Roadha Mihaaru
ވީޑިއޯ އަކީ ވެސް ހެކި؛ ސާބިތު ނުވަނީ ކީއްވެ؟

ވީޑިއޯ އަކީ ވެސް ހެކި؛ ސާބިތު ނުވަނީ ކީއްވެ؟

13 ޖުލައި 2022

ރާއްޖޭގައި ވީޑިއޯ ފަދަ އިލެކްޓްރޯނިކް ހެކިތައް ކޯޓުތަކުން ބަލައިނުގަންނަ ކަމުގެ މައްޗަށް ވާހަކަތައް ދެކެވޭތާ އެތައް އަހަރެކެވެ. އަނެއްކާވެސް އެ ބަހުސް ފެށުނީ ބަޔަކު ހިންގި ފާހިޝް އަމަލުތަކެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ވީޑިއޯ ފަދަ އިލެކްޓްރޯނިކް ހެކިތައް ކޯޓުތަކުން ބަލައިނުގަންނަ ކަމުގެ މައްޗަށް ވާހަކަތައް ދެކެވޭތާ އެތައް އަހަރެކެވެ. އަނެއްކާވެސް އެ ބަހުސް ފެށުނީ ބަޔަކު ހިންގި ފާހިޝް އަމަލުތަކެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ވީޑިއޯ އާއި ފޮރެންސިކް ހެކިތައް ރާއްޖޭގެ ކޯޓުތަކުން ބަލައިނުގަންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. މީހުން މެރުމުގެ މައްސަލަތަކުން ފެށިގެން އާދައިގެ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ވެސް ވީޑިއޯ އާއި ފޮޓޯ ހެކީގެ ގޮތުގައި ކޯޓުތަކުން ބަލައިގަނެ އެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި ކުށް ސާބިތުވެފައި ވެސް އެބަހުއްޓެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން މުޅި ރާއްޖޭގައި ހިނގި މަރުގެ އެންމެ މަޝްހޫރު މައްސަލަ ކަމަށްވާ މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ވެސް ވީޑިއޯ ފުޓޭޖްތަކެއް ހެކީގެ ގޮތުގައި ކޯޓުން ބަލައިގަތެވެ. އެއީ ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ބަރުފޮށްޓެއް ހިފައިގެން ގެންގޮސް ޓެކްސީއަކަށް އަރުވައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭގެ ފަހުންނެވެ.

ދަށު ކޯޓުން ސަލާމަތްވިޔަސް، ހައި ކޯޓުން ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމް އިއްވުމަށްޓަކައި ރިއާޔަތްކުރި އެއް ހެއްކަކީ 2009 ވަނަ އަހަރު މަގުމަތީގައި ހުރި ސީސީޓީވީ ކެމެރާއަކުން ނެގި ވީޑިއޯ އެވެ. ސުޕްރީމް ކޯޓުން ވެސް ދާދިފަހުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

ހަމައެގޮތަށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް ފަދަ ކުށްތަކުގައި ވެސް ވީޑިއޯ އާއި ފޮޓޯ ހެކީގެ ގޮތުގައި ބަލައިގަނެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އާންމުކޮށް އެފަދަ ހެކި ބޭނުންކުރެ އެވެ. އަދި ޖިނާއީ ނޫން ވަޒީފާގެ މައްސަލަތަކުގައި ވީޑިއޯ ހެކި ބަލައިގެންފައި އެބަހުއްޓެވެ.

އެހެންވެ، ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަނެވޭކަން ސާފެވެ. އެކަމަކު އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވުމާއި ނުވުން އޮންނަނީ އެ އެއްޗެއް ހޯދި ގޮތާއި ނެރެވޭ ނަތީޖާއެއްގެ މައްޗަށެވެ. މިސާލަކަށް، މާރާމާރީއެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ހުށަހެޅިޔަސް، އަދި ނުނިމެ އެވެ. އެ ވީޑިއޯއިން ފެންނަ މީހުންނާއި ދައުވާލިބޭ މީހުންގެ ސިފަތައް ދިމާވަނީ ކިހާ މިންވަރަކަށްތޯ ބަލާނެ އެވެ. އެކަމަކު ކޮލިޓީގައި ހުންނަ ތަފާތުން ބައެއް ފަހަރު އެއީ ކޮން ބައެއްކަން ޔަގީންކަމާ އެކު ދެނެގަނުގަނެވޭ ފަހަރު އާދެ އެވެ.

