެއް ފެށިފައި މި ވަނީ ކޮވިޑް-19 އަށް ފަހު އިގްތިސާދަށް އައި ހީނަރުކަމާ އެކު އިންފްލޭޝަން މައްޗަށް ގޮސް މިއިން ޒަމާނަކު ވެސް ކުރިމަތިނުވާ ފަދަ މާލީ ދަތިކަމެއްގެ ތެރެއަށް ގޮސްފައި ވަނިކޮށެވެ. މިހާރު ލަފާކުރެވޭ ގޮތުން އިނގިރޭސި ވިލާތް ވާނީ ބޮޑެތި ގައުމުތަކުގެ ތެރެއިން ރަޝިއާ ފިޔަވައި އެންމެ ބޮޑު ހީނަރުކަމެއް އަންނާނެ އިގްތިސާދަށެވެ.

މީގެ ތިން އަހަރު ކުރިން ބޮރިސް ވެރިކަމަށް ވަޑައިގަތީ ބްރެކްސިޓްގެ ނަތީޖާ ނެރެދެއްވުމާއި އެކަމާ ގުޅިގެން ކުރިމަތިވި މައްސަލަތަކުން ގައުމު ސަލާމަތްކޮށްދެއްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި އަދި ފަހުން ލަންޑަންގެ މޭޔަރުކަން ވެސް ކުރެއްވި ބޮރިސް އަށް އޭރު ވަރަށް ބޮޑު ތާއީދެއް އޮތެވެ. ނަމަވެސް ރައްޔިތުންގެ ނުރުހުން އަމާޒުވި އެތައް ކަމެއްގެ ތެޜޭގައި ބޮރިސް ވަނީ ތާށިވެފަ އެވެ. އެންމެ ފަހުން ޖެހުނު މައްސަލަ އަކީ ބޮރިސްގެ ޑެޕިއުޓީ ޗީފް ވިޕްގެ މަގާމުގައި ހުރި ކްރިސް ޕިންޗާ މަސްތުގެ ހާލަތުގައި ހުރެގެން ދެ ފިރިހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އެވެ.

ޕިންޗާ މަގާމަށް އައްޔަންކުރުމުގެ ކުރިން ވެސް ޖިންސީ ފުރައްސާރައިގެ ރެކޯޑް އޮތްކަން ބޮރިސް އަށް އަންގާފައި އޮތްކަން ވަނީ ހާމަވެފަ އެވެ. އެކަމަކު ބޮރިސް ވިދާޅުވީ އެކަން ހަނދުމަ ނެތިފައި އޮތީ ކަމަށާއި އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައިގެ ކުރިން، ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރު ލޮކްޑައުން އުސޫލުތަކާ ވެސް ހިލާފަށް ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ރާ ބޮއެ ޕާޓީކުރިކަން ވެސް ވަނީ ފަޅާއަރައިފަ އެވެ. އަދި 56 ވަނަ އުފަން ދުވަހު ވެސް ކޮވިޑްގެ ގައިޑްލައިންތަކާ ހިލާފަށް ޕާޓީއެއް ބޭއްވުމުން ޕޮލިހުންގެ ޖޫރިމަނާއެއް ވެސް އައިފައިވެ އެވެ.

މި ހުރިހާ ކަމެއްގައި ނުރުހުން އަމާޒުވެފައި ވަނިކޮށް އިގްތިސާދީ ކަންކަން ގޯހުން ގޯހަށް ދާން ފެށުމުން މިކަމުގައި ވެސް ބޮޑުވަޒީރުގެ އިހުމާުލު ބޮޑުކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.