Roadha Mihaaru
ގްރާންޑޭ ބަލިކޮށް ޓީސީ އަލުން ތިންވަނަ އަށް

ގްރާންޑޭ ބަލިކޮށް ޓީސީ އަލުން ތިންވަނަ އަށް

07 ޖުލައި 2022

ގްރާންޑޭގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ތިންވަނަ މަގާމަށް އަލުން ޓީސީ ޖެހިލައިފި އެވެ.

ގްރާންޑޭގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ތިންވަނަ މަގާމަށް އަލުން ޓީސީ ޖެހިލައިފި އެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗަށް ޓީސީ ނުކުތުމުގެ ކުރިން އެ ޓީމު އޮތީ ހަތަރުވަނައިގަ އެވެ. އޭރު ތިންވަނައިގައި އޮތީ، ކްލަބް ވެލެންސިއާ އެވެ. އެކަމަކު މިއަދުގެ މެޗުން މޮޅުވެ ޓީސީ ތިންވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ޓީސީ އަށް 23 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ވެލެންސިއާ އަށް 22 ޕޮއިންޓެވެ.

މިރޭ، ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ޔުނައިޓެޑް ވިކްޓަރީ މޮޅު ވެގެން، އެ ޓީމަށް ވެސް 23 ޕޮއިންޓް ހޯދޭނެ އެވެ. ޔުވީ އަށް ގެއްލުން ހަތް ގޯލް އެބައޮތެވެ. މިރޭގެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ އީގަލްސް އަށް މާޒިޔާ އާ ފަރަގު ކުޑަ ކުރެވޭނެ އެވެ. މިހާރު މާޒިޔާ އޮތީ އަށް ޕޮއިންޓް ލީޑެއްގަ އެވެ.

މިއަދުގެ މެޗުގައި ޓީސީގެ ލަނޑުތައް ޖެހީ، ހައިޝަމް ރަޝީދު، މިސްރުގެ މިޑްފީލްޑާ އުމަރު ސަލާހް އަދި އަހްމަދު ސާމިއު އެވެ.

ޓީސީ އަށް ފުރަތަމަ ލަނޑު ޖަހައިދިން ހައިޝަމް ރަޝީދު (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ޓީސީ އަށް ފުރަތަމަ ލަނޑު ޖަހައިދިން ހައިޝަމް ރަޝީދު (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ޓީސިގެ ފުރަތަމަ ލަނޑު ހައިޝަމް ޖެހީ މެޗު ފެށިގެން ދެވަނަ މިނެޓްގަ އެވެ. ގްރާންޑޭގެ ހާފުގެ ތެރެއިން އަހްނަފް މުހައްމަދު ތަސްނީމް އޭރިއާ ތެރެއަށް ނަގައިދޭން ފޮނުވާލި ބޯޅަ ގްރާންޑޭގެ ޑިފެންޑަރު ދިފާއު ކުރި އެވެ. އެކަމަކު ޑިފެންޑަރުގެ ކޮންޓްރޯލް ކުރި ބޯޅަ އޭނާ އަތުން ދޫވި އެވެ. ހައިޝަމް ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ދެވަނަ ލަނޑު އުމަރު ސަލާހް 34 ވަނަ މިނެޓްގައި ޖެހީ، ހުސައިން އަހުޝަމް މޫސާ ދިން ބޯޅައިންނެވެ. އަހުޝަމް ބޯޅަ ހޯދީ އަމިއްލަ ހާފުގެ ތެރެއިންނެވެ. ބޯޅަ ހޯދައި އޭނާ ވަނީ ކުރީގައި ހުރި ސަލާހް އަށް ބޯޅަ ތަނަވަސް ކޮށްދީފަ އެވެ. ސަލާހް ބޯޅަ ހިފައިގެން ގޮސް، ގްރާންޑޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ގޯލް ޖެހީ ގްރާންޑޭގެ ލުބްނާންގެ ކީޕަރު މުހައްމަދު ތޯހާ ކުރިއަށް ނުކުމެ ނުކުމެ އޮއްވަ އެވެ.

އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނެޓްގަ އެވެ. އެ ލަނޑުގައި ސަލާހް އާއި ހައިޝަމްގެ ހިއްސާ އޮތެވެ. ވިންގުން ސަލާހް އަރައި ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށް ދިނުމުން ހައިޝަމް ވަނީ އެ ބޯޅަ، ސާމިއު އަށް ތަނަވަސް ކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިޝާމް މުހައްމަދެވެ.