އެހެން މިސާލެކެވެ. މީހެއްގެ ފޯނުން ބަރަހަނާ މަންޒަރުތަކެއް ހިމެނޭ ފޮޓޯ ނުވަތަ ވީޑިއޯ ފެނިއްޖެ ނަމަ، އެ ފޯނު ތަހުލީލުކޮށް ރިޕޯޓް ހެދި މީހާ ގެނެސް، ހަމަ ހަގީގަތުގައި ވެސް އެފަދަ އެއްޗެއް ފޯނުން ފެނުނުތޯ ކަށަވަރު ކުރާނެ އެވެ. އަދި އެއީ އަމިއްލައަށް ރެކޯޑްކޮށް، އަޅާފައިވާ ނުވަތަ ޑައުންލޯޑްކުރި އެއްޗެއްތޯ ނުވަތަ ސޯޝަލް މީޑިއާ އެޕެއް މެދުވެރިކޮށް ފޯނަށް އައި އެއްޗެއް ނޫންކަން ވެސް ކަށަވަރުކުރެ އެވެ.

ކޯޓު ރޫމެއް --- ފޮޓޯ/މިހާރު

ކޯޓު ރޫމެއް --- ފޮޓޯ/މިހާރު

ވީޑިއޯ އާއި ފޮޓޯ ފަދަ އިލެކްޓްރޯނިކް ހެކިތައް ބަލައިގަތަސް، އެއަށް ބުރަދަން ނުދޭ ދެވަނަ ސަބަބަކީ އެ އެއްޗެއް ހޯދާ ގޮތެވެ. މިސާލަކަށް ކޯޓު އަމުރެއް ނެތި ވީޑިއޯ ހޯދުމާއި ވީޑިއޯ ހޯދުމަށްފަހު ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވުން ފަދަ ކަންކަމުގެ ސަބަބުންނެވެ. އެކަމަކު މިއީ އޭގެ ޒާތުގައި ވީޑިއޯ ހެކީގެ ގޮތުގައި ބަލައިނުގަންނަނީކީއެއް ނޫނެވެ. އެއީ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ދިމާވުމުން ބުރަދަން ނުދޭން ނިންމަނީ އެވެ.

