Roadha Mihaaru
ބިލު ތަސްދީގު ކުރުމާއެކު ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ

ބިލު ތަސްދީގު ކުރުމާއެކު ހައި ކޯޓުގެ އައްޑޫ، ކުޅުދުއްފުށި ގޮފި އުވިއްޖެ

17 ޖުލައި 2022

ސަރުކާރު ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއެކު، އައްޑު އާއި ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރު ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއެކު، އައްޑު އާއި ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ އެވެ.

މިދިޔަ މަހުގެ 28 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކޯޓުތަކުގެ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ވާ ގޮތުން ހައި ކޯޓާއި އެ ކޯޓުގެ ހުރިހާ އަޑުއެހުމެއް ހިނގާނީ މާލޭގަ އެވެ. އަދި ހައި ކޯޓަށް އައްޔަންކުރާ ހުރިހާ ފަނޑިޔާރުން ތިއްބަވާނީ ވެސް މާލޭގައި ކަމަށް އެ އިސްލާހުގައި ބުނެފައި ވެ އެވެ.

އެ ބިލު ތަސްދީގު ކުރުމާއެކު، އައްޑޫގައި ގާއިމު ކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮތްޕާއި ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ އުތުރު ގޮފި އުވި، ހުރިހާ މައްސަލައެއް މާލޭގެ ހައި ކޯޓަށް ބަދަލު ވާނެ އެވެ.

އެ ގާނޫނުގައި މިހާރު ބުނާ ގޮތުން އައްޑު އާއި ކުޅުދުއްފުށީގައި ހައި ކޯޓުގެ މިލްކުވެރިކަމުގައި ހުރި ހުރިހާ މުދަލާއި ފައިސާ އަދި ވަސީލަތްތައް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުވާނެ އެވެ.

ޑީޖޭއޭ އިން އެ ގޮފިތަކުގައި މަސައްކަތް ކުރަމުން ދިޔަ މުއައްޒަފުންނަށް އެއާ އެއް ފެންވަރެއްގެ ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހަމަޖައްސައި މުވައްޒަފުން ބަދަލުކުރުމުގެ ކަންކަން ނިންމަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

އެހެން ވަޒީފާއެއް ހަމަޖެހެންދެން އެ މުވައްޒަފުން ތިބޭނީ ޑީޖޭއޭގެ މީހުންގެ ގޮތުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެ އެވެ.

ހައި ކޯޓުގެ ގޮފިތައް އުފައްދާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކާއެކު އެވެ. ނަމަވެސް އެ ގޮފިތައް އުވައިލުމަކީ އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގެ ދަށުން ވެފައިވާ ވައުދެކެވެ.

ސަރުކާރުން ވަނީ މެޖިސްޓްރޭޓްތަކުގެ ބަދަލުގައި ޑިސްޓްރިކްޓް ކޯޓުތައް އުފައްދަން ވެސް ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.