Roadha Mihaaru
އިންޑިއާގެ ކޮންސިއުލޭޓަށް އައްޑޫ މެމްބަރުން ތާއީދު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން މަޖިލީހުގެ އައްޑޫ މެމްބަރުން ތާއީދު

29 މެއި 2021

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވެއްޖެ އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވެއްޖެ އެވެެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އިންޑިއާގެ މައި ސަރުކާރުގެ ކެބިނެޓުން ފާސްކުރި އިރު ދިވެހި ސަރުކާރުން އަދި އޮތީ ގޮތެއް ނުނިންމަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަހުގެ 26 ގައި ބޭއްވެވި ނޫސް ކޮންފަރެންސްގައި ވިދާޅުވި ގޮތުގައި އެކަމާ ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމައިފައެއް ނެތެވެ.

ނަމަވެސް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހެދުމަކިީ އައްޑޫގެ ތަރައްގީއާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށް މި މަހުގެ 17 ގައި ހުވާކުރެއްވި އައްޑޫގެ އާ މޭޔަރު އަލީ ނިޒާނު ވެސް ވިދާޅުވެފައިވެ އެވެ. ހަމައެއާ އެކު މިހާރު މަޖިލީހުގައި ތަމްސީލު ކުރައްވާ އައްޑޫގެ ހުރިހާ މެމްބަރުން ވެސް ތިއްބެވީ އިންޑިއާގެ އެ އެ ނިންމުން ބަލައިގަންނަން ތައްޔާރަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުރުމަކީ ހަމައެކަނި އައްޑު އަށް ލިބޭ ކުރިއެރިމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސިޓީއާ އެކު ކައިރީގައި އޮތް ފުވައްމުމަލަކާ އެކު މުޅި ދެކުނަށް ވެސް އޭގެ ފައިދާކުރާނެ އެވެ.

"އެގޮތުން އިންޑިއާ އިން އައްޑު އަށް ޑައިރެކްޓް ފްލައިޓް ބޭއްވުމަކީ މި ސަރަހައްދުގެ ރައްޔިތުން ދަތުރުފަތުރަށް ކުރަން ޖެހޭ ހެދަ އާއި ވަގުތު ވެސް ކުޑަވެގެން ދާނެ ކަމެއް" ރޮޒައިނާ ވިދާޅުވި އެވެ. "އެހެންވެ ވަރަށް ކޮންސިއުލޭޓަކަށް ވަރަށް އުންމީދުކުރެވޭ."

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވި ގޮތުގައި މި ކޮންސިއުލޭޓަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވެސް އިތުރަށް ވަރުގަދަވެގެން ދާނެ ކަމެކެވެ.

"މިއީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއެރުންތަކެއް ލިބި އައްޑޫ ރައްޔިތުންނަށް އިންޑިއާގެ ވިސާ ހޯދަން ވެސް ފަސޭވެގެން ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އުންމީދުކުރަނީ އިންޑިއާގެ އެ ހުށަހެޅުން ވަރަށް އަވަހަށް ޕްރޮސެސްވެގެން ދާނެ ކަމަށް."

ހުޅުދޫ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި އިންއާގެ ކޮންސިއުލޭޓެއް އައްޑޫގައި ނަހަދަންވީ ސަބަބެއް ނެތެވެ. އޭގެ ސަބަބުތައް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ވެސް އިންޑިއާ ސަރުކާރުގެ 200 މިލިއަން ޑޮލަރުގެ މަޝްރޫއު އައްޑޫގައި އެބަ ހިނގާ. އޭގެ ތެރޭގައި މަދު ހެދުމާއި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރިން ފަދަ ކަންކަން ހިމެނޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ރައީސް ސޯލިހުގެ ސަރުކާރަށް ގޮވާލަން ކޮންސިއުލޭޓް ހަދަން ހުއްދަ ދިނުމަށް."

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވި ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަކީ އޭނާ ވެސް ވަރަށް ތާއީދުކުރައްވާ ކަމެކެވެ. އަދި އެ ތަން ހަދަން އޭނާ ލަފާ ދެއްވަނީ ވެސް ތަމްސީލުކުރައްވާ ދާއިރާގަ އެވެ.

"އަޅުގަނޑު އެދެނީ އެ އޮފީސް [ކޮންސިއުލޭޓް] ފޭދޫގައި ހުޅުވައި ދިނުމަށް. ފޭދު އަކީ އެއާޕޯޓާ އިންވެގެން އޮތް އަވަށްކަމުން އެ އަވަށަކީ މިކަމަށް އެންމެ ރަނގަޅު އަވަށް،" ނިހާދު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓްތަކެއްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވެސް ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަކުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ހިތްވަނީ މިކަމުން ވާން ހުރީ ހަމަ ރަނގަޅުތަކެއް ކަމަށް." އޭނާ ވިދާޅުވި އެވެ.

މޭޔަރު ނިޒާރު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވައިފި ނަމަ އެއީ ބައިނަލްއަގްވާމީ ގޮތުން ވެސް "އައްޑޫ ދެމިގަންނަން" ލިބޭނެ ވަަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ. "މާދަމާ ވެސް އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގައި ބުނެވޭނެ އިންޑިއާގެ ކޮންސިއުލޭޓެއް ވެސް އައްޑޫގައި އެބަހުއްޓޭ. ތިޔަ ބޭފުޅުންނަށް ވެސް އެ ފުރުސަތު އެބައޮތޭ،" އޭނާ ވިދާޅުވި އެވެ. "މިތަން ހުޅުވުމުން އެހެން ގައުމުތަކުގެ ކޮންސިއުލޭޓްތައް ވެސް އައްޑޫގައި ހުޅުވަން ޝައުގުވެރިވާނެ."