މިފަދަ ހެކިތައް ބަލައިގަތުމުގެ ތަފްސީލީ އުސޫލުތަކެއް މިހާތަނަށް ރާއްޖޭގެ ނެތަސް، މިފަދަ ހެކިތައް ތަހުލީލު ކުރުމާއި އެއަށް ބުރަދަން ދިނުމުގައި ކޯޓުތަކުން އަމަލުކުރާ އުސޫލުތަކެއް ހުރެ އެވެ. އެގޮތުން އެންމެ ފުރަތަމަ އެފަދަ ހެކިތައް ލިބުމުން ތަހުލީލު ރިޕޯޓެއް ފުލުހުން ތައްޔާރު ކުރެ އެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ރިޕޯޓްގައި ހުރި ކަންކަމުގެ ސައްހަކަން ކަށަވަރުކުރަން އެ ރިޕޯޓް ހެދި މީހާ ކޯޓަށް ހާޒިރުކޮށް، ސުވާލުކުރެ އެވެ. އެ ހެކި ހޯދި ގޮތާއި އަދި ފުލުހުންގެ ލެބޯޓްރީއާ ހަމައަށް އެ ހެކި ގެންދިއުމާ ހަމައަށް އެއްވެސް ވަރަކަށް އެއަށް ބަދަލެއް ނާންނަކަން ކަށަވަރުކުރަން ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ކުރިތޯ ކޯޓުން ބަލާނެ އެވެ. މި މަރުހަލާގައި އެއްވެސް މައްސަލައެއް އޮވެއްޖެ ނަމަ، އެ ހެއްކަށް ބުރަދަނެއް ނުދެ އެވެ. މަތީ ކޯޓުތަކުގެ ނިންމުން ވެސް ހުރީ މިގޮތަށެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، މިފަދަ ހެކިތައް ބަލައިގަނެ، ކުށް ސާބިތުވެފައި ވެސް އެބަހުއްޓެވެ. އެކަމަކު ވީޑިއޯ ފަދަ ހެކިތަކަށް ބިނާކޮށް ކުށް ސާބިތުވުމާއި ނުވުން އޮންނަނީ އެ ހެކި ހޯދުމާއި ތަހުލީލާ ހަމައަށް ގެންދިއުމުގެ އިތުރުން އެ ތަހުލީލުން ލިބޭ ނަތީޖާއަށެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކޮށް، މިހާރު ތަސްދީގު ކުރުމުގެ މަގުމަތީގައި އޮތް ހެއްކާބެހޭ އާ ބިލުގައި ވެސް ވީޑިއޯ އާއި އޯޑިއޯ އަދި ފޮޓޯ ފަދަ އިލެކްޓްރޯނިކް ހެކި ބަލައިގަނެވޭނެ ކަމަށް ބުނެފައި އެބައޮތެވެ. އެހެން ނަމަވެސް މިހާރު ވެސް އަމަލުކުރާ އުސޫލުން، އެ ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ހެއްކެއް ހުށަހަޅާ ނަމަ އޭގެ ސައްހަކަން ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ސައްހަކަމާ މެދު ސުވާލު އުފައްދާ ނަމަ، އެކަމާބެހޭ އެކްސްޕާޓުންގެ ބަސް ވެސް ހޯދާނެ އެވެ.

ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ވީޑިއޯ ފަދަ ހެކިތައް ބަލައިގަތަސް، ގިނަފަހަރު މައްސަލަ ދިމާވަނީ ހެކި ހޯދާފައި ހުންނަ ގޮތުންނާއި އޭގެ ނަތީޖާގެ ސަބަބުންނެވެ. އެކަމަކު ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުން ވަރުގަދަ އުސޫލުތަކެއްގެ ތެރެއިން އެކަން ކަށަވަރު ކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"ވީޑިއޯ ބަލައިނުގަންނީއެއް ނޫން. ބައެއް ފަހަރު ހެކި ހޯދާގޮތުން ނުވަތަ އޭގެ ސައްހަކަން ކަށަވަރު ނުވާ އެއްޗަކަށް ވާތީ ބައެއް މީހުން ދޫވެގެން ދަނީ. އެކަމަކު ރަނގަޅަށް ސާފުކޮށް ފެންނަން ހުރިއްޔާމު އަދި ހެކި ހޯދުމުގައި މައްސަލައެއް ނެތިއްޔާ ކޯޓުތަކުން އެބަހުރި ބުރަދަން ދީފައި ވެސް." ވަކީލަކު ވިދާޅުވި އެވެ.

އިލެކްޓްރޯނިކް ހެއްކާއި ފޮރެންސިކް ހެކިތަކަކީ މިހާރު ވެސް ރާއްޖޭގެ ގާނޫނީ ނިޒާމު ބަލައިގެންފައިވާ ހެކިތަކެވެ. އެތައް ޒަމާނެއް ވިޔަސް، މިހާރު އަމަލުކުރާ ހެއްކާބެހޭ ގާނޫނު ވެސް އެކަމަށް ޖާގަދެ އެވެ. އެކަމަކު ކުށް ސާބިތުވުމާއި ނުވުން ބިނާވަނީ މުޅިން އެހެން ސަބަބުތަކަށެވެ.