Roadha Mihaaru
ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް އިތާފުށި ހޮވިއްޖެ

ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް އިތާފުށި ހޮވިއްޖެ

14 ޖުލައި 2022

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓާތަކުގެ ލިސްޓުގެ ތިން ވަނައަށް ހޮވިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓާތަކުގެ ލިސްޓުގެ ތިން ވަނައަށް ހޮވިއްޖެ އެވެ.

އެ ލިސްޓަކީ މަގްބޫލް މަންޒިލްތަކާ ގުޅޭ ހަބަރު ގެނެސްދޭ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަޖައްލާ "ޓްރެވެލް ޕްލަސް ލެޝާ" އިން ކޮންމެ އަހަރަކު ވެސް ހޮވާ ލިސްޓެކެވެ.

އެ މަޖައްލާ އިން ނެރޭ "ވޯލްޑް ބެސްޓް އެވާޑް" ލިސްޓުތަކަކީ ކިއުންތެރިންގެ ސާވޭ އަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްތަކުގެ ލިސްޓުތަކެވެ.

މިއަހަރުގެ ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލަކަށް ހޮވުނީ އިޓަލީގެ ރޯސްވުޑް ކަސްޓިގްލިއަން ޑެލް ބޮސްކޯ އެވެ. އަދި ދެވަނަ ލިބުނީ ގްރީސްގެ ގްރޭސް ހޮޓެލް، އޮބަޖް ރިސޯޓްސް ކަލެކްޝަނަށެވެ.

ރާއްޖެ އަންނަ މަޝްހޫރު ފަންނާނުންނާއި މަހުޖަނުންގެ މެދުގައި މަގްބޫލް އިތާފުށިން ވަނީ ހުޅުވިތާ އަހަރެއްހާ ދުވަސްތެރޭ ޓްރެވެލް ޕްލަސް ލެއިޝާ އެވާޑްގެ ދުނިޔޭގެ އެންމެ ފުރިހަމަ ރިސޯޓުތަކުގެ ލިސްޓުގެ ފަސް ވަނަ 2020 ވަނަ އަހަރު ހޯދައިފަ އެވެ.

މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާފައިވާ އެންމެ މަތީ ފެންވަރުގެ ވަލްޑޯފް އެސްޓޯރިއާ އިތަފުށި ރިސޯޓުގައި 121 ވިލާ ހުރެ އެވެ. މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އާއި މެދުއިރުމަތީގެ ވިޔަފާރިވެރިޔަކު ގުޅިގެން ތަރައްގީކުރި ރިސޯޓެކެވެ. މި ރިސޯޓު ހިންގަމުން އަންނަނީ މަޝްހޫރު ހިލްޓަން އިންނެވެ.